އުރީދޫ ދިވެހި ލީގުގައި އއ. މާޅޮސް އަދި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއަކުންނެވެ.
ވަރުގަދަ އެޓޭކިން ފުޓުބޯޅައެއް ފެނިގެންދިޔަ މިމެޗުގެ ދެޓީމަށްވެސް މެޗު ކާމިޔާބު ކުރަން ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ވެފައެވެ.
މެޗުގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗުގެ ފަސްވަނަ މިނިޓުގައި ކުޑަހުވަދޫގެ އިބްރާހިމަ އުޝާމަތުގެ ފަރާތުންނެވެ. މިގޯލްއަށް ފަހު މާޅޮސްއިން ކުޅުން ރަނގަޅުކޮށް ފުރުސަތު ތަކެން ތަނަވަސް ކުރިނަމަވެސް ގޯލެއް ޖެހޭގޮތެއް ނުވިއެވެ.
މާޅޮސްގެ އެޓޭކުތައް ވަރުގަދަ ކުރުމެގެ ނަތީޖާއަކަށްވީ އެޓީމުގެ ސްޕެއިން ފޯވާޑް އޭންހަލް މުނޯޒްއަށް ކުޑަހުވަދޫގެ ކީޕަރު ޔަޒީދް ފައުލު ކުރުމެވެ. 33 ވަނަ މިނިޓުގައި އޭންހަލް ވަނީ ޕޭނެލްޓީ ކާމިޔާބު ކޮށްގެން މެޗުގެ ނަތިޖާ ހަމަހަމަ ކޮށްދީފައެވެ.
ފުރަތަމަ ހާފް ނިމެން ކުޑަތަންވެފައި ވަނިކޮށް ކުޑަހުވަދޫއަށް ޕެނެލްޓީއެއް ލިބުނެވެ. ނަމަވެސް މާޅޮސްގެ ކީޕަރު ޒަމީރު ވަނީ މިޕެނެލްޓީ ދިފާއު ކޮށްފައެވެ.
ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ކުޑަހުވަދޫއިން އަލުން ލީޑުނެގިއެވެ. މި ގޯލް ކާމިޔާބުކޮށްދިނީ އާދަމް ޝަމީމް (އާނާ)އެވެ. ހަނި އޭންގަލް އަކުން އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށްވަނީ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައެވެ.
މާޅޮސްއިން ދެވަނަ ފަހަރަށް އެއްވަރު ކުރީ މެޗުގެ 74 ވަނަ މިނިޓުގައެވެ. މި ގޯލް ކާމިޔާބު ކޮށްދިނީ އޭންހަލްއެވެ. އަރިމަތިން ނަގައިދިން ހުރަހެއް ފުންމައިގެން އަރާ ފައިން ޖައްސައި އޭންހަލް ވަނީ ގޯލްގެ ތެރެއައް ބޯޅަ ފޮނުވާލާފައެވެ.
މެޗުގެ ފަހު ވަގުތު ކޮޅު މާޅޮސްއިން ވަނީ ގަނި ފުރުސަތުތަކެއް ހޯދާފައެވެ. ނަމަވެސް އިތުރު ގޯލްއެއް ކާމިޔާބު ނުކުރެވުނެވެ.