ކުޅިވަރު

އުނދަގޫ މޮޅަކާއެކު ޓީސީ ދެ ވަނަ އަށް

Aug 19, 2017

ގދ. ތިނަދޫއާ ދެކޮޅަށް އުނދަގޫ މެޗެއްގައި، 1-0 ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޓީސީ ސްޕޯޓްސް ކުލަބު، އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

މިއަދު، ހަވީރު ކުޅުނު މެޗުގައި، ޓީސީގެ ހަމައެކަނި ލަނޑު މެޗުގެ 40 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސްޓެވޯޓް ކޯނޭލިއަސް (ކޯނޭ) އެވެ. މެޗުން މޮޅުވުމުން، ލިބުނު ހަ ޕޮއިންޓާއެކު، ޓީސީ އަށް ދެ ވަނަ ލިބެނީ، ލަނޑުގެ ތަފާތުން ކުރި ލިބުމުން ނެވެ. އެ ޓީމަށް ފައިދާ ހަތަރު ގޯލް އެބައޮތެވެ. ތިން ވަނައިގައި އޮތް ނިއުރޭޑީއަންޓާއި ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓަށް ލިބިފައި ވަނީ ވެސް ހަ ޕޮއިންޓެވެ. ނަމަވެސް އެ ދެޓީމަށް އޮތީ ފައިދާ އެންމެ ގޯލެކެވެ.

މެޗުގައި، ޓީސީއަށް ވެސް ވަނީ، ނަތީޖާ ފުޅާ ކުރަން ފުރުސަތުތައް ލިބިފަ އެވެ. އަދި ތިނަދޫ ޓީމަށް ނަތީޖާ ހަމަހަމަ ކުރަން ވެސް ފުރުސަތުތައް ލިބިގެން ދިޔަ އެވެ.

މެޗުގެ 50 ވަނަ މިނެޓް ތިނަދޫ ޓީމުގެ އެލެކްސެންޑާ، އަށް ލިބުނު ބޯޅަ ނުރައްކާކޮށް އޭނާ ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބެރަށެވެ. މެޗުގެ 54 ވަނަ މިނެޓްގައި، ތިނަދޫ ޓީމުގެ އަހްމަދު ރިޒްވާން އިސްމާއީލް (ރިޒޭ) އަށްވެސް ވަނީ، ނުރައްކާތެރި، ބޯޅައެއް ލިބިގެން ގޮސްފަ އެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވެދެ، އޭނާ ފޮނުވާލިބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ. ރީބައުންސް ވެގެން ނިކުތް ބޯޅަ، އެލެކްސެންޑާ ފޮނުވާލަން އުޅުނު ނަމަވެސް، އޭނާ އަށް އެ ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

ޓީސީން ފްރީ ކިކަކުން ތަނަވަސް ކުރި ބޯޅަ، އަލީ ނާފިއު (ކަޅޭ) ބޮލުން ފޮނުވާލި ބޯޅަ އެރީ މައްޗަށެވެ. ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ 75 ވަނަ މިނެޓްގައި، ނާފިއު އަށް ކައުންޓަ އެޓޭކް ފުރުސަތެއްގައި، ލިބުނު ބޯޅަ، ޕެނަލްޓީ އޭރިއާ ހަމަޔަށް ގޮސް، އޭނާ ދިނީ ކޯނޭ އަށެވެ. ކޯނޭ ފޮނުވާލި ބޯޅަ، ތިނަދޫ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލު ވެގެން، އެ ބޮޅަ ދިޔައީ ކޯނަރަކަށެވެ. މެޗެއްގައި، ލިބޭނެ އެންމެ ހުސް ފުރުސަތު، ޓީސީގެ މުހައްމަދު އައްޒާމްއަށް ލިބުނެވެ. ކައުންޓަ އެޓޭކްގައި އޭނާ ލިބުނު ބޯޅަ ހިފައިގެން ގޮސް، ތިނަދޫގެ ކީޕަރު ކައިރިން ނައްޓާލައި، އޭނާ އަށް ހުހަށް އޮތް ތިނަދޫގެ ގޯލަށް ބޯޅަ ޖަހަން ފުރުސަތު ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑި އަށެވެ.

މެޗުގެ އެންމެ ފަހު މިނެޓްގައި، ތިނަދޫއަށް ލިބުނު ކޯނަރެއްގައި، ތަނަވަސްވި ފުރުސަތުގައި އެޓީމުގެ ރޯމާން ބޮލުން ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ވަދެވަދެ އޮއްވައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ޓީސީގެ ކީޕަރު ނޭޕާލްގެ ކިރަން ކުމާރު ލިމްބޫ ވަނީ ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.