ކުޅިވަރު

އިންޑިއާ އަތުން ރާއްޖެއަށް ތަފާތު ބޮޑު ބައްޔެއް

Aug 19, 2017
2

ނޭޕާލްގައި، މިހާރު ކުރިއަށްދާ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި، ރާއްޖެ ކޮޅަށް، ނުވަ ލަނޑު ޖަހައި، ވާދަވެރި އިންޑިއާއިން ރާއްޖެ ލަދު ގަންނަވާލައިފި އެވެ.

ރާއްޖޭގެ، ފުޓްބޯޅައިގައި، އެންމެ ވާދަވެރި، އިންޑިއާ އަތުން ޒުވާން ޓީމު ބަލި ވުމުން، ރާއްޖޭގެ އުމުރު ފުރާތަކުގެ ފުޓްބޯޅަ ކުޅުންތެރިންނަށް، އިތުރު ސާމާލު ކަމެއް ދީ އެ ކުޅުންތެރިން ޑިވްލަޕް ކުރަން ފުރުސަތުތައް ތަނަވަސް ކޮށްދޭން ޖެހޭ ކަން، މިއަދުގެ މެޗަށް ފަހު، ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ.

ވޭތުވެދިޔަ ތިން އަހަރު ތެރޭ، ރާއްޖޭގެ ފުޓްބޯޅަ އިދާރާ އެފްއޭއެމްއިން އުޅުނީ އިންތިހާބީ މައްސަލަތަ ތަކުން ސަލާމަތް ނުވެވިގެން ނެވެ. މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަވާލުވެ، އޭނާ ވަނީ ރާއްޖޭގެ ޒުވާން ޓީމުތަކަށް އިތުރަށް ސަމާލު ކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އެފްއޭއެމްއިން ވަނީ، ޒުވާން ޓީމުތައް ހަރުދަނާ ކުރުމަށް، ފުރަތަމަ ޑިވިޝަންގެ ޓީމު ތަކަށް ކޯޗް ކޮށްދީފައިވާ ތަޖުރިބާ ކާރު ކޯޗުންނާ، ޒުވާން ޓީމުތައް ހަވާލު ކޮށްފަ އެވެ. އެގޮތުން ފަނަރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗްކަން ހަވާލު ކޮށްފައި ވަނީ، ބީޖީ ސްޕޯޓްސް އާއި ވިކްޓަރީގެ ކުރީގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. ސޯޅަ، އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗްކަން ހަވާލު ކޮށްފައި ވަނީ، އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) އަށެވެ.

މިއަދު، ރާއްޖެގެ ޒުވާން ޓީމު ކޮޅަށް އިންޑިއާއިން ޖެހި ނުވަ ލަނޑުގެ ތެރެއިން، ތިން ލަނޑު ޖަހައި ހެޓްރިކް ހެދީ، ރަވީ ބަހާދުރު ރަނާ އެވެ. އިންޑިއާއަށް ފުރަތަމަ ލަނޑު 21 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީވެސް ރަވީ އެވެ.

އިންޑިއާގެ ދެ ވަނަ ލަނޑަކީ، އޭގެ އެއް މިނެޓް ފަހުން ރާއްޖޭގެ، މުހައްމަދު ފައިހާން އިމްރާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އިންޑިއާގެ ތިން ވަނަ ލަނޑު 26 ވަނަ މިނެޓްގައި ކާމިޔާބު ކުރީވެސް ރަވީ އެވެ. ހަތަރު ވަނަ ލަނޑު 41 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ތޮއިބާ އެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓް ތެރޭގައި ރަވީ ވަނީ އިންޑިއާގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށް ހެޓްރިކް ހަދާފަ އެވެ. އަދި، 57 ވަނަ މިނެޓްތެރޭގައި ރިކީ ޖޯން ވަނީ، އިންޑިއާގެ ހަ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ހަތް ވަނަ ލަނޑު 71 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ވިކްރަމް ޕްރަތާޕް އެވެ. އަށް ވަނަ ލަނޑު 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލަލްރޮކިމާ އެވެ. އިންޑިއާގެ ނުވަ ވަނަ ލަނޑަކީވެސް ފައިހާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.