ކުޅިވަރު

މާޒިޔާއަށް ތިން ޕޮއިންޓްގެ ލީޑެއް، މޮޅުވީ ކިރިޔާ

Aug 20, 2017

ށ. މިލަންދޫ އަތުން އެއްވަރުވާން ދަނިކޮށް، މެޗުގެ ފަހު ވަގުތުގައި އަންދުރޭ ކެރިޗް ކާމިޔާބު ކުރި ލަނޑުން ހަނިގޮތަކަށް މޮޅުވެ، މާޒިޔާއިން އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނައިގައި، ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

މާޒިޔާ އެއް ވަނައިގައި އޮތީ، މި މެޗުން ލިބުނު، ތިން ޕޮއިންޓާއެކު، ޖުމުލަ ނުވަ ޕޮއިންޓް ހޯދައިގެން ނެވެ. އެ ޓީމު ކޮޅަށް، އެއްވެސް ލަނޑެއް ވަދެ ފައި ނުވާއިރު، ފައިދާ ހަތް ގޯލް އެބައޮތެވެ.

ދެ ވަނަ އާއި ތިނެއް އަދި ހަތަރު ވަނަ އަށް އޮތް ޓީމަށްވެސް ޕޮއިންޓް ލިބިފައި ވަނީ އެއް ވަރަކަށެވެ. ތިން ޓީމަށްވެސް ހަ ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުން ކުރި ލިބޭތީ، ދެ ވަނައިގައި އޮތީ ޓީސީ އެވެ. އެ ޓީމަށް ފައިދާ ހަތަރު ގޯލް އެބައޮތެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި، ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓަށްވެސް ފައިދާ ގޯލްވެސް އޮތީ އެއް ވަރަކަށެވެ. ނިއު އާއި ގްރީން ކުޅުނު މެޗު، ނިއު ކާމިޔާބު ކޮށްފައި ވުމުން، ހެޑް ޓް ހެޑަށް ބަލައިގެން ތިން ވަނަ އަށް ތަރުތީބު ވެފައި ވަނީ ނިއު އެވެ.

މެޗަށް، ނިކުތް އިރުވެސް، މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ ފާހަގަ ކޮށްފައި ވަނީ، މިލަންދޫ އަކީ ޑިފެންސިވްގައި، ޑިސިޕްލިން ޓީމެއް ކަމަށެވެ. އެހެންވެ، މާޒިޔާއަށް، އެ ޓީމާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ކަންވީ ވެސް އެހެންނެވެ. މާޒިޔާއިން ކާމިޔާބު ކުރި ލަނޑަކީވެސް، މިލަންދޫގެ ކުޅުންތެރިންނަށް ހެދުނު މިސްޓެއްގައި ކާމިޔާބު ކުރި ލަނޑެކެވެ. މިލަންދޫއަށް ލިބުނު ހިލޭ ޖެހުން ރަނގަޅަށް ފޮނުވާ ނުލެވުމުން، މާޒިޔާގެ ކުޅުންތެރިންނަށް ލިބު ފުރުސަތެއްގައި ކާމިޔާބު ކުރި ލަނޑެކެވެ.

މެޗުގެ 83 ވަނަ މިނެޓްގައި، މިލަންދޫގެ ހާފުގެ މެދެއްހާ ހިސާބުން، އެޓީމަށް ލިބުނު ހިލޭ ޖެހުން، މުހައްމަދު އަރީފު، ފޮނުވާލީ ސީދާ، މެދުން މާޒިޔާގެ ހާފުގެ މެދެއްހާ ހިސާބުގައި ހުރި، މުހައްމަދު އިރުފާން (އިރޭ) އާ ދިމާލަށެވެ. އިރޭ ބޮލުން، އެ ބޯޅަ ދިނީ، މިލަންދޫގެ ހާފުގެ ތެރޭގައި ހުރި އިސްމާއީލް އިސާ (މެސީ) އަށެވެ. އީސަ ބޯޅަ ދިނީ، ޕެނަލްޓީ އޭރިއާ ދިމާލުން، ހުސްވަމުން ދިޔަ، އަސްހަދު އަލީ (އަޑޭ) އަށެވެ. އަޑޭ ބޯޅަ ހިފައިގެން، މިލަންދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، އޭނާ ބޯޅަ ފޮނުވާލީ ގޯލާ ދިމާލަށް ވާގޮތަށް، ބޯޅައަށް އެރި ކެރިޗް އަށެވެ. ކެރިޗް ވަނީ އެއް ފަހަރުން، އެ ބޯޅަ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

މެޗުގައި މާޒިޔާއިން ވަނީ، ލަނޑު ޖަހާނެ، ގިނަ ފުރުސަތުތަކެއް، ތަނަވަސް ކޮށްފަ އެވެ. އެގޮތުން މެޗު ފެށިގެން ތިން ވަނަ މިނެޓްގައި، މާޒިޔާގެ ކަޕްޓަން އަސަދުﷲ އަބްދުﷲ ނަގައިދިން ހުރަހެއްގައި، ހަސަން ޝިފާޒް (ޑުންގާ) އަށް، މިލަންދޫގެ ގޯލް ތެރެއަށް ޖަހަން ލިބުނު ނަމަވެސް، އޭނާ އަށް ރަނގަޅަށް އެބޯޅަ ފޮނުވާ ނުލެވި ބޯޅަ، ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ނުވަ މިނެޓްގައި،ވެސް އަސަދުﷲ ވަނީ ކެރިޗަށްވެސް ބޯޅަ އެއް ތަނަވަސް ކޮށްދީފަ އެވެ، ނަމަވެސް ކެރިޗް ފޮނުވާލި ބޯޅަ، ދިޔައީ މާބޮޑަށް މަތިން ނެވެ.