ކުޅިވަރު

އަލަށް ޕްރަމޯޓްވީ ޖިރޯނާއިން އެތުލެޓިކޯ ހުއްޓުވައިފި

Aug 20, 2017

ސްޕެނިޝް ލީގްގައި، މުޅިން އަލަށް ވާދަ ކުރާ، ޖިރޯނާ އެފްސީ އަތްދަށުނުވެ، އެތުލެޓިކޯ މެޑްރިޑް ފަހު ވަގުތު ކާމިޔާބު ކުރި ލަނޑު ތަކުން 2-2 އެއްވަރު ވެގެން ނިމިއްޖެ އެވެ.

މެޗުގައި، އެތުލެޓިކޯގެ އެންޓޯން ގްރީޒްމަން ރަތް ކާޑު ދެއްކައި ވަނީ ދަނޑުން ފޮނުވާލާފަ އެވެ. އޭނާ އަށް ރަތް ކަޑު ދެއްކީ، ރެފްރީއަށް ނިސްބަތް ކޮށް ބޭއަދަބީ ބަހުން މުހާތަބު ކުރުމުން ނެވެ. މެޗުގެ 67 ވަނަ މިނެޓްގައި، ގްރީޒްމަންއަށް ޖިރޯނާގެ ޕެނަލްޓީ އޭރިއާ ތެރެއިން، ގްރީޒްމަން އަށް ލިބުނު، ބޯޅަ، ހުއްޓުވަން ނިކުތް، ޖިރޯނާގެ ކީޕަރު ގޮރުކާ އިރައިސޮސްގެ ފައިގައި އަޅާ ގްރީޒްމަން ވެއްޓުމުން، އޭނާ އަމިއްލައަށް ޑައިވް ކުރި ކަމަށް ބަލައި ރެފްރީ ދެއްކީ ރީދޫ ކާޑެކެވެ. ރީދޫ ކާޑު ދެއްކުމުން، ގްރީޒްމަން ވަނީ ރެފްރީއާ ދިމާލަށް، ހަޑި ހުތުރު ބަހުން އެއްޗެއް ބުނެފަ އެވެ. އެކަމާ ގުޅިގެން ރެފްރީ ދެއްކީ، ވަގުތުން އޭނާ އަށް ރަތް ކާޑެވެ.

މެޗުގައި، ޖިރޯނާގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ، ކްރިސްޓިއާނޯ ސްޓްއާނީ އެވެ. އޭނާ ދެ ލަނޑު ޖެހީވެސް، ބޮލުން ނެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 22 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު ޖެހީ 25 ވަނަ މިނެޓްގައެވެ.

މެޗުގެ 41 ވަނަ މިނެޓްގައިވެސް، ޖިރޯނާއަށް ވަނީ، ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެ ޓީމުން އުފެއްދި ހަމަލާއެއް، ޖިރޯނާގެ ޕަބެލޯ މާފޯ އަށ ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް، އެ ބޯޅަ ގޯލްތެރެއަށް ވަދެވަދެ އޮއްވައި، އތުލެޓިކޯގެ ކީޕަރު ޖޭން އޮބްލެކް ބޯޅަ ދިފާއު ކުރީ ގޯލް ރޮނގު މަތިން ނެވެ.

ދިހަ ކުޅުންތެރިންނަށް މަދުވި ނަމަވެސް، އެތުލެޓިކޯއިން ވަނީ، ހަމަލާތައް އުފައްދާފަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު، 78 ވަނަ މިނެޓްގައި އޭންހަލް ކޮރެއާ ކާމިޔާބު ކުރީ، އޭނާ އަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ ބޭރު، ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެން ނެވެ.

އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަ ކޯށްދިން ލަނޑު، ހޯސޭ ހިމެނޭޒް އެވެ. ޖިރޯނާގެ ހާފުގެ މެދެއްހާ ހިސާބުން، އެތުލެޓިކޯއަށް ލިބުނު ހިލޭ ޖެހުން، ކޯކް، ފޮނުވާލި ބޯޅަ، ދީފާއު ކުރަން، އިރައިސޮސް ނިކުމެ، ބޯޅަ ހިފައިހިފައި އޮއްވާ، ހިމެނޭޒް ވަނީ އެ ބޯޅަ، ބޮލުން ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

ރޭ، ސެވިއްޔާ އާއި އެސްޕަނޯލް، ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެން ނެވެ. މިރޭ، ބާސެލޯނާއާ ރެއާލް މެޑްރިޑް ކުޅޭ މެޗުތައް ވެސް އޮންނާނެ އެވެ. ބާސާ އަމިއްލަ ދަނޑުގައި ނިކުންނާނީ، ރެއާލް ބެޓިސްއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 11:15 ގަ އެވެ. ރެއާލް މެޑްރިޑް ރަށުން ބޭރުގައި ނިކުންނާނީ ޑިޕޯޓީވޯ ލަކަރޫނިއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 1:15 ގަ އެވެ.