ދުނިޔެ

އެމެރިކާ މަނަވަރެއް ތެޔޮ ޓޭންކަރެއްގައި ޖެހި 10 މީހުން ގެއްލިއްޖެ

އެމެރިކާގެ މަނަވަރެއް ސިންގަޕޫރު ކައިރިން ދަތުރުކުރި ތެޔޮ ޓޭންކަރެއްގައި ޖެހި އެ މަނަވަރުން 10 މީހުން ގެއްލިއް ފަސް މީހުން ޒަހަމްވެއްޖެ އެވެ. މިއީ ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި އޭޝިއާ ސަރަހައްދުގައި އެމެރިކާގެ މަނަވަރެއް މަދަނީ އުޅަނދެއްްގައި ޖެހުނު ދެވަނަ ފަހަރެވެ.

އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނީ ގައިޑެޑް މިސައިލް ޑެސްޓްރޯޔާއެއް ކަަމަށްވާ ޔޫއެސްއެސް ޖޯން އެސް މެކެއިން ޖެހުނީ ލައިބީރިއާގައި ރަޖިސްޓްރީކޮށްފައިވާ އަލްނިކް އެމްސީ ނަމަކަށް ކިޔާ ޓޭންކަރުގައި ކަމަށެވެ. އެހާދިސާ ހިނގީ ޔޫއެސްއެސް ޖޯން އެސް މެކެއިން ސިންގަޕޫރު ބަނދަރަށް ދަތުރުކުރަނިކޮށެވެ.

އެމެރިކާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުރަތަމަ މަނަވަރުގެ ވައަތް ފަޅިއަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުރަތަމަ ލިބުނު ރިޕޯޓުން އެނގޭ ކަމަށެވެ.

ގެއްލިފައިވާ ފަޅުވެރިން ހޯދަން ސިންގަޕޫރުގެ ކަނޑުގެ ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންްނެވެ. އެ މަސައްކަތުގައި އެމެރިކާގެ ވައިގެ ސިފައިންގެ މަތިންދާ ބޯޓުތަކާއި ހެލިކޮޕްޓަރުތަކާއި ޓަގުބޯޓްތަކާއި އަންނަނީ ބޭނުން ކުރަމުންނެވެ. ސިންގަޕޫރުގެ އިތުރުން އަވަށްޓެރި މެލޭޝިއާއިން ވެސް ވަނީ މީހުން ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފަ އެވެ.

އެކްސިޑެންޓަށް ފަހުގައި ވެސް އެމެރިކާގެ މަނަވަރު އޮތީ އޭގެ ޒާތުގައި ދުއްވޭ ހާލަތެއްގަ އެވެ. ނަމަވެސް ޓޭންކަރަށް ވީގޮތެއް އަދި ރަނގަޅަކަށް އޮޅުމެއް ނުފިލައެވެ.

ލައިބީރިއާގައި ރަޖިސްޓްރީކޮށްފައިވާ އެ އުޅަނދަކީ 183 މީޓަރު ދިގު 50760 ޓަނުގެ އުޅަނދެކެވެ.