ހަބަރު

އަމާނާ ތަކަފުލްއިން ހިއްސާގެ ފައިދާ ބަހަނީ

އަމާނާ ތަކަފުލް އިން 2017 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ވިޔަފާރީގެ ފައިދާގެ ފަސް ޕަސެންޓް ހިއްސާދާރުންނަށް ބަހަން ނިންމައިފި އެވެ.

އަމާނާ ތަކަފުލް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މިއަހަރުގެ ޖުލައި 31 ވަނަ ދުވަހާއި ހަމައަށް އެ ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 4.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ހިއްސާގެ ސާފު ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ހިއްސާއެއްގެ މޫނުމަތީ އަގުގެ ފަސް ޕަސެންޓް ދިނުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ. އަދި މިމަހު 30 ވަނަ ދުވަހާއި ހަމައަށް އެ ކުންފުނީގެ ހިއްސާ ބަލައިގެންފައިވާ ފަރާތްތަކަށް ހިއްސާގެ ފައިދާ ބެހުމަށް ނިންމާފައިވާ ކަމަށް އަމާނާ ތަކަފުލް އިން ބުންޏެވެ.

އަމާނާ ތަކަފުލް އިން ބުނީ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ސާފު ފައިދާ 21 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް 24.3 މިލިއަން ބައިވެރިންނަށް ދީފައިވާ ކަމަށާއި ބަދަލުދިނުމަށްފަހުވ ވެސް ރިސްކް ފަންޑަށް ވަނީ 27 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައި ކަމަށް އެކުންފުނިން ބުންޏެވެ.

އަމާނާ ތަކަފުލްގެ ހިއްސާދާރުންގެ ފަންޑުން މިދިޔަ އަހަރު މި މުއްދަތާ އަޅާބަލާއިރު 19 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އެއީ އިންވެސްޓްމަންޓްތަކާއި އެހެނިހެން އާންމުދަނީ އިތުރުވުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.