ހަބަރު

ނައިޓް މާކެޓް މޭޒެއް 5750 ރުފިޔާއަށް

އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު މާލެ އިންޑަސްޓްރިއަލް ވިލެޖް، ސިނާއީ އަވަށުގައި ބާއްވަން ހަމަޖެހިފައިވާ ނައިޓް މާކެޓްގައި މޭޒެއް ވިއްކަން ހަމަޖެހިފައިވަނީ 5750 ރުފިޔާއަށް ކަމަށް ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ ބުނެފި އެވެ. އަދި އެ މާކެޓް ކުރިއަށް ގެންދާނީ 10 ދުވަހުގެ މުއްދަތަކަށް ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ވިޔަފާރިވެެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އުސްމާއިލް އާސިފް ވިދާޅުވީ، މޭޒު ހޯދަން ނަންނޯޓް ކުރުން މިދިޔަ ބުދަ ދުވަހު ހުޅުވާލި ކަމަށާއި ދެ ދުވަހަށް ނަންނޯޓް ކުރުން ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ދެދުވަހުގެ ތެރޭގައި ވަރަށް ގިނަ ފަރާތްތަކުން ނަންނޯޓް ކޮށްފައިވާ ކަމަށާއި އެސްޓިމޭޓް ކުރި އަދަދަށްވުރެ އިތުރަށް 300 މީހުން ނައިޓް މާކެޓުން މޭޒު ހޯދަން ނަންނޯޓް ކޮށްފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ، އެ ޖަމިއްޔާގެ ބޭނުމަކީ ނައިޓް މާކެޓްގައި ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ދިނުން ކަމަށާއި މޭޒު ބަހައްޓާނެ ވަކި އަދަދެއް އަދި ކަނޑަނާޅައި ކަމަށެވެ. އަދިވެސް އެ ސަރަހައްދު ސާވެ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އާސިފް ވިދާޅުވި ގޮތުގައި، އެ ސަރަހައްދަކީ ސިނާއީ ބޮޑު މަޝްރޫއެއް ކުރިއަށްދާ ސަރަހައްދެއް ކަމުން އެ ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކަށް އުނދަގޫ ނުވާނެހެން ބާޒާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ސަރަހައްދަކީ ޓްރެފިކް ބާރުކުޑަ ސަރަހައްދެއް ކަމުން ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް ފަސޭހަ ވާނެ ކަމަށެވެ.

"ނަންނޯޓް ކުރަން ހުޅުވާލި ފުރުސަތު މިވަނީ ހަމަވެފަ، ދެދުވަަހުގެ ތެރޭގައި ވަރަށް ގިނަ ފަރާތްތަކުން ނަންނޯޓް ކޮށްފައިވޭ، އޯވާ ބުކް ވެފައި މިވަނީ، އިތުރަށް 300 ފަރާތަކުން ނަންނޯޓް ކޮށްފައިވޭ، އެންމެ ފުރަތަމަ ނަންނޯޓް ކުރި ފަރާތްތަކަށް ފުރުސަތު ދެވިގެންދާނީ، ނައިޓް މާކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 ދުވަހަށް، މޭޒެއް ވިއްކަނީ 5750 ރުފިޔާ އަށް،" އާސިފް ވިދާޅުވި އެވެ.

ވިޔަފާރިވެރިން "ދުވަސްވެފައި ހުންނަ" މުދާ ވިއްކަން ޗާންދަނީ މަގުގައި އެންމެ ފުރަތަމަ ބޭއްވި ނައިޓް މާކެޓު ތަރައްގީވެ، މިހާތަނަށް ބާއްވަމުން އައީ ބޮޑުތަކުރުފާނު މަގުގަ އެވެ. މިބާޒާރު ބޭއްވުމުގެ މަސައްކަތް ސަރުކާރުން ގޯމީޑިޔާ ކިޔާ ކުންފުންޏަކާވެސް ކުރިން ހަވާލު ކުރި އެވެ. މި ބާޒާރު ވެގެން ދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ.