ހަބަރު

ޝަކުވާ ބޮޑުވާތީ ޓްރެފިކް ލައިޓުތައް އަލުން ޖައްސަނީ

ޓްރެފިކް ލައިޓްތައް ނިއްވާލައި، އޭގެ ބޭނުން ނުކުރާތީ މާލެގެ ތޮއްޖެހުން އިތުުރުވެފައިވާ ކަމަށް ބުނެ އާންމުންގެ ޝަކުވާތައް ލިބެން ފެށުމުން ލައިޓުތައް ޖައްސާ ބޭނުންކުރަން ފަށައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު މިރޭ ވިދާޅުވީ ލައިޓުތައް ޖައްސަން ފަށާފައިވަނީ މިއަދު ކަމަށެވެ. އެގޮތުން މިހާރު އަމީނީ މަގުގައި ހުންނަ ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލް ހުންނަ ސަރަހައްދުގައި ގާއިމްކޮށްފައިވާ ޓްރެފިކް ލައިޓު ޖައްސާ މިހާރު ވަނީ ބޭނުން ކުރަން ފަށާފަ އެވެ.

މަހުދީ ވިދާޅުވީ އެހެން މަގުތަކުގައި ހަދާފައި ހުރި ޓްރެފިކް ލައިޓުތައް ޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބައެއް ލައިޓުތަކުގައި މައްސަލަ ޖެހިފައި ހުރުމުން މަރާމާތު ކުުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިތުރު މަގުތަކުގައި ޓްރެފިކް ލައިޓުތައް ހަރުކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށާއި އެކަމަށް ގޮތެއް ނިންމާނީ ހުރިހާ ލައިޓެއް ބޭނުންކުރަން ފަށާފައި ކަމަށެވެ. ލައިޓުތައް ބޭނުންކުރަން ފެށުމަށްފަހު އެކަން ބަރާބަރަށް މޮނީޓާ ކުރަމުން އަންނާނެ ކަމަށް ވެސް މަހުދީ ވިދާޅުވި އެވެ.

މާލޭ މަގުތަކުގައި ތޮއްޖެހުން އިތުރުވާތީ ޓްރެފިކް ލައިޓްތައް ބޭނުން ކުރަން ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކެމެރާ ހަރުކޮށްފައި ހުންނަ ސްމާޓް ޓެފިކް ލައިޓް ސިސްޓަމްތައް ގާއިމްކޮށް ޒަމާނީ ފެންވަރަށް ގެންނަން ރާވާފައިވާ ކަމަށެވެ.

މާލޭގެ މަގުތަކުގައި ޓްރެފިކް ލައިޓް ޖަހައި ބޭނުން ކުރަން ފަށާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގައި އިލްޔާސް އިބްރާހިމް ހުންނެވި ދުވަސްވަރު އޭރު އެކަމާ ވަރަށް ގިނަ ބަޔަކު ދެކޮޅު ހަދަނިކޮށެވެ.