ހަބަރު

މަސީހާއެކު މަޖިލިސް ކުރިޔަށް ގެންދަން ފުރުސަތު ނުދޭނަން: އިދިކޮޅު

މާދަމާއަށް އެޖެންޑާކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ޖަލްސާ ވެސް ކުރިޔަށް ގެންދިޔަ ނުދޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ. މަޖިލީހުގެ ޖަލްސާއެއް މިދިޔަ މަހު 31 ވަނަ ދުވަހު ބޭއްވުމުން ވެސް އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވަނީ އިހުތިޖާޖުކޮށް ޖަލްސާ ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅާފަ އެވެ.

އޭގެ ދުވަސްތަކަކަށް ފަހު މާދަމާއަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކުރުމާ ގުޅިގެން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ތަރުޖަމާނު އަދި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވީ މާދަމާ މަޖިލީހުގައި ޖަލްސާ ބާއްވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންނަވައިގެން ޖަލްސާ ކުރިޔަށް ގެންދިޔުމުގެ ފުރުސަތެއް ނުދޭނެ ކަމަށާއި އެޖެންޑާގައި ފުރަތަމަ އޮންނަން ވާނީ މަސީހުގެ އިތުބާރު ނެތް މައްސަލަ ކަމަށެވެ.

"މާދަމާ އެޖެންޑާގައި އޮންނަން ޖެހޭނީ މަސީހުގެ ނޯ ކޮންފިޑެންސް ވޯޓު، އޭގެ އިތުރުން ފާރިސް ހާޒިރުކޮށްދޭން ޖެހޭނެ، އަދި ގޮނޑި ގެއްލިފައި ކަމަށް ބުނާ އަށް މެންބަރުންނަށް ވެސް މަޖިލީހަށް ވަދެވެން ޖެހޭނެ،" މަހުލޫފް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ޖަލްސަގައި އިދިކޮޅު މެންބަރުން ރިޔާސަތުގައި ހުންނަވައިގެން އިހުތިޖާޖު ކުރުމުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން އައިސް މެންބަރުން އެތަނުން ދުރަށް ޖެއްސި އެވެ. މަސީހު ރިޔާސަތަށް ވަޑައިގަނެވުނީ ވެސް ސެކިއުރިޓީގެ އެހީގަ އެވެ. ނަމަވެސް ޖަލްސާ ކުރިޔަށް ގެންދެވޭ ގޮތެއް ނުވި އެވެ.

އެރޭ މަޖިލީހުގެ ފާހަނާގައި އޮތް ޓިޝޫތަކެއްގައި އަލިފާން ރޯވުމާގުޅިގެން މަހެއްހާ ދުވަސް ޖަލްސާތައް މެދުކަނޑާލާފައި އޮތުމަށް ފަހު މާދަމާއަސް އެޖެންޑާކޮށްފައި ވަނީ ސްރީލަންކާގެ ސަފީރު ކަމަށް މުހައްމަދު ހުސެން ޝަރީފް (މުންދު) ހަމަޖެެއްސުމަށް ރައިސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ މައްސަލަ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަނަރު ކަމަށް އަހުމަދު ނަސީރުގެ ނަން ހުށަހެޅުމެވެ. އޭގެ އިތުރުން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގައި ރާއްޖެ ބައިވެރިވުމާ ބެހޭ މައްސަލައަށް ދިރާސާ ކުރަން ފޮނުވުން ވެސް މަދަމާ އަށް ވަނީ ތާވަލުކޮށްފަ އެވެ.

ޖަލްސާތައް އަލުން ފަށާއިރު އިދިކޮޅު ފަރާތްތަކުން ވަނީ އެޓާނީ ޖެނަރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތް މައްސަލަ ވެސް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލާގެ ނޯޓިސް ވެސް މެންބަރުންނަށް ފޮނުވާފައެއް ނުވެ އެވެ.