ދުނިޔެ

ޓްރަމްޕްގެ ބަހުގެ ހަމަލާތައް މިފަހަރު ޕާކިސްތާނަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ޕާކިސްތާނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

އެމެރިކާގެ ވާޖީނިއާ ސްޓޭޓްގެ އާލިންޓަން ނަމަކަށް ކިޔާ ރަށުގައިވާ މިޔާ ނަމަކަށް ކިޔާ މަރުކަޒުގައި އިއްޔެގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކަށް ރައްކާތެރިކަން ދޭ ދިނުމާއި މެދު ދެން ހިމޭނުން ނުތިބެވޭނެ ކަމަށެެވެ.

" އަހަރެމެން މިއަންނަނީ ޕާކިސްތާނަށް އެތައް ބިލިޔަން ޑޮލަރެއް ދެމުން. އެހެން އެކަން އޮއްވައި އެމީހުން އުޅެނީ އަހަރެމެން އެބަޔަކާ ހަނގުރާމަ ކުރާ ޓެރަރިސްޓުންނަށް ޖާގަ ދީގެން. އެކަން ވަގުތުން ބަދަލުވާން ޖެހޭ،" ޕާކިސްތާނަށް ބޮޑު ތުހުމަތެއް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ޕާކިސްތާނަށް ފާޑުވިދާޅުވުމަށް ފަހު ޓްރަމްޕް ވަނީ އަފްޣާނިސްތާނުގައި އެމެރިކާއަށް އެހީވުމަަށް އިތުރަށް މަސައްކަތް ކޮށްދޭން ޕާކިސްތާނުގެ އަވަށްޓެރި އަދި ދުޝްމަން އިންޑިއާއަށް ގޮވައިލައްވާފައެވެ.

" އަފްޣާނިސްތާނުގެ ސުލްހައަށް އިންޑިއާއިން ކޮށްދޭ މަސައްކަތް އަހަރެމެން ފާހަގަ ކުރަން. އެކަމަކު އެމެރިކާއާ ކުރާ ވިޔަފާރިން އިންޑިއާ ދަނީ އެތައް ބިލިޔަން ޑޮލަރެއް ހޯދަމުން. އަދި އަހަރެން އެދެނީ އަފްޣާނިސްތާނުގެ ކަންތަކުގައި އެމީހުން އަހަރެމެންނަށް އިތުރަށް އެހީތެރިވާން. ހާއްސަކޮށް އިގުތިސާދީ އެހީއާއި ތަރައްގީގެ ދާއިރާއިން،" ޓްރަމްޕް ވިދާޅުވިއެވެ.

ޕާކިސްތާނަށް ޓްރަމްޕް މިހާ ބޮޑަށް ފާޑުވިދާޅުވުމުގެ ކުރިން އޭނާގެ ސަރުކާރުގެ އެހެން ބައެއް ބޭފުޅުން ވެސް ވަނީ ޕާކިސްތާނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ހަމަ އެއާ އެކު ޓްރަމްޕާއި ސަރުކާރުގެ އެހެން ބޭފުޅުން ގެންދަވަނީ އިންޑިއާއަށް ތައުރީފުކުރައްވަމުންނެވެ.