ހަބަރު

ސަރުކާރު އެމްޕީއިންގެ ރުޅިގަދަވެ އިންޓަވިއުއަށް ހުރަސްއަޅައިފި

މަޖލީހުގެ ޖަލްސާއަށް ފަހު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ނޫސްވެރިންނަށް މައުލުމާތު ދެއްވަނިކޮށް ސަރުކާރު ތަމްސީލު ކުރާ ޕީޕީއެމްގެ މެންބަރުން އިންޓަވިއުއަށް ހުރަސް އަޅާ އަޑުގަދަކޮށްފި އެވެ.

މަޖިލީހުގެ އިދާރާ ބޭރުގައި ތިބި ނޫސްވެރިންނަށް އިންތި މައުލޫމާތު ދެއްވަނިކޮށް ޕީޕީއެމްގެ މެންބަރުން އެކަމަށް ހުރަސް އަޅާފައިވާ އިރު އިދިކޮޅު މެންބަރުން މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ ހަޅުތާލުކޮށްފަ އެވެ. އަދި ޖަލްސާ ނިންމާލުމުން ޕީޕީއެމް މެންބަރުން ތިއްބެވި މަޖިލީހުގެ ސައި ކޮޓަރިއަށް ވަދެ އެ މެންބަރުންނާ ދެކޮޅަށް ވަނީ އަޑު އުފުލާފަ އެވެ.

އެ މައްސަލާގައި ބައެއް ޕީޕީއެމް މެންބަރުން ހިތްހަމަ ނުޖެހިގެން ޓީވީތަކުން ލައިވް ކުރަމުން ދިޔަ އިންޓަވިއުއެއްގެ މެދަށް ވަދެ ވަނީ އަޑުގަދަކޮށްފަ އެވެ. އެ މެންބަރުން ވިދާޅުވަމުން ދިޔައީ ފޭސްބުކް އިން ލައިވް ކުރަމުން ސައިކޮޓަރިއަށް ވަދެގަންނަން ނުޖެހޭ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކަވަނީ ދޮގު ވާހަކަތައް ކަމަށް ވިދާޅުވެ އަޑު އުފުލަމުން ދިޔަ އެވެ. އިންޓަވިއުއަށް ހުރަސް އެޅީ އިނގުރާދޫ ދައިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އެވެ.

އެ މެންބަރުން އިންޓަވިއުއަށް ހުރަސް އެޅިޔަ ނުދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ ބައްޕަ މުހައްމަދު ހައްސާން ދިޔައީ މަސައްކަތް ކުރަމުންނެވެ. ހައްސާން ވަނީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާއި އިމްތިޔާޒާއި ދެމެދަށް ވަދެ އިންޓަވިއު ކުރިޔަށް ގެންދިޔުމަށް މަގުފަހިކޮށްދީފަ އެވެ.

ޕީޕީއެމް މެންބަރުން އިންޓަވިއުއަށް ކުރިޔަށް ދިޔަ ވަގުތު އަޑުގަދަ ކުރަމުން ދިޔަ ނަމަވެސް އެ އިންޓަވިއު ހުއްޓާލާފައެއް ނުވެ އެވެ. ނަމަވެސް އިރުކޮޅެއް ފަހުން އަޑުގަދަ ކުރި މެންބަރުން އަލުން ވަނީ މަޖިލީހުގެ ތެރެއަށް ވަދެފަ އެވެ. އޭރު ވެސް އިންތި ވަނީ އިންޓަވިއުގައި ވާހަކަދައްކަވަމުންނެވެ.