މަރުގެ ހުކުމް

މަރުގެ ހުކުމް ތަންފީޒުކުރަން ބޮޑު ތާއީދެއް އެބަ އޮތް: މުންދު

ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒު ކުރަން ފަށަން ރައްޔިތުންގެ ބޮޑު ތާއީދެއް އެބަ އޮތް ކަމަށާއި އެހެންވީމާ އެކަން ކުރިއަށް ގެންދާނެ ކަމަށް ސްރީލަންކާއަށް ކަނޑައަޅުވާ އާ ސަފީރު ކަމަށް ނިންމާފައިވާ މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގައި ހުންނަވައިގެން ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވެފައި ވަނީ މަރުގެ ހުކުމް ތަންފީޒުކުރަން ނިންމުމަކީ ކޮންމެ ސަރުކާރަކަށް ވެސް އުނދަގޫ ނިންމުމެއް ކަމަށެވެ.

"މިވަގުތު ރާއްޖޭގެ ރައްޔިތުންގެ ބޮޑު ތާއީދެއް އޮތީ ތަންފީޒުކުރަން. އެއީ ކޮންމެ ސަރުކާރަކަށް ވެސް އުނދަގޫ ނިންމުމެއް. އެކަމަކު ސަރުކާރަކަށް ޖެހޭނީ ކުށެއްނެތް ރައްޔިތުންގެ ފުރާނަ ރައްކާތެރި ކުރަން،" މުންދު ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ މަރުގެ ހުކުމް ތަންފީޒުކުރަން އުޅެނީ ރާއްޖޭގައި އިތުރުވަމުން އަންނަ ކުށްތަކެއް ކަމަށްވާ މީހުން މެރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެެވެ. އެގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި 50 އަށް ވުރެ ގިނަ ގަތުލު ރާއްޖޭގައި ހިނގާފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ރޮއިޓާސްގެ ހަބަރުގައި ބުނެގައި ވަނީ މުހައްްމަދު ހުސައިން ޝަރީފަކީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ އިސް މުޝީރެއް ކަމަށެވެ. އަދި އޭނާއަކީ ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) ގެ ފޮރިން ރިލޭޝަންސްގެ ވެރިޔާ ކަމަށެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު ވީފަހުން އެ އަދަބު އަލުން ތަންފީޒުކުރަން ފަށަން އުޅޭތީ ބައެއް ގައުމުތަކުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ވަނީ ފާޑުކިޔާފައެވެ. އަދި އެކަން އެގޮތަށް ނުކުރުަމަށް އެފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. ނަމަވެސް ރައީސް ޔާމީނު ދާދިފަހުންވެސް ވިދާޅުވެފައި ވަނީ މަރުގެ ހުކުމް ތަންފީޒުކުރަން ރާއްޖޭގައި ފަށާނެ ކަމަށެވެ.

މިހިނގާ އޮގަސްޓްމަހުގެ ހަވަނަ ދުވަހު އަންނަ ސެޕްޓެމްބަރުމަހު މަރުގެ ހުކުމް ތަންފީޒުކުރަން ފެށޭ ވަރަށް އިންތިޒާމުތައް ހަމަޖެހޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެހާ ތަނަށް މަރުގެ ހުކުމް ތަންފީޒުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމައި އިސްލާމީ ކައުންސިލިންނާއި ވާރިސުންގެ ބަހާއެކު އެކަން ކުރަންޖެހިއްޖެ ބައެއްގެ މައްޗަށް އެކަން ކުރެވޭ ގޮތަށް އަޅުގަނޑުމެންގެ ނިޒާމްތައް އިންތިޒާމްތައް ހަމަޖެހިގެންދާނެ،" ރައީސް އެދުވަހު ވިދާޅުވިއެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލެވެ.