ކުޅިވަރު

މިލަންދޫއަކީ ތޯތޯ ޓީމެއް ނޫން، ޓީސީން ސަމާލު ވާނެ

Aug 23, 2017

ށ. މިލަންދޫ ޓީމަކީ، ތޯތޯ ޓީމެއް ނޫން ކަމަށާއި މެޗަކަށް ފަހު މެޗަކުން އެ ޓީމުން ބޮޑު ކުރިއެރުންމެއް ހޯދަމުން އަންނަ ކަމަށް، ދިވެހި ޕްރިމިއާ ލީގްގައި މިއަދު މިލަންދޫއާ ދެކޮޅަށް ނިކުންނަ ޓީސީ ސްޕޯޓްސްގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

ނިޒާމް ބުނީ، އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް، މިލަންދޫ ކުޅުނު މެޗުގައި އެޓީމުން ދަނޑު މަތީގައި ދެއްކި ހިތްވަރު ފާހަގަ ކުރަން ޖެހޭ ކަމަށާއި 100 ޕަސަންޓް ޓީސީން މެޗުގައި އިތުރު ހިތްވަރެއް ލާނެ ކަމަށެވެ.

ނިޒާމް މީގެ ކުރިން ބުނެފައި ވަނީ، ލީގްގައި އެންމެ އުނދަގޫ މެޗުތަކަކަށް ވާނީ މިނިވަން ޗެމްޕިއަންޝިޕްގެ ޓީމުތަކާ ދެކޮޅަށް ކުޅޭ މެޗުތައް ކަމަށެވެ. އޭނާ ވަނީ، މިލަދޫއާ ދެކޮޅަށް ނިކުންނައިރުވެސް އެކަން ފާހަގަ ކޮށްފަ އެވެ.

"މިހަލަ މެޗުތަކުގައި އެންމެ ފުރަތަމަ ލިބޭ ފުރުސަތުތަކުގައި ސްކޯ ނުކުރެވިއްޖެ ކަމަށްވާނަމަ ދެން ވަރަށް ބޮޑަށް އުނދަގޫ ވާނެ،" ނިޒާމް ބުންޏެވެ. "އެންމެ މިނެޓެއްވެސް ދަނޑު މަތީގައި ފަސޭހަ އެއް ނުވާނެ... 100 ޕަސަންޓް ޔަގީން ޓީސީން އިތުރަށް މަސައްކަތް ކޮށް އިތުރަށް ސަމާލުވާން ޖެހޭނެ ކަން."

ނިޒާމް ބުނީ، މިލަންދޫއާއެކު އެ ޓީމުގެ ކޯޗް މުހައްމަދު ނާސިރު ކުރަމުންދާ މަސައްކަތައް ތައުރީފް ހައްގު ކަމަށެވެ.

"ނާސިރަށް ތައުރީފް އެންމެ ހައްގުވާ ސަބަބަކީ މިދިޔަ މެޗު ނިމިގެން ދިޔައިރުވެސް އިދިކޮޅަށް ކުޅުނު ޓީމަކަށް [މާޒިޔާ އަށް] ނެތް މާބޮޑު ފުރުސަތުތަކެއް އޯޕަން ކޮށްލެވިފަ އެއް، މަދު ފުރުސަތުތަކެއް ލިބިގެން ދިޔައީ މިހާ ކޮމްޕެކްޓްކޮށް މުޅި ޓީމު 90 މިނެޓް ހިފަހައްޓާ ލެވުމަކީ އެޓީމުގެ ކޯޗްގެ ރޭވުންތެރި ކަމާއި ކުޅުންތެރިންގެ ޑިސިޕްލިން." ނިޒާމް ބުންޏެވެ.

އޭނާ ބުނީ، މިލަންދޫ ޓީމަކީ ހަމައެކަނި ޑިފެންސިވް ޓީމެއް ކަމަށް ބުނެވެން ނެތް ކަމަށާއި ކައުންޓަ އެޓޭކްތަކުގައިވެސް އެ ޓީމުން ނުރައްކާ ކޮށްފައި އެބަހުރި ކަމަށެވެ.

"ވަރަށް އުފާވޭ ނާސިރުގެ ކެރިއަރުގައި މިހާރު އެ ކުރަމުންދާ މަސައްކަތް ނާސިރަކީ ރާއްޖޭގެ ޓޮޕް ލެވަލްގައި ކުޅެފައި ހުރި ކުޅުންތެރިޔެއް ނެޝަނަލް ޓީމަށްވެސް ކުޅެފައި ހުރި ކުޅުންތެރިޔެއް، ވަކި ހިސާބަކުން އަޅުގަނޑާއެކު ކުޅުންތެރިޔެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ހުރި ކުޅުންތެރިޔެއް ވަރަށް އުފާވޭ ކުޅުން ހުއްޓާލާފަ މިއަދު ނާސިރު ކޯޗިން ފީލްޑަށް ނިކުމެ އެ ކުރަމުންދާ މަސައްކަތް، ދެން ވަރަށް ބޮޑަށް ހިތްހަމަޖެހޭ އެ ދައްކަމުންދާ މަސައްކަތް ކުޑަ ޓީމެއް ގޮވައިގެން ނިކުމެ އެ ކުރަމުންދާ މަސައްކަތަކީ ކެރިއަރުގައި ވަރަށް ބޮޑަށް ހިތްވަރެއް ލިބިގެންދާނެ ކަމެއް." ކޯޗެއްގެ ގޮތުގައި ނާސިރަށް އިރުޝާދު ދިން ނިޒާމް ބުންޏެވެ.

ނާސިރު ބުނީ ޓީސީއަކީ ވަރަށް އަވަސް ގޭމެއް ކުޅޭ ޓީމެއް ކަމަށާއި އެންމެ ބޮޑު ސަމާލު ކަމެއް ދޭނީ ޓީސީގެ އެ އަވަސް ގޭމް ހުއްޓުވޭނެ ގޮތަކަށް ކަމަށެވެ. އޭނާ ބުނީ، ނިޒާމްގެ ކޯޗް ކަމުގެ ދަށުން އޭނާ ކުޅުނު އިރުވެސް ގިނަ ކަންކަމެއް އޭނާ އަށް އެނގިގެން ދިޔަ ކަމަށެވެ.