ކުޅިވަރު

ސެކްލޮސްކީގެ ބޮޑު އަމާޒު މާޒިޔާގެ ރެކޯޑް ދެމެހެއްޓުން

Aug 23, 2017

ޕްރިމިއާ ލީގްގައި، މިހާތަނަށް މާޒިޔާއިން ކުރިއަށް ދަނީ، މާލޭ ލީގްގެ ފުރަތަމަ ބުރުގައި އެ ޓީމުން ދެމެހެއްޓި މޮޅުވުމުގެ ރެކޮޑާއެކު އެވެ. ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދާފައިވާއިރު، ބައިކޮޅަށް އެންމެ ގޯލެއްވެސް ވަދެފައެއް ނުވެ އެވެ. ދިވެހި ޕްރިމިއާ ލީގްގައި، މިރޭ، އެ ޓީމުން ނިކުންނާނީ ގދ. ތިނަދޫއާ ދެކޮޅަށެވެ.

މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ ބުނީ، ތިނަދޫއާ ދެކޮޅަށްވެސް އޭނާގެ އަމާޒަކީ އެ ރެކޯޑް ދަމަހައްޓައި، ތާވަލުގެ އެއް ވަނައިގައި ދަމަހައްޓަމުން އަންނަ ލީޑް ދެމެހެއްޓުން ކަމަށެވެ. ތާވަލުގެ އެއް ވަނައިގައި، އެ ޓީމަށް ތިން ޕޮއިންޓްގެ ލީޑެއް މިހާރުވެސް އެބައޮތެވެ. މިރޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން، ސެކްލޮސްކީ ބުނީ، ތިނަދޫގެ ބިދޭސީ ކުޅުންތެރިންނަކީވެސް މޮޅު ކުޅުންތެރިންތަކެއް ކަމަށާއި ދިވެހި ކުޅުންތެރިންގެ ތަޖުރިބާ ވެސް އެ ޓީމުގައި ބޮޑު ކަމަށެވެ.

މި ހަފުތާގެ މެޗުތަކަށް ފަހު، އޭޝިއަން ކަޕް ކޮލިފައިނަގައި، އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރު ވުމަށް ލީގް މެދު ކަނޑާލާނެ އެވެ. ސެކްލޮސްކީ ބުނީ ލީގް މެދު ކަނޑާލާއިރު، މާޒިޔާ ލީޑްގައި ބޭއްވުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

މިހާރު ގަލޮޅު ދަނޑުގެ ވިނަ ގަނޑުގެ ހާލަތު އޮތް ގޮތުން، އެކަމުގެ ކަންބޮޑުވުން ސްކޮލޮސްކީ ވަނީ ފާހަގަ ކޮށްފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުގައިވެސް ރަނގަޅަށް ބޯޅަ ފޮނުވާ ނުލެވުމާއި ޕާސްތައް އެންމެ އެކިއުރޭޓްކޮށް ފޯރުކޮށް ނުދެވުމުގެ މައްސަލަ އޭނާ ފާހަގަ ކުރި އެވެ.

ތިނަދޫއާ ދެކޮޅަށް، ނިކުންނަ މެޗުގައި، ސެކޮލޮސްކީއަށް އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީ، ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ނުކުޅެވުމެވެ. އެންމެ ފަހުން، ށ. މިލަނދޫއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް އަސަދުﷲ ކުޅެފަ އެއް ނުވެ އެވެ. ސެކްލޮސްކީ ބުނީ، އަސަދުﷲ އަށް ކުޅެވޭނެ ކަން އެނގޭނީ އެމްއާރްއައި ހެއްދުމަށްފަހު ކަމަށެވެ.

އޭނާ ވަނީ މާޒިޔާގެ ސީރިޔާގެ ކީޕަރު މަހްމޫދު އަލް ޔޫސުފް ދައްކަމުންދާ ކުޅުމަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ މަހްމޫދު ދައްކަމުންދާ ކުޅުމުން، ފޯވަޑުންނަށް ވެސް ވަރަށް ބޮޑު އިތުބާރެއް ލިބޭ ކަމަށެވެ.