ކުޅިވަރު

އަސައްކޮ ބާކީ ކޮށް، ދަގަނޑޭ ސްކޮޑްގައި ހިމަނައިފި

Aug 23, 2017

އަނިޔާގައި ހުރި، މާޒިޔާގެ ފޯވަޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) ގައުމީ ސްކޮޑުން ބާކީ ކޮށް، މެޑިކަލް ޓެސްޓްތަކަށް ފަހު، ނިއު ރޭޑިއަންޓްގެ އަލީ އަޝަފްގާ (ދަގަނޑޭ) ޓީމުގައި ހިމަނައިފި އެވެ.

އަންނަ މަހު ފަސް ވަަނަ ދުވަހު، އޮމާންއާ ދެކޮޅަށް ކުލެން ހަމަޖެހިފައިވާ މެޗަށް އެކުލަވާލި ސްކޯޑް އިއުލާން ކުރިިއރު، 23 ކުޅުންތެރިންގެ ލިސްޓްގައި އަޝްފާގްގެ ނަމެއް ހިމަނާފައި ނުވެ އެވެ. އަޝްފާގް ނުހިމެނުނު ސަބަބާ ބެހޭގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) އޭރު ވިދާޅުވީ، އަޝްފާގް މަޑުކޮށްގެން ހުރީ ފިޓްނަސް ރިޕޯޓްގެ ނަތީޖާ ލިބެން ދެން ކަމަށާއި، ނަތީޖާއިން އޭނާގެ ނަމާ މެދު ވަކިގޮތެއް އެނގިގެން ދާނެ ކަމަށެވެ.

މިއަދު އެފްއޭއެމުން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، އަސައްކޮގެ މެޑިކަލް ރިވިއު ހެއްދުމަށް ފަހު، އޭނާ ފިޓް ނޫން ކަމަށް ރިޕޯޓުން އެނގިފައިވާ ކަމަށާއި އެހެންވެ، އޭނާ ސްކޮޑުން ބާކީ ކޮށްފައިވާ ކަމަށެވެ. އަދި އަޝްފާގްގެ މެޑިަކަލް ރިވިއުއަށް ފަހު، އޭނާ ފިޓްކަމަށް، މެޑިކަލް ޓެސްޓްތަކުން ފާސް ވެފައި ވުމުން، އަޝްފާގް ޓީމުގައި ހިމާނާފައިވާ ކަމަށެވެ.

މިއަހަރު، ގައުމީ ޓީމު ކުޅުނު ތިން މެޗުގައި، އަނިޔާގެ ސަބަބުން އަޝްފާގް ކުޅެފައެއް ނުވެ އެވެ. އެހެންވެ، ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުންދަނީ ޑިފެންސިވް މިޑްފީލްޑާ އަސްހަދު އަލީ (އަޑޭ) އެވެ.

މާޒިޔާގެ ކޯޗް މަރުޔަން ސެކޮލޮސްކީ ވެސް ވަނީ އަސަދުﷲ އަނިޔާގައި ހުރމުން، އެކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. މާޒިޔާއިން އެންމެ ފަހުން މިލަންދޫ ޓީމާ ދެކޮޅަށް ކުޅޭ މެޗުގައިވެސް އޭނާ ކުޅެފަ އެއް ނުވެ އެވެ. ސެކްލޮސްކީ އިއްޔަ ބުނީ، އަސަދުﷲ އަށް ކުޅެވޭނެ ކަން ވެސް އަދި އަނިޔާއާ ބެހޭގޮތުން އެއްޗެއް ބުަނަން އެނގޭނީވެސް އެމްއާރްއައި ހެއްދުމަށްފަހު ކަމަށެވެ.