ކުޅިވަރު

މުޅި އޭޝިއާ ވާދަކޮށް ބޮޑީ ބިލްޑިންއިން ރާއްޖެއަށް ރަން މެޑަލް

Aug 23, 2017

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ، އޭޝިއަން ބޮޑިބިލްޑް އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި، އޭޝިއާގެ ވަރުގަދަ ގައުމުތަކާ ވާދަ ކޮށް، ރާއްޖޭގެ ޝާހީން އިބްރާހިމް ދީދީ 55 ކިލޯގެ ބޮޑިބިލްޑް ކެޓަގަރީން ރަން މެޑަލް ހޯދައިފި އެވެ.

މިމަހު ނިމިގެން ދިޔަ މިސްޓަ މޯލްޑިވްސްގެ ދެވަނަ ހޯދި ޝާހީން އެވެ. އޭޝިއާގެ ބޮޑީ ބިލްޑް ޗެމްޕިއަންޝިޕްގައި، 89 ގައުމަކުން ވާދަ ކުރެ އެވެ. 55 ކިލޯގެ ބޮޑީ ބިލްޑިން ކެޓަގަރީގައި ޝާހީން ވާދަ ކުރީ މުބާރާތް ބާއްވާ ގައުމު ދެކުނު ކޮރެއާ އާއި ޗައިނާ އާއި ތައިލެންޑާއި އިންޑިއާ، ވިއެޓްނާމް އަދި މޮންގޯލިއާގެ އިތުރުން ނޭޕާލް ބޮޑީ ބިލްޑަރުން ނެވެ.

އެ ކެޓަރީގެ އެއް ވަނަ ޝާހީން ހޯދިއިރު، ދެ ވަނަ ހޯދީ މޮންގޯލިއާގެ ޗުލުންބަޒަރު އެވެ. ތިން ވަނަ ހޯދީ ނޭޕާލްގެ ކަމާލް ބަހަންދަރީ އެވެ. ހަތަރު ވަނަ އަކީ ތައިލެންޑްގެ ޕްރަސާތު ޖިއާން ޗަޓަޗަވަލަވޮންގް އެވެ. ފަސް ވަނަ ހޯދީ އިންޑިއާގެ މުރުގަސަން ރަމަމްރުތީ އެވެ.

އޭޝިއަން ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ ފަސް ބޮޑީ ބިލްޑަރުން ޥާދަ ކޮށްފައި ވެ އެވެ. މިސްޓަ މޯލްޑިވްސްގައި، ޝާހީން ވަނީ ލައިޓް ވެއިޓް ބައިގެ އެއް ވަނަ ހޯދާފަ އެވެ. މިފަހަރުގެ މިސްޓަ މޯލްޑިވްސްގެ އެއް ވަނަ މުހައްމަދު ޔާމީން (ޔާމްބެ) އެވެ.