ކުޅިވަރު

މިލަންދޫއިން ޓީސީ ހުއްޓުވައިފި

Aug 23, 2017

ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު، މެޗު ލެނޑެއް ޖެހިޔަ ނުދީ އެއްވަރުކޮށް، ށ، މިލަންދޫއިން، ޓީސީ ހުއްޓުވައިފި އެވެ.

ދިވެހި ޕްރިމިއާ ލީގްގެ މިދިޔަ ދެ އަހަރުގެ ދެ ވަނަ ހޯދި ޓީސީއާ އެއްވަރު ކުރުމަކީ، ލީގްގެ ބްރޭކަށް ދާއިރު، މިލަންދޫގެ ކޯޗް މުހައްމަދު ނާސިރަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އޭނާ ބުންޏެވެ.

މެޗަށް، ނިކުތުމުގެ ކުރިންވެސް، ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ، މިލަންދޫއާ ދެކޮޅަށް ކުޅޭ މެޗުގެ ކޮންމެ މިނެޓަކީވެސް އުނދަގޫ ވަގުތު ކޮޅަކަށް ވެގެންދާނެ ކަމަށެވެ. އަދި މެޗުގެ ކުރީ ކޮޅު ފުރުސަތުތައް ތަނަވަސް ކޮށް، ބޭނުން ނުހިފިއްޖެނަމަ، މުޅި މެޗުގައި އުނދަގޫ ވެގެންދާނެ ކަން ނިޒާމް ފާހަގަ ކުރި އެވެ.

ކަންވީވެސް އެހެންނެވެ. މެޗުގެ ފުރަތަމަ ދިހަ މިނެޓެއް ހާއިރު، މިލަންދޫއިން ވަނީ ޓީސީ ހުއްޓުވުމުގައި ޑިފެންސް ޓައިޓް ކޮށްގެން ކުޅެފަ އެވެ. ނަމަވެސް، ފަހުން ޑިފެންސް ހުޅުވާލައި، ހަމަލާ އުފެއްދުމަށް މިލަންދޫ ޓީމުން މަސައްކަތް ކުރި އެވެ. ނަތީޖާ އަކަށްވީ ޓީސީން ހަމަލާ އުފެއްދުމާއެކު ޑީފެންސަށްވެސް ސަމާލު ކަން ދީގެން ކުޅެން ޖެހުމެވެ.

މެޗުގައި ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތުވެސް ތަނަވަސް ކުރީ، މިލަންދޫ ޓީމުން ނެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓްގައި، މިލަންދޫގެ އިޝާން އިބްރާހިމް (ސައްޓު) ޓީސީގެ ކުޅުންތެރިޔެއްގެ ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އޭނާ ބޯޅަ ދިނީ، އޭރިއާ ތެރޭގައި، ހުރި އާދަމް އިމްރާން އަށެވެ. އޭނާ ފޮނާވަލި ބޯޅަ ތިރިތިން ގޮސް އަމާޒުވީ ގޯލްގެ ދަނޑީގެ ތިރިއަށެވެ. މިއަދު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ވެސް އާދަމް އިމްރާން އެވެ.

މެޗުގައި، އާދަމް އިމްރާނަށް ވަނީ ލަނޑު ޖަހާނެ ދެ ވަނަ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. މެޗުގެ 61 ވަނަ މިނެޓްގައި، އިބްރާހިމް ސައީދު ހުރަސް ކުރި ފުރުސަތެއްގައި، އިމްރާން ބޮލުން ފޮނުވާލުމުން ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ޓީސީއަށް، މެޗުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ސްޓެވާޓް ކޯނޭލީއަސް (ކޯނޭ) އަށެވެ. މެޗުގެ 35 ވަނަ މިނެޓްގައި ޓީސީގެ ކީޕަރު، ކިރަން ކުމާރު ލިމްބޫ ސައްޕު ޖަހައި ފޮނުވާލި ބޯޅަ ލިބުނީ، މިލަންދޫގެ ހާފުގެ މެދެއްހާ ހިސާބުގައި ހުރި، ކޯނޭ އަށެވެ. އޭނާ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ، މިލަންދޫގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ދިފާއު ކުރީ އެވެ.

މެޗުގެ 21 ވަނަ މިނެޓްގައި، ކޯނޭ ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅަ، ޖަހަން އަރާ ހުރީ އިބްރާހިމް މަހްދީ ހުސައިން ނެވެ. ރަނގަޅު ބޯޅަ އެއް ނަމަވެސް އެބޯޅަ ދިޔައީ މަހްދީ ބޮލުން ޖެހޭ ހިސާބަށްވުރެވެސް މާ މަތިން ނެވެ. މެޗުގެ 25 ވަނަ މިނެޓްގައި ޓީސީގެ މުހައްމަދު އައްޒާމް ވެސް ވަނީ، މިލަންދޫގެ ހާފުގެ ތެރެއަށް ބޯޅައެއް ހުރަސް ކޮށްފަ އެވެ. ޕެނަލްޓީ އޭރިއާ ތެރޭގައި ޓީސީގެ ދެ ކުޅުންތެރިން ތިބި ނަމަވެސް އެބޯޅަ ޓީސީގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން، މިލަންދޫގެ ޑިފެންޑަރުން ވަނީ ބޯޅަ ދިފާއު ކޮށްފަ އެވެ.