ކުޅިވަރު

ބޮކުރިގެ ގޯލާއެކު ތިނަދޫ އަތުން މާޒިޔާއަށް ޕޮއިންޓެއް

ދިވެހި ޕޮރިމިޔާ ލީގުގައި މާޒިޔާއާއި ގދ. ތިނަދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ގޯލްޖަހައި ކުރިހޯދީ ތިނަދޫއިންނެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ހުސއެިން ނިޔާޒް (ބޮކުރި) ކާމިޔާބު ކޮށްދިން ގޯލާއެކު މާޒިޔާ ތިނަދޫ އަތުން ސަލާމަތްވީ އެވެ.

މެޗުގެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މާޒިޔާއިން ކުޅުނު ނަމަވެސް ތިނަދޫއިން ވަނީ ކައުންޓާ އެޓޭކުގައި މާޒިޔާގެ ޑިފެންސްލައިން ފޫއަޅުވާލައި މާޒިޔާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ތިނަދޫގެ ގިނަ ހަމަލާތަކެއް މާޒިޔާގެ ކީޕަރު މަލްމޫދް އަލް ޔޫސުފް ވަނީ ދިފާއު ކޮށްފައެވެ.

ފުރަތަމަ ހާފްގައި މާޒިޔާގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ތިނަދޫގެ ގޯލްއަށް ނުރައްކާ ވާވަރުގެ ހަމަލާތަކެއް ފޮނުވައެއް ނުލެވެއެވެ. މުޅި މެޗުގައި ވެސް މާޒިޔާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ އެ ޓީމުގެ ކެޕްޓަން އަސަދުއްﷲ އަބްދުއްﷲ ނެތް ތަންކޮޅެވެ. އޭނާއަށް ވަނީ މާޒިޔާ އާއި މިލަންދޫ ކުޅުނު މެޗުގައި އަނިޔާވެފައެވެ. ބެލެވޭގޮތުގައި ތިން ހަފްތާއަށް ކުޅުމާ ދުރުގައި ހުއްނަން ޖެހޭނެއެވެ.

މެޗުގެ ފުރަތަމަ ގޯލްފެނިގެން ދިޔައީ މެޗުގެ 83 ވަނަ މިނިޓުގައެވެ. މި ގޯލް ތިނަދޫއަށް ކާމިޔާބު ކޮށްދިނީ އަހްމަދް ނިޔާޒެވެ. އަރިމަތިން އަހުމަދު ރިޒްވާން ހުރަސް ކޮށްދިން ބޯޅަ ނިޔާޒް ޕެނަލްޓީ އޭރިޔާ ރޮނގުމަތީ ހުރެ އެއް ފަހަރުން ޖަހާ ފޮނުވާލީ ގޯލްގެ ތިރީ ކަނަށެވެ. އޭގެ އިރުކޮޅެއް ފަހުން ތިނަދޫގެ ބިދޭސީ ފޯވާޑް އަވީލިއާ މާޒިޔާގެ ދެ ކުޅުންތެރިން ކާރިން ކަޓުވާލުމަށްފަހު ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

ތިނަދޫ މޮޅަކާ ދިމާއައް ދަނިކޮށް މާޒިޔާގެ ހުސެއިން ނިޔާޒް (ބޮކުރި) މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު އޭނާ ކަމިޔާބު ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަަގުތުގެ ތެރޭގައެވެ.

މިމެޗުގެ ނަތީޖާއާއެކު މާޒިޔާ އޮތީ ހަތަރު މެޗު ކުޅެގެން ލިބުނު 10 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގަ އެވެ. ތިނަދޫ އޮތީ ހަތަރު މެޗުން ލިބުނު 5 ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގަ އެވެ.