ކުޅިވަރު

އިތުބާރު ދަމަހައްޓަން ސޮބާ ތިން ޕޮއިންޓްގެ އަމާޒުގައި

Aug 24, 2017

ބްރޭކަށް ދާއިރު، އިތުބާރު ދަމަހައްޓަން، މިއަދު ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗުން ތިން ޕޮއިންޓްގެ ހޯދަންޖެހޭ ކަމަށް، ގްރީން ސްޓްރިޓްގެ ކޯޗް ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

މިއަދު ކުޅޭ، ދެ މެޗަށް ފަހު، ލީގް މެދުކާނޑާލަނީ، އޭޝިއަން ކަޕް ކޮލިފައިންގައި، އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށެވެ. މިއަންނަ މަހުގެ ފަސް ވަނަ ދުވަހު އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އޮމާންގަ އެވެ.

ސޮބާ ބުނީ ކުޑަހުވަދޫ ޓީމުގައި ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ހުރި ކުޅުންތެރިޔަކު ނެތް ނަމަވެސް މިހާރު ފެނިފައިވާ މެޗުތަކުން އެ ޓީމާ ދެކޮޅަށް ވެސް ފަސޭހަކޮށް ނެގެން ނޯންނާނެ ކަމަށެވެ. ސޮބާ ވަނީ ބިދޭސީ ކުޅުންތެރިޔެއް ނުހިމަނައި ކުޅެމުންދާ ށ. މިލަންދޫ ޓީމުން މާޒިޔާ އާ ދެކޮޅަށް ދެއްކި ހިތްވަރު ފާހަގަ ކޮށްފަ އެވެ. މީގެ އިތުރުން އިއްޔެ މިލަންދޫއިން ވަނީ ޓީސީން ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފަ އެވެ.

"މި ފެނުނު މެޗުތަކަށް ބަލާއިރުގައި ލީގް ފެށި އިރަށް ވުރެ ދެ މެޗު ތިން މެޗު ކުޅެލިއިރުގައި މާބޮޑަށް ވެސް ޓީމުތަކުގެ އިމްޕްރޫވްމަންޓް ފެނިއްޖެ،" ސޮބާ ބުންޏެވެ. "ކުޑަހުވަދޫއަށް ބަލާލައިރު މޯހަން [މުހައްމަދު ޝިޔާޒު] ކޯޗާއެކު ވަރަށް ރަނގަޅަށް ކުޅެމުން އަންނަނީ، ބޯޅަތައް ތެޅުވުމުގެ ބަދަލުގައި އަދި އެއްކޮށް ޑިފެންސް ކުރުމުގެ ބަދަލުގައި ލިބުނީމަ ބިރު ކަނޑާލާފައި ވަދެ ރަނގަޅަށް ކުޅޭތަން އަޅުގަނޑަށް ފެނޭ."

އޭނާ ބުނީ، އިދިކޮޅަށް ނުކުންނަ ޓީމު އަންޑައެސްޓިމޭޓް ނުކޮށް ރަނގަޅަށް ކުޅެފިނަމަ މޮޅުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މެޗުން ޕޮއިންޓް ގެއްލި ޖެއްނަމަ ވަރަށް ބޮޑަށް ޓީމު ފަހަތަށް ވެއްޓިގެން ދާނެ ކަމަށެވެ.

ސޮބާ ވަނީ ކުޑަހުވަދޫ ޓީމުގެ އާދަމް ޝަހީމްގެ ކުޅުން ވަރަށް ބޮޑަށް ފާހަގަ ކޮށްފަ އެވެ. އޭނާ ބުނީ ކުޑަހުވަދޫއިން ލީގްގައި ކުޅުނު މެޗުތައް ބެލުމުން، އެ ކުޅުންތެރިންނާ ދެކޮޅަށް ކުޅޭނެ ގޮތުގެ ހިޔާލުތަކެއް ލިބިފައިވާ ކަަމަށެވެ.

"ޕާސަނަލީ އެޓީމު މާ ބޮޑަކަށް ނޭނގޭ، އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކުރެވޭ އެޓީމުގެ ނަންބަރު ހަތެއް [އާދަމް ޝަހީމް] ހާއްސަކޮށް ސަމާލުވާން ޖެހޭ ކުޅުންތެރިޔެއް އެއީ."

މިއަދުގެ މެޗަކީ، ސޮބާއަށް ކޯޗް ކޮށްދިން މޯހަންއާ ދެކޮޅަށް ކޯޗެއްގެ ގޮތުގައި އޭނާ ނިކުންނަ ފުރަތަމަ މެޗެވެ. ސޮބާ ބުނީ މޯހަން އަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި މުހިންމު ފަރާތެއް ކަަމަށެވެ. ދެހާސް އެއް ވަނަ އަހަރު، 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަނަކަށް ސޮބާ ހުރިިއރު، އެޓީމުގެ ކޯޗަކީ ވެސް މޯހަން ކަން އޭނާ ފާހަގަ ކުރި އެވެ. އަދި ސީނިއާ ޓީމާއި ކުލަބު ލެވަލްގައިވެސް މޯހަންގެ ދައުރު އޭނާގެ ކެރިއަރުގައި ބޮޑުކަން ފާހަގަ ކުރި އެވެ. ސޮބާ ވަނީ މޯހަންގެ އިރުޝާދުގެ ދަށުން ނިއު އަށްވެސް ކުޅޭފަ އެވެ.