ނިއު ރޭޑިއަންޓްގެ ސްޓައިލަށް ބަދަލު ގެނެސްފައިވާ ކަމަށާއި ދެން އޮތީ ނަތީޖާ ނެރެން ކުރަން ޖެހޭ މަސައްކަތް ކަމަށް، އެ ޓީމުގެ އެސިސްޓެންޓް ކޯޗް އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފި އެވެ.
"ނިއު ރޭޑިއަންޓް މި ފަހުން މި ފެށީ ސްޓައިލް ބަދަލު ކޮށްގެން،" މިރޭ، އއ. މާޅޮސްއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ފަށަމުން ސަމްޕަތު ފުރަތަމަ ވެސް ބުނީ މިހެން ނެވެ.
"މިދިޔަ މެޗުގައިވެސް ފެނުނު ވަރަށް ރަނގަޅަށް ކުޅުނު ތަން ފިނިޝަނިން ނެތީ، އެހެންވީމަ ސްޓައިލް ބަދަލުކޮށް ގެން މިހާރު ނިއު ރޭޑިއަންޓް މިތިބީ ނަތީޖާ ނެރެން ހިފާފަ، މިހާރު ބޮޑަށް ނަތީޖާއަށް މި މަސައްކަތް ކުރަނީ،"
އޭނާ ބުނީ ގޯލް ޖެހުން ފިޔަވައި އެހެން ހުރިހާ ކަމެއް ވެސް މިހާރު އޮތީ ވަރަށް ރަނގަޅަށް ކަަމަށެވެ. ނިއުގައި އިންޑަވިޖުއަލް ހުނަރު މިހާރު ނުފެންނާނެ ކަމަށާއި މިހާރު މަސައްކަތް ކުރަނީ ކޮމްބިނޭޝަން ފުޓްބޯޅައަށް ކަަމަށް ސަމްޕަތު ބުންޏެވެ.
"ކޮމްބިނޭޝަން ފުޓްބޯޅާގައި ވަކިވަކި ކުޅުންތެރިން އެނަޖީ ސަލާމަތް ކުރެވޭނެ [އަލީ ފާސިރު] ސެންޓޭ މެން [އަލީ] އަޝްފާގް [ދަގަނޑޭ] މެން ކުޅުން މާ މޮޅަށް ފެންނާނެ."
އުފެދޭ ސުވާލަކީ ނިއުގެ ސްޓައިލް ބަދަލު ކޮށްފި ކަމަށް އެ ޓީމުން ބުނާއިރު އެ ސްޓައިލް އެފެންވަރެއްގައި ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދެވިދާނެތޯ އުފެދޭ ސުވާލެވެ.
"އެއް ފެންވަރެއްގައި ނުހިފެހެއްޓިގެން މި އުޅެނީ،" ސަމްޕަތު ޖަވާބު ދިނެވެ. "މިދިޔަ މެޗުގައިވެސް އެއް ހާފު ވަރަށް ރަނގަޅަށް ކުޅެވުނު، ރިޒަލްޓް ނައީމަ ޕްރެޝަރާ ކުރިމަތި ލާން ޖެހޭ އެހެންވެ ދެ ވަނަ ހާފުގައި އެކަން ރިކަވާ ކުރަން މަސައްކަތް ކުރީ، މާޅޮސް މެޗަށް ފަހު ދެން މިއޮތީ މިލަންދޫ މެޗު އެ ދެމެޗުގައި ބޮޑަށް މަސައްކަތް ކުރަނީ ނަތީޖާ ނެރެން."
މިރޭގެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން، އޭނާ ބުނީ މާޅޮހަކީ ދެރަ ޓީމެއް ނޫން ކަމަށާއި މިރޭގެ މެޗަށް ވެސް ނިއު އިން ވަރަށް ރަނގަޅަށް ތައްޔާރު ވެފައިވާ ކަމަށެވެ.
މާޅޮސްގެ ހެޑް ކޯޗް އަލީ ނިޝްތާރު މުހައްމަދު ބުނީ، ނިއުއާ ދެކޮޅަށް ކުޅުނު ކަމުގައި ވިޔަސް މާބޮޑަށް ފާހަތަށް ފައިބައިގެން ޑިފެންސް ކުރަން ނުވިސްނާނެ ކަމަށާއި ޑިފެންސް ކުރަން އުޅެފިނަމަ މާ ބޮޑަށް ލަނޑު ލިބޭނެ ކަމަށެވެ.
"ނިއު ރޭޑިއަންޓަކީ، އިންޑަވިޖުއަލީ އެންމެ މޮޅު ކުޅުންތެރިން ތިބި ޓީމު، އެހެން ނަމަވެސް ކޮމަން ގޭމެއް ކުޅެން ވިސްނަނީ،" ބީޖީގެ އެސިސްޓެންޓް ކޯޗްކަންވެސް ކުރިން ކުރި ނިޝްތާރު ބުންޏެވެ. "ހަމަ އޯޕަން ކޮށް ކުޅެން އަޅުގަނޑުމެން ވިސްނަނީ މާބޮޑަށް ފަހަތަށް ފައިބައިގެން ކުޅެން އުޅެއްފިއްޔާ މާބޮޑު ލަނޑެއް ކަންނޭންގެ ލިބޭނީ."
އޭނާ ބުނީ، ނިއުރޭޑިއަންޓަށް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާ ލެވޭ ކޮންމެ ވަގުތަކީ ނިއު އަށް ޕްރެޝަރު އަންނާނެ ވަގުތެއް ކަމަށާއި މެޗުގެ ކުރީ ކޮޅު ގޯލެއް ނުވަދެ ސަލަމަތް ކުރެއްވިއްޖެނަމަ މެޗުގައި ޕޮޒިޓިވް ނަތީޖާ އެއް ނެރެވޭނެ ކަމަށެވެ.
ފަހަތުގައި ތިބެ ޑިފެންސް ނުކޮށް ކުޅޭ ވާހަކަ، ނިޝްތާރު ފާހަގަ ކުރުމުން ސަމްޕަތު ބުނީ އެއީ ނިއު އަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި މުޅި މެޗުގައިވެސް ރީތި ގޭމެއް ފެނިގެންދާނެ ކަމަށެވެ.
"ވަރުގަދަ މާޒިޔާ ވެސް ނިއު ރޭޑިއަންޓާ ދެކޮޅަށް ފެނިގެން ދިޔައީ، އެމީހުންނަށް މެޗުގެ ނުވަ ވަނަ މިނެޓްގައި ގޯލް ޖެހުނު ހިސާބުން ހަމަ އެ މެޗުގެ ބާކީ އަށްޑިހަ މިނެޓް އެ މީހުން ގޭމް ކްލޯސް ކޮށްފި، މާޅޮސްއިން ނިޝްތާރު އެ ބުނަނީ އޯޕަން ގޭމެކޭ ކުޅޭނީ އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެ ކޯޗް އެހެން ބުނީމަ، އެގޮތަށް ކުޅެފިއްޔާ ރީތި ގޭމެއް ފެންނާނެ."