ކުޅިވަރު

ދެ އަހަރަށް ފަހު ލިވަޕޫލް ޗެމްޕިއަންސް ލީގަށް

Aug 24, 2017
1

ޕްލޭ އޮފް ދެ ވަނަ ލެގް މެޗުގައި ހޮފެންހަމް ގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު، ލިވަޕޫލް އަލުން ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިފި އެވެ.

ފުރަތަމަ ލެގް މެޗު 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައި ވުމުން، ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުން އެ ޓީމު ޖާގަ ހޯދީ 6-3 ގެ އެގްރިގޭޓް ނަތީޖާއިން އިން ނެވެ.

ލިވަޕޫލް އެންމެ ފަހުން ޗެމްޕިއަންސް ލީގްގައި ވާދަ ކުރީ، 2014/2015 ސީޒަން ގަ އެވެ. މިއަހަރު އެޓީމަށް ފުރުސަތު ލިބުމުން، މިއީ ވޭތުވެދިޔަ އަށް އަހަރު ތެރޭ އެ ޓީމުން ޗެމްޕިއަންސް ލީގުން ޖާގަ ހޯދި ދެ ވަނަ ފަހަރެވެ. ޔޫރަޕްގެ އެންމެ ޝަރަފު ވެރި ކުލަބު ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ހިމެނެނީ ތިން ވަނަ އަށް އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި، އެޓީމުން ވަނީ އެ މުބާރާތް ފަސް ފަހަރަށް ކާމިޔާބު ކޮށްފަ އެވެ. ބާސެލޯނާ އާއި ބަޔާން މިޔުނިކް ވެސް ވަނީ ފަސް ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ލިވަޕޫލަށް ޖާގަ ކަށަވަރުވުމުން، މިފަހަރު ޗެމްޕިއަންސް ލީގްގައި އިނގިރޭސި ވިލާތުގެ ފަސް ޓީމު ވާދަ ކުރާނެ އެވެ. މިއީ އިނގިރޭސި ވިލާތުން ފަސް ޓީމު ޗެމްޕިއަންސް ލީގްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ.

މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ސެޑިއޯ މާނޭ ދިން ފުރުސަތަކުން އެމްރީ ޗޭން އެވެ. ދެ ވަނަ ލަނޑު 18 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، މުހައްމަދު ސަލާހް އެވެ. އޭގެ ހަތަރު މިނެޓް ފަހުން، ޗޭން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށް ލިވަޕޫލަށް ތިން ލަނޑުގެ ލީޑެއް ނަގައިދިފަ އެވެ.

މެޗުގެ 28 ވަނަ މިނެޓްގައި މާކް އެލެކްސެންޑާ އޫތު ވަނީ، ހޮފެންހަމްއަށް ލަނޑު ކާމިޔާބު ކޮށް އުންމީދެއް ހޯދައިދީފަ އެވެ. ހޮފެންހަމް ގައި ހުރުމަށްފަހު ލިވަޕޫލަށް ބަދަލުވި ބްރެޒިލްގެ ރޮބާޓޯ ފިރިމީނޯ ވަނީ، އޭނާގެ ކުރީގެ ކުލަބު ކޮޅަށް، މެޗުގެ 63 ވަނަ މިނެޓްގައި ލަނޑު ކާމިޔާބު ކޮށްފަ އެވެ. ހޮފެންހަމްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ސެންޑްރޯ ވަގްނާ އެވެ.

ރޭ ކުޅުނު ޕްލޭ އޮފް އެހެނިހެން މެޗުތަކަށް ބަލާއިރު، ޕޯޗްގަލްގެ ސްޕޯޓިސް ލިސްބަން ވަނީ 5-1 ން ރޮމޭނިއާގެ ސްޓެއާ ބްކްރެސްޓް ބަލިކޮށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފަ އެވެ. ރަޝިޔާގެ ސީއެސްކޭ މޮސްކޯވެސް ވަނީ ސްވިޒަލޭންޑްގެ ޔަންގް ބޯއީސް ގެމައްޗަށް ކާމިޔާބު ހޯދައި، ޗެމްޕިއަންސްލީގްގެ ޖާގަ ކަށަވަރު ކޯށްފަ އެވެ.

ޗެމްޕިއަންސް ލީގްގެ ގުރުނެގުމުގެ ރަސްމިއްޔަތު އޮންނާނީ މިރޭ އެވެ.