ކުޅިވަރު

ކުޑަހުވަދޫ އަތުން ގްރީން ސްޓްރީޓަށް މޮޅެއެއް

އުރީދޫ ދިވެހި ލީގުގައި ގްރީން ސްޓްރީޓާއި ގދ. ކުޑަހުވަދޫ ބައްދަލު ކުރި މެޗު ގްރީން ސްޓްރީޓުން ކާމިޔާބުކޮށްފިއެވެ. މިމެޗު ގްރިންއިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ގްރީންގެ ބިދޭސީ މިކުޅުންތެރިޔާ ވިލިއަން އެވެ.

މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ގްރީން މިވަގުތު އޮތީ ލީގުގެ ދެވަނައިގައެވެ. ހަތަރު މެޗުން ނުވަ ޕޮއިންޓު ގްރީންއަށް ލިބިފައި ވާއިރު ކުޑަހުވަދޫ ކުޅުނު ހަތަރު މެޗުން ލިބުނު 1 ޕޮއިންޓާއެކު އޮތީ ލީގުގެ ފުލުގަ އެވެ.

ގްރިންއަށް މާރަނގަޅު ކުޅުމެއް ނުދެއްކުނު މެޗުގެ ހަމައެކަނިި ގޯލް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައެވެ. ގްރީންގެ ކުޅުންތެރިން ނަގައިދިން ހުރަސް ކުޑަހުވަދޫ ޓީމުގެ ކުޅުންތެރިއެއް ގައިގަޖެހިފައި ނިކުތް ބޯޅަ އޭރިއާ ތެރޭގައި ހުރި ވިލިއަމް ކޮންޓްރޯލް ކުރުމަށްފަހު ފޮނުވާލީ ގޯލުގެ ތެރެއަށެވެ.

މެޗުގެ ދެވަނަ ހާފްގައި ދެޓީމަށްވެސް ގޯލްޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. އެގޮތުން ކުޑަހުވަދޫގެ ކްރިސްޓިއަންއަށް އޭރިއާ ކައިރީގައި ހުރި ގްރީންގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު އެތެރެއަށް ވަދެ ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ސީދާ ގްރީންގެ ކީޕަރ ޖުން އާއި ދިމާލަށެވެ. އޭގެކުރިން ކުޑަހުވަދޫގެ ހަސަން އިބްރާހީމް ފޮނުވާލި ބާރު ބޯޅައެއް ހުރަސް ދަނޑިއަށް އަމާޒުވިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކުޑަހުވަދޫގެ ކޯޗު މޯހަން ބުނީ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށާއި އެކަމާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. މިހާރު ތިބި ކުޅުންތެރިންނަށް އިތުރު ފުރުސަތާއި ތަޖުރިބާ ދީގެން 2018 ވަނަ އަހަރުގެ ސީޒަނަށް ރަނގަޅު ޓީމަކާއެކު ނިކުއްނާނެކަމަށާއި އަދި އެޓީމުގެ ވަކި ޓާގެޓެއް މިއަހަރުގެ ދިވެހި ލީގަށް ނެތްކަމަށެވެ.

ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހު މުހައްމަދު ބުނީ މެޗުން މޮޅުވުމުން ހިތްހަމަ ޖެހުނަސް ކުޅުމާއި ކުޅުންތެރިންގެ މަސައްކަތާމެދު ހިތްހަމަ ނުޖެހޭކަމަށެވެ.