ކުޅިވަރު

ރެއާލް-ޑޯޓަމުންޑް، ޔުވެ-ބާސާ، ޗެލްސީ-އެތުލެޓި، ބާޔާން-ޕީއެސްޖީ

Aug 25, 2017

ޔޫއެފްއާ ޗެމްޕިއަނސްސް ލީގްގެ އެންމެ ވަރުގަދަ ޓީމުތައް ވަރުގަދަ ގުރޫޕްތަކުގައި ލައްވާލާއިފި އެވެ. ޔޫރަޕްގެ ކުލަބު ފުޓްބޯޅައިގައި އެންމެ ވަރުގަދަ ހަތަރު ލީގްގެ ޗެމްޕިއަން ޓީމަށްވެސް ލައްވާލީ އުނދަގޫ ޓީމުތައް ހިމެނޭ ގުރޫޕްތަކުގަ އެވެ.

ސްޕެއިންގެ ޗެމްޕިއަން، އަދި ޗެމްޕިއަންސް ލީގްގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން، ރެއާލް މެޑްރިޑް ލައްވާލީ ޖަރުމަންގެ ބުރޫޝިއާ ޑޯޓަމުންޑާއި، އިނިގިރޭސީ ވިލާތުގެ ޓޯޓެންހަމް ހޮސްޕާ އާއެކު ގުރޫޕް 'އެޗް' ގަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ، ސައިޕްރަސްގެ އަޕޮއެލް ނިކޮސީއާ އެވެ.

އިޓަލީގެ ޗެމްޕިއަން، އަދި އެންމެ ފަހުގެ ރަނަރަފް، ޔުވެންޓަސް ލައްވާލީ ބާސެލޯނާއާ އެކު ގުރޫޕް 'ޑީ" ގަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ، ޕޯޗްގަލްގެ ސްޕޯޓިން ލިޒްބަން އާއި ގްރީސްގެ އޮލިމްޕިއާކޮސް އެވެ. ބާސާ އާއި ޔުވެންޓަސް އަކީ، މިދިޔަ ސީޒަންގެ ކްއާޓާ ފައިނަލުގައި ވާދަ ކުރި ދެ ޓީމެވެ.

މެދު ކެނޑުމަކަށްފަހު، އަލުން ޗެމްޕިއަންސް ލީގަށް އައި، އިނިގިރޭސި ޗެމްޕިއަން ޗެލްސީ ލައްވާލީ އެތުލެޓިކޯ އާއި އޭއެސް ރޯމާއާ އެކު ގުރޫޕް 'ސީ' ގަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ އަޒަރުބައިޖާންގެ ކަރަބަގް އެފްކޭ އެވެ. އެ ޓީމަކީ، އަޒަރުބައިޖާނުން ޗެމްޕިއަންސް ލީގްގައި ވާދަ ކުރާ ފުރަތަމަ ޓީމެވެ.

ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކްއާއެކު، ގުރޫޕް 'ބީ' ގައި ލައްވާލީ، ފްރާންސްގެ ޕީއެސްޖީ އެވެ. އަދި އެ ގުރޫޕްގައި، ސްކޮޓްލޭންޑްގެ ސެލްޓިކް އާއި ބެލްޖިއަމްގެ އަންޑާލެކްޓް ވެސް ހިމެނެ އެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގައި، ވަރުގަދަ ޓީމުތަކާ ދެކޮޅަށް ވަރުގަދަ ފައިޓެއްދީ ސެމީ ފައިނަލާ ހަމަޔަށް ދަތުރު ކުރީ، ފްރާންސްގެ ޗެމްޕިއަން މޮނަކޯ އެވެ. އެޓީމާއެކު ގުރޫޕް 'ޖީ' ގައި ލައްވާލީ، ޕޯޗްގަލް ލީގްގެ ދެ ވަނަ ހޯދި ޕޯޓޯ އާއި ޖަރުމަން ލީގްގެ ދެ ވަނަ ހޯދި، ލެޕިޒިގްގެ އިތުރުން، ތުރުކީގެ ޗެމްޕިއަން ބެސިކްޓަސް އެވެ.

މެދު ކެނޑުމަކަށްފަހު، ޗެމްޕިއަންސް ލީގްގައި ވާދަ ކުރާ، އިނިގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓަޑާއި ލިވަޕޫލަށް ލައްވާލީ ނިސްބަތުން ފަސޭހަ ގުރޫޕެއްގަ އެވެ. ގުރޫޕް 'އޭ' ގައި ޔުނައިޓަޑަށް އެންމެ އުނދަގޫ ކުރިމަތި ކުރާނީ، ޕޯޗްގަލްގެ ޗެމްޕިއަން ބެންފީކާ އެވެ. އެގޫރުޕްގައި ރަޝީޔާގެ ސީއެސްކޭ މޮސްކޯ އާއި ސްވިޒަލެންޑްގެ ބަޒެލްވެސް ހިމެނެ އެވެ.

ލިވަޕޫލް ހިމެނޭ، ގުރޫޕް 'އީ' ގައި ހިމެނެނީ، 2016 ވަނަ އަހަރު ޔޫރޮޕާ ލީގްގެ ފައިނަލުގައި، އެ ޓީމާ ދެކޮޅަށް ނިކުމެ ކާމިޔާބު ހޯދި، ސްޕެއިންގެ ސެވިއްޔާ އާއި ރަޝިޔާގެ ސްޕާޓެކް މޮސްކޯ ގެ އިތުރުން ސޮލޮވޭނީއާގެ އެންކޭ މަރިބޮރު އެވެ.

މެންޗެސްޓާ ސިޓީ އަށް ލައްވާލީ އުނދަގު ގުރޫޕެއްގަ އެވެ. އެ ޓީމާއެކު ގުރޫޕް 'އެފް' ގައި ހިމެނެނީ އިޓަލީގެ ނަޕޯލީ އާއި ޔޫކްރޭންގެ ޝަހްތަރު ޑޮނެސްކްގެ އިތުރުން ހޮލެންޑްގެ ފޭނޯޑް އެވެ.

ޗެމްޕިއަންސް ލީގްގެ ޑްރޯ:

ގުރޫޕް އޭ: ބެންފީކާ (ޕޯޗަގަލް)، މެންޗެސްޓާ ޔުނައިޓަޑް (އިންގްލެންޑް)، ބަޒަލް (ސްވިޒަލޭންޑް)، ސީއެސްކޭ މޮސްކޯ (ރަޝިޔާ)

ގުރޫޕް ބީ: ބަޔާން މިޔުނިކް (ޖަރުމަން)، ޕީއެސްޖީ (ފްރާންސް)، އަންޑާލެކްޓް (ބެލްޖިއަމް)، ސެލްޓިކް (ސްކޮޓްލޭންޑް)

ގުރޫޕް ސީ: ޗެލްސީ (އިންގްލެންޑް)، އެތުލެޓިކޯ މެޑްރިޑް (ސްޕެއިން)، އޭއެސް ރޯމާ (އިޓަލީ)، ކަރަބަގް އެފްކޭ (އަޒަރުބައިޖާން)

ގުރޫޕް ޑީ: ޔުވެންޓަސް (އިޓަލީ)، ބާސެލޯނާ (ސްޕެއިން). އޮލިމްޕިއާކޮސް (ގްރީސް)، ސްޕޯޓިން ލިޒްބަން (ޕޯޗްގަލް)

ގުރޫޕް އީ: ސްޕާޓެކް މޮސްކޯ (ރަޝިޔާ)، ސެވިއްޔާ (ސްޕެއިން)، ލިވަޕޫލް (އިންގްލެންޑް) އެންކޭ މަރިބޮރު (ސޮލޮވޭނީއާ)

ގުރޫޕް އެފް: ޝަހްތަރު ޑޮނެސްކް (ޔޫކްރޭން)، މެންޗެސްޓާ ސިޓީ (އިންގްލެންޑް)، ނަޕޯލީ (އިޓަލީ)، ފޭނޯޑް (ހޮލެންޑް)

ގުރޫޕް ޖީ: މޮނަކޯ (ފްރާންސް)، ޕޯޓޯ (ޕޯޗްގަލް)، ބެސިކްޓަސް (ތުރުކީ)، ލެޕިޒިގް (ޖަރުމަން)

ގުރޫޕް އެޗް: ރެއާލް މެޑްރިޑް (ސްޕެއިން)، ބުރޫޝިއާ ޑޯޓަމުންޑް (ޖަރުމަން)، ޓޮޓެންހަމް ހޮސްޕާ (އިންގްލެންޑް) އަޕޮއެލް ނިކޮސީއާ (ސައިޕްރަސް)