ކުޅިވަރު

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯ އަށް

Aug 25, 2017

ޔޫރަޕްގެ ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ޔޫއެފްއާއިން ހޮވާ، ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، މިފަހަރުވެސް، ޕޯޗްގަލް އާއި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.

އެވޯޑްގައި، ރޮނާލްޑޯއާ ވާދަ ކުރީ، އާޖެންޓީނާ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އާއި އިޓަލީ އާއީ ޔުވެންޓަސްގެ ޖިއާންލުއީޖީ ބުފޮން އެވް.

މިއީ، ރޮނާލްޑޯ، މި އެވޯޑް ހޯދި، ތިން ވަނަ ފަހަރެވެ. އެހެން ކަމުން އޭނާ ވެފައިވަނީ، 2010 ވަނަ އަހަރު، ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރީބްރޭންޑްކޮށް ދޭން ފެށިފަހުން، އެ އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާ އަށެވެ. މިދިޔަ އަހަރުވެސް، މި އެވޯޑް ގެންދިޔައީ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އެންމެ ފުރަތަމަ މި އެވޯޑް ހޯދީ 2014 ވަނަ އަހަރު އެވެ.

ރޮނާލްޑޯގެ އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައި މީޑިއާއިން ސިފަ ކުރާ، މެސީ ވަނީ، މި އެވޯޑް ދެ ފަހަރު ހޯދާފަ އެވެ. އޭނާ އެވޯޑް ހޯދާފައި ވަނީ، 2010/2011 ގެ ސީޒަނާއި، އަދި 2014/2015 ސީޒަންގަ އެވެ.

ރޮނާލްޑޯ ވަނީ،މިދިޔަ ސީޒަންގައި ރެއާލްއަށް، ޖެހިޖެހިގެން ދެ ފަހަރަށް ޔޫއެފްއާ ޗެމްޕިއަންސް ލީގް ހޯދައިދިނުމުގައި އެހީތެރި ވެދީފަ އެވެ. އަދި މިދިޔަ ސީޒަންގެ ސްޕެނިޝް ލީގާއި، ކުލަބު ވޯލްޑް ކަޕް ހޯދައި ދިނުމުގައިވެސް، ރޮނާލްޑޯ މުހިންމު ދައުރެއް އަދާ ކުރި އެވެ.

ޔޫރަޕްގެ މޮޅޫ ކުޅުންތެރިޔާގެ އެވޯޑަށް، ނަން ހުށަހަޅާނީ، ޔޫއެފްއާ 55 ގައުމުގެ ފުޓްބޯޅަ ނޫސްވެރިންގެ ތެރެއިން، ޔޫރަޕްގެ ސްޕޯޓްސް މީޑިއާ ގުރޫޕްގައި ހިމޭނޭ މީޑިއާތަކުގެ ނޫސްވެރިން ކޮންމެ ނޫސްވެރިޔަކު، އެ ނޫސްވެރިޔަކަށް، ފެންނަ އެންމެ ވަރުގަދަ ފަސް ކުޅުންތެރިންނެވެ. ކޮންމެ ލިސްޓެއްގެވެސް އެއް ވަނަ ކުޅުންތެރިޔާއަށް ފަސް މާކްސް ލިބޭނެ އެވެ. އެގޮތަށް ގޮސް، އެންމެ ގިނަ އިން މާކްސް ލިބޭ 10 ކުޅުންތެރިން ނޮމިނޭޓް ކުރުމަށްފަހު، އެ ދިހަ ނަމަށް ވޯޓް ދޭނީ، ނޫސްވެރިންނާއި، ޔޫއެފްއާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގްގެ ގުރޫޕް ސްޓޭޖުގައި ވާދަ ކުރާ 80 ޓީމުގެ ކޯޗުންނެވެ. އެއްވެސް ކޯޗަކަށް، އޭނާގެ އަމިއްލަ ޓީމުގައި ހިމެނޭ ކުޅުންތެރިޔަކަށް ވޯޓެއް ނުދެވޭނެ އެވެ.

ޔޫއެފްއާގެ ގަދަ 10 ކުޅުންތެރިން:

1. ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗްގަލް / ރެއާލް މެޑްރިޑް)
2. ލިއޮނަލް މެސީ (އާޖަންޓީނާ / ބާސެލޯނާ)
3. ޖިއާން ލުއީޖީ ބުފޮން (އިޓަލީ / ޔުވެންޓަސް)
4. ލުކަ މޮޑްރިޗް (ކޮރޭޝިއާ / ރެއާލް މެޑްރިޑް)
5. ޓޯނީ ކްރޫޒް (ޖަރުމަން / ރެއާލް މެޑްރިޑް)
6. ޕައުލޯ ޑިބާލާ (އާޖެންޓީނާ / ޔުވެންޓަސް)
7. ސާޖިއޯ ރާމޯސް (ސްޕެއިން / ރެއާލް މެޑްރިޑް)
8. ކިލިޔަން އެމްބަޕޭ (ފްރާންސް / މޮނަކޯ)
9. ރޮބަޓް ލެވަންޑޮސްކީ (ޕޮލެންޑް / ބަޔާން މިޔުނިކް)
10. ޒަލްޓާން އިބްރޮހިމޮވިޗް (ސްވިޑެން / މެންޗެސްޓާ ޔުނައިޓަޑް)