ކުޅިވަރު

ނިއު އިން މާޒިޔާއާ ޕޮއިންޓަކާ ގާތް ކޮށްފި

Aug 25, 2017

އަލީ އަޝްފާގް (ދަގަނޑޭ) ގެ ދެ ގޯލާއެކު، 3-0 ން އއ. މާޅޮސްގެ މައްޗަށް ކުރި ހޯދައި ނިއުރޭޑިއަންޓުން ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓަކާ ގާތް ކޮށްފި އެވެ.

ގދ. ތިނަދޫ އަތުން ފަހު ވަގުތު، ބަލި ނުވެ ސަމާލަތްވި، މާޒީޔާ އަށް އެ މެޗުން އެއް ޕޮއިންޓް ލިބުމުން، ތާވަލުގެ ކުރީގައި، އެ ޓީމުން ދަމަހައްޓަމުން އަންނަ ލީޑް ވަނީ ހަނިވެފަ އެވެ. މާޒިޔާއަށް އެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެއް ވަނަ އިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ.

މިރޭ، ނިއު މޮޅުވުމުން، އެޓީމަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ގްރީން ސްޓްރީޓަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް، ނިއު އަށް ފައިދާ ހަތަރު ގޯލް އޮތް އިރު، ގްރީން އަށް އޮތީ ފައިދާ ދެ ގޯލެވެ. އެހެންވެ، ދެ ވަނަ ލިބެނީ ނިއު އަށެވެ. ގްރީން އަށް ތިން ވަނަ އެވެ.

މެޗަށް، ނިކުތުމުގެ ކުރިން، ނިއުގެ އެސިސްޓެންޓް ކޯޗް އަޝްރަފް ލުތުފީ (ސަމްޕަތު) ބުނީ، މާޅޮސް މެޗުގައި އެ ޓީމުން އިސްކަން ދޭނީ ނަތީޖާ ނެރުމަށް ކަމަށެވެ.

މެޗުގެ ފުރަތަމަ ލަނޑު 28 ވަނަ މިނެޓްގައި، އަޝްފާގް ކާމިޔާބު ކުރީ، އަހްމަދު އަބްދުﷲ (ލިލީ) ތިނަދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ހިތްގައިމު ހުރަހުން ތަނަވަސްވި ބޯޅަ، ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ޖެހިގެން އައި މިނެޓްގައި، އަލީ ފާސިރު (ސެންޓޭ) ވަނީ، ނިއު އަށް ލީޑް ފުޅާ ކޮށްދީފަ އެވެ. ނިއުގެ ހާފުގެ ތެރެއިން މެދު ރޮނގާ ކައިރިން، އެޓީމުގެ ޑިފެންޑަރު ރުއިޒް ޕާޒް އެންޖަލް ލުއިސް، މާޅޮސްގެ ޕެނަލްޓީ އޭރިއާ ދިމާލަށް ބޯޅަ ފޮނުވާލީ ސީދާ ސެންޓޭ ހުސްކޮށް ހުރުމުން ނެވެ. އެ ބޯޅަ ދިފާއު ކުރަން، މާޅޮސްގެ ބިދޭސީ ޑިފެންޑަރު ބޯޓެންގް ކަވަޑޮޖޯ ފައި ހަރަކާތް ކުރި ނަމަވެސް އެ ބޯޅަ ސެންޓޭ އަށް ލިބުނީ އޭނާގެ ފައި ދަށުން ގޮހެވެ. ސެންޓޭ ވަަނީ، ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، މާޅޮސްގެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. ބޯޅަ ދިފާއު ކުރަން މާޅޮސްގެ ކީޕަރު އިބްރާހިމް ޒަމީރު ޑައިވް ކުރި ނަމަވެސް، ބޯލަ ދިޔައީ ރިތިރިން އޭނާގެ އަތް ކައިރިން ލާފަ އެވެ.

ނިއުގެ ތިން ވަނަ ލަނޑު އަޝްފާގް ކާމިޔާބު ކުރީވެސް ލިލީ ނަގައިދިން ހުރަހަކުން ނެވެ. މެޗުގެ 62 ވަނަ މިނެޓްގައި، ނިއުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އޭރިއާ ތެރެއަށް ނަގައިދޭން އުޅުނު، ބޯޅަ މާޅޮހުގެ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ދިފާއު ނުކުރެވުމުން، އެބޯޅަ އޭރިއާގެ އަރިމަތިން ރީބައުންސަށް ނިކުތުމުން ބޯޅަ ލިބުނީ ލިލީ އަށެވެ. އޭނާ ނަގައިދިން ހުރަސް އަޝްފާގް ގޯލްގެ ދުރު ކަނަށް ފޮނުވާލީ ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ވައިގެ ތެރޭގައި ބޯޅަ އޮއްވަ އެވެ.

މި މެޗަށްފަހު، ލީގް މެދުކަނޑާލާނީ، އަންނަ މަހުގެ ފަސް ވަނަ ދުވަހު، އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން ނެވެ.