ކުޅިވަރު

ވިޔާ ސްޕެއިންގެ ގައުމީ ޓީމަށް، އެންމެންނަށް ހައިރާންކަން

Aug 26, 2017

ސްޕެއިންގެ ސީނިއާ ޓީމުގެ ހެޑް ކޯޗް ހުލެން ލެޕޮޓޮގީ ވަނީ، ސީނިއާ ޓީމުގެ ސްކޮޑުން، ސްޕެއިންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. ނަމަވެސް އެންމެ ހައިރާންވި ނަމަކީ، ތިން އަހަރު ފަހު، ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ޑޭވިޑް ވިޔާއަށް އަލުން ގައުމީ ޓީމުން ފުރުސަތު ދިނުމެވެ.

ދެހާސް ސާދަ ވަނަ އަހަރު އެމެރިކާގެ މޭޖާ ލީގްގެ ނިއުޔޯކް ސިޓީއަށް ވިޔާ ބަދަލުވުމުން، ގިނަ ބަޔަކު ހީކުރީ، އޭނާގެ އިންޓަނޭޝަނަލް ކެރިއާ ނިމުނީ ކަމަށެވެ. ނަމަވެސް، މިސީޒަންގައި، އޭނާ ދަނީ ނިއުޔޯކް ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން ނެވެ.

ވިޔާ 35، އަށް ގައުމީ ޓީމުން ފުރުސަތު ދިން އަނެއް ސަބަބަކީ، މި ސީޒަންގައި، ޗެލްސީގެ ޕްލޭންގައި ނުހިމެނޭނެ ކަމަށް ބުނެ، އެ ޓީމުން އެކަހެރި ކޮށްފައިވާ ޑިއޭގޯ ކޯސްޓާއަށް މި ފަހަރުގެ ސްކޮޑުން ފުރުސަތު ދީފައި ނުވާތީ އެވެ. މި ސީޒަންގައި އެއްވެސް މެޗެއް ނުކުޅޭތީ، ލެޕޮޓޮގީ އޭނާގެ ޓީމުން ކޮސްޓާއަށް ފުރުސަތު ނުދިނީ އެވެ. ސްޕެއިންއިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި ވިޔާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މިދިޔަ މަހު ބޭއްވި، 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިޔަ ޓީމުގައި، ހިމެނުނު މުހިންމު ކުޅުންތެރިން، ވަނީ ސީނިއާ ޓީމުގައި ހިމަނާފާ އެވެ. އެގޮތުން، ރެއާލް މެޑްރިޑްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ، މާކޯ އެސެންސިއޯ އާއި 21 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން ބާސެލޯނާގެ ޖެރާޑް ޑެލޭފެއު އާއި ގޯލްކީޕަރު ކެޕާ އަރިސަބަލަގާ އާއި ބުރޫޝިއާ ޑޯޓަމުންޑްގެ މާކް ބަރުޓްރާ އާއި އޭސީ މިލާންގެ ސޫސޯ ހިމެނެ އެވެ.

ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ހިމެނުމުން، ސީނިއާ މުހިންމު ކުޅުންތެރިންނަށް ވަނީ ޖަގަ ގެއްލިފަ އެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓަޑްގެ ހުއާން މާޓާ އާއި ހެރޭރާ އާއި ބަޔާން މިޔުނިކްގެ ހާވިއޭ މާޓިނޭޒް އާއި ރެއާލް މެޑްރިޑްގެ ލޫކަސް ވަޒްކްއޭޒް އާއި ބާސެލޯނާގެ ޕަކޯ އަލްކާސާ އާއި ސެވިއްޔާގެ ނޮލީޓޯ އަށް މިފަހަރުގެ ސްކޮޑުން ފުރުސަތު ލިބިފަ އެއް ނުވެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިއަންނަ ހޮނިހިރު ދުވަހު ސްޕެއިން ނިކުންނާނީ އިޓަލީއާ ދެކޮޅަށެވެ. އަދި އަންނަ މަހު ފަސް ވަނަ ދުވަހު ލިސްޓެންސްޓައިންއާ ދެކޮލަށް ނިކުންނާނެ އެވެ.