ކުޅިވަރު

މެސީ އާއި ރޮނާލްޑޯއަށް ފަހު؟ މިއޮތީ ރޮނާލްޑޯގެ ލިސްޓް!

Aug 26, 2017

ހިނގަމުން މިދާ 10 އަހަރަކީ ދުނިޔޭގެ ފުޓްބޯޅައިގައި، ވަރުގަދަ ދެ ނަމެއްގެ ނުފޫޒް އޮތް 10 އަހަރެވެ. އެއީ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެންމެ ފަހުން ހޯދި، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބެލަންޑޯ އެވޯޑް އެންމެ ގިނައިން ހޯދާފައިވާ ލިއޮނަލް މެސީ އެވެ. ވަގުތުތައް ބަދަލުވަމުން ދައުރު ވަމުން ގޮސް، މި ދެތަރިންގެ ވިދުންވެސް ފަނޑުވާނެ ދުވަހެއް އަންނާނެ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މަޒީން ދެއްކި ކުލަ އަކީ އެއީ އެވެ.

ވޭތުވެދިޔަ 10 އަހަރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯ އާއި މެސީ ނޫން އެހެން ކުޅުންތެރިޔަކަށް ލިބިފަ އެވެ. 2008 ގައި ރޮނާލްޑޯ، ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދިފަހުން ޖެހިގެން އައި ކޮންމެ އަހަރަކީ މެސީ ނުވަތަ ރޮނާލްޑޯގެ އަހަރުތަކެވެ. މެސީ ވަނީ ފަސް ފަހަރު އެވޯޑް ހޯދާފަ އެވެ. ރޮނަލްޑޯ ހަތަރު ފަހަރެވެ.

ސުވާލަކީ، ރޮނާލްޑޯ އާއި މެސީގެ، މި ޑޮމިނޭޝަން ނިމުމަށްފަހު، ދެން ވާދަ ކުރާނީ ކޮން ކުޅުންތެރިންނެއް ހެއްޔެވެ. ބުރާސްފަތި ދުވަހުގެ ރޭ، ފްރާންސްގެ މޮނަކޯގައި ބޭއްވި، ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔަގެ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެވޯޑް ގެންދިޔަ ރޮނާލްޑޯ ވަނީ، އޭނާ އާއި މެސީ އަށް ފަހު، ދެން ފުޓްބޯޅައިގައި ޑޮމިނޭޓް ކުރަނެ ކުޅުންތެރިންގެ ލިސްޓެއް އާންމު ކޮށްފަ އެވެ.

"[މާކޯ] އެސެންސިއޯ، ނޭމާ، [ކިލިޔަން] އެމްބަޕޭ، [އުސްމާން] ޑެމްބެލޭ، [އެޑެން] ހަޒާޑް، [މާކޯސް] ރަޝްފާޑް އޭގެ އިތުރުންވެސް ވަރަށް ގިނަ އެހެން ކުޅުންތެރިންވެސް އެބައުޅޭ." އެރޭގެ ރަސްމިއްޔާތު ނިންމާލަމުން ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އެންމެ ފުރަތަމަ ހާމަ ކުރި ނަމަކީ، ރެއާލްގައި އޭނާއާ އެއްކޮށް ކުޅެމުން އަންނަ މާކޯ އެސެންސިއޯ އެވެ. އޭނާ އަކީ ކުރިން މާބޮޑަށް ފާހަގަވި ކުޅުންތެރިޔެއް ނޫނެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވީ، މިދިޔަ ސީޒަންގެ ފަހު ހާފުގަ އެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގްގެ ބޮޑެތި ޓީމުތަކާ ދެކޮޅަށް ލަނޑު ޖެހުމުގައި 21 އަހަރުގެ މި ކުޅުންތެރިޔަގެ ތޫނު ފިލިކަމާއި ބޮޅައަށް އޭނާގެ ހުނަރު ފާހަގަ ކޮށްލަން ޖެހެ އެވެ.

ދެން އޭނަ ހިމެނީ ނޭމަ އެވެ. 2015 ވަނަ އަހަރު ބެލަންޑޯ އެވޯޑްގެ ގަދަ ތިނެއްގައި ވާދަ ކުރިން ކުޅުންތެރިޔެކެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއާ ހަމަޔަށް ދާނެ ކަމަށް، މާ ކުރިންވެސް ހިސާބު ޖަހާފައިވާ ކުޅުންތެރިޔެކެވެ. މޮނަކޯގެ ކިލިޔަން އެމްބަޕޭ އަކީ، ފުރާވަރު އުމުރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.