ވާހަކަ

މިންނުގެ ޑައިރީ

(24 އޯގަސްޓް 2017 އާ ގުޅޭ)
އެނދުގައި އޮތް ބަލިމީހާއަށް ޒޭން ބަލާލީ އަސަރުން ފުރިގެންވީ ގޮތަކަށެވެ. އޭނާގެ އެ ބަލާލުމުން ވެސް އެނދުގައި އޮތް ބައްޕަ ދެކެ ޒޭން ވަރަށް ލޯބިވާކަން ޔާނާ ދެނެގަތެވެ. ލުއި ހިނިތުންވުމެއް ޔާނާގެ ތުންފަތަށް ވެރިވެގެންދިޔައެވެ.

ޔާނާގެ އަތުގައި އޮތް ވާހަކަ ފޮތާއެކު ލޮލުގައި ގައިވާ ނަންބަރު އައިނު ނެގިއެވެ. އަދި ގޮނޑީގައި ބަހައްޓާފައި ހުރި ދަބަހަށް އެ ތަކެތި ލުމަށްފަހު އޭނާ އެ ކޮޓަރިން ނުކުންނަން ތައްޔާރުވެލިއެވެ. އޭރު އޭނާގެ ހަރަކާތްތަކަށް ޒޭން ބަލަން ހުރި ކަމެއް ނުދެނަ ހުއްޓެވެ. ދަބަސް ކޮނޑުގައި އަޅުވާލަމުން ޔާނާ އެނބުރިލާ ޒޭންއާ ކުރިމަތިލިއެވެ.

"އަޅުގަނޑު... ގޮސްލީ..." ޒޭންއަށް ބަލާން ހުރެ ޔާނާ ބުނެލިއެވެ.

"ޑިއުޓީ ނިމުނީތަ؟" ޒޭން ސުވާލުކޮށްލިއެވެ.

"ޑިއުޓީ ނިމިއްޖެ... މީހަކު އަންނާންދެން މިތާ މަޑުކޮށްލައިގެން އިނީ" ޒޭނަށް އޮޅުންފިލުވައިދޭ ފަދަ ގޮތަކަށް ޔާނާ ބުނެލިއެވެ.

"އެހެންވީރު އިރުކޮޅަކު މަޑުކޮށްލަދޭންވީނު... މިހާރު ދެން ރައްޓެހިކަން ވެސް އުފެދުނީނު" ޒޭން ކަނާއަތް ދިއްކޮށްލިއެވެ. އެ އަތުގައި ޔާނާ ހިފީ ވިސްނާން އިރުކޮޅަކު ހުރެފައެވެ. ސަލާމްކޮށްލުމަށްފަހު ޒޭންއަށްވުރެ ކުރީން ޔާނާ އޭނާގެ އަތް ދުރުކޮށްލިއެވެ.

"މިރޭ ތަނަކަށްދާން ހަމަޖެހިފައި އޮތީމަ މަޑުކޮށްލެވޭކަށްނެތް... މާދަމާ ޑިއުޓީ ވެސް އޮންނާނެ... ވަރަށް ހެނދުނާ ތެދުވާންޖެހޭނެ... ދެން މިހެން އުޅޭއިރު ދިމާވާނެތާ ދޯ... އަޅުގަނޑު ދެން ގޮސްލީ އިނގޭ" ޔާނާ ހިނިތުންވެލިއެވެ. ޒޭން ވެސް ބަދަލުގައި ހިނިތުންވުމެއް ދިނެވެ.

ޔާނާ ނުކުމެގެން ދިއުމާއެކު ޒޭން އެ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ފާރުގައި ޖައްސާފައި ހުރި މޭޒުގެ މަތީ ފެންފުޅިއަކާއި މަތިޖަހާފައިވާ ތަށްޓެއް ފިޔަވާ އިތުރު އެއްޗެއް ނުވެއެވެ. އެނދުގައި އޮތް ޒޭންގެ ބައްޕައަށް ގުޅާފައިވާ މެޝިނުން ހާޓްބީޓުގެ އަޑު އިވެމުންދިޔައެވެ. މަޑުމަޑުން ބައްޕަގެ އެނދުގެ ކައިރީގައި ހުރި ގޮނޑި ދަމާލާފައި ޒޭން އިށީނެވެ. އަދި ހަރަކާތް ހުއްޓިފައިވާ ހައިކަލްގެ އަތްތިލާގައި އޯގާތެރިކަމާއެކު ހިފާލިއެވެ. މަޑުމަޑުން އެ އަތްތިލަ ގެނެސް ޒޭންގެ ނިތުގައި ޖައްސާލައިގެން އިނެވެ. އެހެން އިން އިރު ހައިކަލްގެ އަތުން ވިންދު ޖަހާކަން ޒޭންއަށް އިޙްސާސް ކުރެވެމުންދިޔައެވެ.

"ބައްޕާ!... މީ ޒޭން! ބައްޕަގެ ޒޭން!... މި އައީ ބައްޕައާއެކު ދިރިއުޅޭންވެގެން، ދެންނުވާނެ ބައްޕައާ އަޅުގަނޑު ދުރުކޮށްލައިގެން... މިއަދު މި އައީ ދެން ދުވަހަކުވެސް ބައްޕައާ ވަކިނުވާން ނިންމައިގެން... ބައްޕާ!... ކޮންމެވެސް އެއްޗެއް ބުނެބަލަ. މީ ބައްޕަގެ ޒޭންއޭ... ބައްޕަދެކެ އެންމެ ލޯބިވާ ޒޭން... ބައްޕަގެ ހުރި ހަމައެކަނި ޒޭން. ޕްލީޒް ބައްޕާ! ތިހެން ނޯވެ އަޅުގަނޑާ ވާހަކަދައްކަބަލަ. އަހަރުތަކަކަށްފަހު އަޅުގަނޑު އެނބުރި އައުމުން ބައްޕަ އުފަލެއްނުވޭތަ؟ ބައްޕަގެ މި ދަރިފުޅާ ބައްދަލުކުރާން ތެދުވެބަލަ..." ހައިކަލްއާ ވާހަކަދައްކަމުންދިޔަ ޒޭންގެ އަރު ބެދޭގޮތްވިއެވެ. އެ އަޑުގައިވި މަޑުމޮޅިކަމުގެ ސަބަބުން ޒޭންގެ ހިތަށް ކުރަމުން ދިޔަ އަސަރު ފާޅުވެއެވެ. ބައްޕަގެ އަޑު އަހާލުމަށް ޓަކައި އޭނާ ކެތްތެރިކަން ކުޑަވެފައިވެއެވެ. ނަމަވެސް މަޑުމަޑުން ހައިކަލްގެ އަތް އެނދުގައި ބާއްވާލައި އެ އަތާއި ޒޭންގެ އަތް ވަކިކޮށްލިއެވެ.

އުންމީދުގެ ހުޅުކޮޅު ކަނިވަމުންދިޔައިރު ޒޭންއަށް އޭނާގެ ކުރިމަތީ އޮތް ހައިކަލްގެ މޫނަށް ބަލަހައްޓައިގެން އިނުން ފިޔަވާ އެވަގުތު ކުރެވޭނޭ އެއްވެސް ކަމެއް ނެތް ފަދައެވެ. ގަޑީގެ ކަށި ހިނގަމުންދިޔައެވެ. ވަގުތު ހިނގަމުންދިޔައިރު މުޅި ކޮޓަރިއަށް ވަނީ އާދަޔާ ޚިލާފު ހިމޭންކަމެއް ވެރިވެފައެވެ. ހައިކަލްއާ ގުޅާފައިވާ މެޝިނުގެ އަޑާއި ޒޭން ލަމުންދިޔަ ނޭވާގެ އަޑު މަޑުމަޑުން ފަނޑުވަމުންދިޔައެވެ. އެހިނދު އެ ހަމަހިމޭން ކަމުގެ ތެރެއިން ޒޭންގެ ލޮލަށް ސިފަވާންފެށީ އަހަރުތަކެއް ކުރީގެ އޭނާގެ ހަޔާތުގެ މާޒީއެވެ. ތަރުތީބު ކުރެވިފައިވާ ކުލަފޮޓޯތަކެއްހެން ޒޭންގެ ކުރިމަތީ ކޮންމެ މަންޒަރެއް އަލުން އިޔާދަވަމުން އައި ކަހަލައެވެ. އެ ޚިޔާލުތަކުން ސިކުނޑި މިނިވަން ކުރުމަށް ޓަކައި ދޭތެރެއަކުން ދެފަރާތަށް ބޯހޫރުވާލާފައި ގޮނޑީގައި ހަމަޖެހިލައެވެ. އެ ހަނދާންތަކެއް އިޔާދަވުމަށް ޒޭން ނޭދެނީ ސަބަބެއް ނެތިއެއްނޫނެވެ. ޒޭން ނިތްކުރީގައި ކަނާއަތުގެ އިނގިލިތައް ހިންގާލުމާއެކު ފިނިނޭވާއެއް ލިއެވެ. ދެން ވެސް އޭނާގެ ހިތާއި ސިކުނޑިއަށް ވެރިވަމުންއައި ޚިޔާލުތައް ޒޭންގެ ނަފްސުގެ މައްޗަށް ކުރި ހޯދަން މަސައްކަތް ކުރަމުންދިޔައެވެ. ޒޭން ދެ ލޯ މަރާލި ގޮތުން ހީވީ މާޒީގެ އަނދިރިކަމުގެ ތެރެއަށް އަމިއްލައަށް ފީނައިގަތް ހެނެވެ. ޒޭންގެ ހިތާއި ސިކުނޑީގައި ބިންވަޅު ނެގިފައިވާ އެ ހަނދާންތަކަކީ އުފާވެރި ފޮނި ހަނދާންތަކެއްނޫނެވެ. އޭގެ ބަދަލުގައި ނަފުރަތާއި ރުޅިވެރިކަމުގެ ވަރުގަދަ ހިޞާރަކުން ޒޭންގެ މުޅި ނަފްސު ބަނދެވިފައިވެއެވެ. ޒޭންގެ ހުރިހާ ޝަކުވާއަކާއި ނަފުރަތާއި ރުޅިވެރިކަމެއް ގުޅިފައިވީ އޭނާގެ މަންމައާއެވެ. އެ މަންމަގެ ލޯބިން ކުޑަކުޑައިރުއްސުރެ މަޙުރޫމު ވުމެވެ. މިއަދާ ހަމައަށްވެސް ޒޭންގެ ހަޤީޤީ މަންމައަކީ ކޮބައިކަމެއް ނޭނގެއެވެ. އެއީ ކިހިނެއް ހުންނަ ކޮންތާކު އުޅޭ ކާކުކަމެއް ވެސް ޒޭނަށް ނޭނގެއެވެ. ހަނދާން ހުންނާން ފެށީއްސުރެ ވެސް އޭނާއަށް ފެންނަނީ ދޮންމަންމައެއްހާ ރަހުމުކުޑަ އަންހެނެކެވެ. އޭނާއަށް ހެޔޮކޮށް ހިތާ ލޯބިވާ ބައްޕަ، ޒޭންގެ މަންމަދެކެ ލޯބިނުވެ އެހެން އަންހެނެއް ދެކެ ލޯބިވާންވީ ކީއްވެކަމެއް ނޭނގެއެވެ. އެއީ މިއަދާ ހަމައަށް ވެސް ޖަވާބު ނުލިބިފައިވާ ސުވާލެކެވެ. ޒޭންގެ އުމުރުން ޅަކަމުގައިވިޔަސް ބައްޕައަށް ދޮންމަންމަގެ އެއްވެސް ކަމެއް އެއްވެސް އިރަކު ގޯހެއްނުވެއެވެ. ހިތުގައިޖެހި ދެރަވެގެންގޮސް ރޮވޭއިރު ވެސް ބައްޕަގެ ފަރާތުން ނޫނީ އޯގާތެރިކަމެއް މުޅި ހަޔާތުގައި ވެސް ލިބިފައިނެތެވެ. ދޮންމަންމައެއް ނަމަވެސް ހުއްޓާ ޒޭންގެ ކަންތައްތައް ހުސްނާ ލައްވާ ކުރުވަނީ ކީއްވެކަމެއް ނޭނގެއެވެ. ބައްޕަ ދޮންމަންމައަކު ހޯދަން ޖެހުނީ ޒޭންއަށް ޓަކައި ނޫންކަން އެފަދަ ކަންކަމުން ދެނެގަންނާން ޒޭނަށް އެނގުނެވެ. ބައްޕައަށް ދޮންމަންމަގެ ނުބައިކަން އެނގިއެނގިހުރެ ވެސް ދޮންމަންމަދެކެ އެހާ ލޯބިވާންވީ ސަބަބެއް ޒޭންއަކަށް މިއަދާ ހަމައަށް ވެސް ނުވިސްނުނެވެ. ޒޭންގެ މުޅި އުމުރުގައި ވެސް އެންމެ އުފާކުރީ އެ ދޮންމަންމަ މިދުނިޔެއާ އަލްވަދާއު ކީދުވަހުއެވެ. އަދިވެސް ޒޭންގެ ކަންފަތުގައި އެ ނުލަފާ އަންހެން މީހާ ކުރި އާދޭސް ހަރުލާފައި އެބަހުއްޓެވެ. މާފަށްއެދި އެ ދެލޮލުން ފޭބި ކަރުނައަށް ޒޭންގެ ހިތް ލެނބިގެނެއްނުދާނޭކަން ޚުދު ޒޭނަށް އެނގެއެވެ. އެ ދުވަހަކީ ބަޔާން ކުރާން ވެސް ދަތި ހިތްހަމަޖެހުމެއް ޒޭނަށް ލިބިގެން ދިޔަ ދުވަހެކެވެ. އެ ދުވަހަށް ފަހު ޒޭންގެ އެންމެ ބޮޑު މަގްޞަދަކަށްވީ އޭނާގެ މަންމަ ހޯދުމެވެ. ބައްޕަ އާއި ވަކިވިއިރު އޭނާ ނުގެންދިޔައީ ކީއްވެތޯ އަހާލަން ބޭނުންވެ ހުރެއެވެ. ދޮންމަންމަގެ އަނިޔާވެރިކަމުގެ ތެރެއަށް އޭނާ ދޫކޮށްލާން ޖެހުނީ ކޮންސަބަބަކާ ހުރެތޯ އަހާން ޒޭން ބޭނުމެވެ. ނަމަވެސް އެ މަންމަ ހޯދާނީ ކޮންތާކުންކަމެއް ޒޭނަކަށް ނޭނގެއެވެ. އޭނާގެ ބައްޕަ ކޯމާއަށް ދިޔަ ޚަބަރު ލިބުނީ އެ ނުލަފާ ދޮންމަންމަ މަރުވިތާ ހަފްތާއެއްގެ ތެރޭގައެވެ. އެއީ ވެސް ޒޭނަށް ހީވެފައިވާ ގޮތުން އެ އަންހެން މީހާގެ ސިހުރަކުންނެވެ. އޭނާ ނެތްދުނިޔެއެއްގައި ހައިކަލް ވެސް ގަދަވެ ސަލާމަތުން ހުންނާން ބޭނުންނުވަނީއެވެ. އެ ސިހުރުވެރި އަންހެންމީހާގެ ނުބައިކަން ޒޭންގެ ކުރިމަތީ އިންތިހާއެވެ. އެތަކެއް އަހަރުތަކަކަށްފަހު އުމުރުން ދުވަސްވެފައި ތިބެ ވެސް ހައިކަލްގެ ދަރިއަކަށް ބަލިވެއިނީ ބައްޕަގެ މުދާގަނޑުގެ ދަހިވެތިކަމުގައިކަން ޒޭން ޤަބޫލުކުރެއެވެ. ހައިކަލްގެ ހުރިހާ މުދަލެއްގެ ވާރިޡަކީ ޒޭންއަށް ވާތީ އެކަން އެގޮތަށް ވިޔަ ނުދޭން ދޮންމަންމަ ރޭވި ރޭވުމެކެވެ.

އިރުއަރާ އަލިވިއިރު ވެސް ޒޭންގެ ހިތުގައި އަނދަމުން ދިޔަ އަލިފާންގަނޑުގައި ރޯވެފައިވާ ހުޅުގަނޑު ހުލިވާގޮތެއްނުވިއެވެ. އެއީ އޭނާ މިއަދަކު ކުރާ ނަފުރަތެއްނޫނެވެ. ޚިޔާލުތައް އެއްފަރާތްކޮށްލާ ޒޭންގެ ސަމާލުކަން އެހެން ދިމާއަކަށް ހުއްޓުނީ ކޮޓަރީގެ ދޮރު ހުޅުވާލާފައި މީހަކު ވަނުމުންނެވެ. އޭނާ ބަލާލި އިރު ޖަމީލު އެތެރެއަށް ވަދެގެން އަންނަނީއެވެ.

"އެކޮއެ! ދެން ދޭ ގެއަށް... މިގަޑީގައި ބޭބެ މަޑުކޮށްލާނީ، މިއަދު ވާނެ ބޭބެއާއެކު ހުކުރަށްދާން. އެހާއިރަށް ލަކްޝްމީ އަންނާނެ ހޮސްޕިޓަލަށް... ބޭބެއާއެކު ހިނގާލާފައި މިސްކިތަށްދާނީ ދޯ... އޭރުން މާލޭގެ ކަންކަން ޒޭނަށް އެނގޭނީ ވެސް" ޖަމީލު ބުނެލިއެވެ.

"އޯކޭ، އަހަރެންގެ އެއްވެސް މައްސަލައެއްނެތް" ޒޭން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"އެކޮއެވާނެ ބާރަޖަހަންވާއިރަށް ތައްޔާރުވެގެން ހުންނާން. މެންދުރު ނަމާދަށް ގޮވުމުގެ ކުރީން މިސްކިތަށް ދާންވާނެ. ހުކުރު ދުވަސްވީމާ ނިކަން އަވަހަށް މިސްކިތް ފުރޭނެ" ޖަމީލު ބުންޏެވެ.

"ކުޑަކޮށް ނިދާލާފައި އެހާ އިރަށް ރެޑީވެވޭތޯ ބަލާނަން" ބޮލުގައި އަތްފުނާ އަޅާލަމުން ޔަގީން ނުވެފައި ހުރި މީހަކު ފަދައިން ޒޭން ބުންޏެވެ. އަދި ޖަމީލު ހިނިތުންވެލުމުން ބަދަލުގައި ޒޭން ވެސް ހީނލާފައި އެ ކޮޓަރިން ނުކުންނާން ހިނގައިގަތެވެ.

ގޭތެރެއަށް އައިސް ވަދެވުނު އިރު ޒޭން ހުރީ ވަރަށް ބަނޑުހައިވެފައެވެ. އެންމެ ފުރަތަމަވެސް ވަދެގެން އައިސް ހުޅުވާލެވުނީ ކާގޭގައި ހުރި އައިސްއަލަމާރިއެވެ. ކަމުދާ ކަހަލަ އެއްޗެއް އެއިން ޒޭނަށް ނުފެނުނެވެ. އައިސްއަލަމާރީގެ ދޮރުފަތް ލެއްޕިތަން ބަދިގެ ފަރާތުން ކާގެއަށް ނުކުތް ހުސްނާއަށް ފެނުނެވެ.

"ދަރިފުޅު ބަނޑުހައި ވީތަ" ހުސްނާ އަހާލިއެވެ. އެއާއެކު ޒޭން ބޮލުން އިޝާރާތްކޮށްލީ އާނއެކޭ ބުނާ ފަދައިންނެވެ.

ހެނދުނުގެ ސައިތައްޔާރުވާން ވަގުތު ކޮޅެއް ހުއްޓެވެ. އެހާއިރަށް ޒޭންއަށް ބަނޑުހައިކަންމަތީ ނުހުރެވޭނެއޭ ހުސްނާގެ ހިތް ބުންޏެވެ. އެހެންވެ އޭނާ ޕާންނަގާ ޒޭނަށް ކެވޭނޭ ފަދަ ލުއި ކާއެއްޗެއް ތައްޔާރުކޮށްލިއެވެ.

"ޒޭން! ކައިގެން ނިދަން ދިޔަޔަސް ހުކުރަށް ދާންވާއިރަށް ހޭލައްޗޭ. ދައްތަ ބުނީން ޖަމީލު ގާތުގައި މިއަދު ހުކުރަށްދާއިރު ޒޭން ގޮވައިގެންނޭ ދާންވާނީ" ސޭންޑްވިޗް ކާން އިން ޒޭންއަށް ހުސްނާ ހަނދާންކޮށްލަ ދިން ކަހަލައެވެ. ބަނޑުގައި ކަންމަތީ އިން ޒޭން ސޭންޑްވިޗް ހަފަމުން ބޯތަޅުވާލިއެވެ.

ކައިނިމުމާއެކު ޒޭން އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެނދުގައި ޖެހުނު ގޮތަށް އޭނާއަށް ނިދުނީއެވެ. ހުކުރު ވަގުތު ކައިރިވަމުން އައިއިރު ވެސް ހެއެއްނުލެވުނެވެ. އޭނާއަށް ހޭވެރިކަމެއް ވީ ކޮޓަރީގެ ދޮރުގައި މެދުނުކެނޑި ޓަކިޖަހާ އަޑުންނެވެ. ލޯ ހުޅުވާލެވުމާއެކު ހުސްނާގެ އަޑު ކަންފަތުގައި ޖެހުނެވެ. އޭރު ހުސްނާ ތަންކޮޅެއް ބާރަށް ޒޭނަށް ގޮވަމުންދިޔައެވެ.

"ޒޭން! ހޭލަބަލަ! މިހާރު ހުކުރު ވަގުތު ޖެހިއްޖެއޭ، ހުކުރަށް ނުގޮސް ނިދަން އޮންނާކަށް ނުވާނެ އެއްނު... އަވަހަށް ދެން ތެދުވޭ. ޒޭން! ހޭލާތަ؟.... ޒޭން!....ޒޭން!..." ހުސްނާ ހުއްޓާނުލާނޭކަން ޒޭނަށް އެނގި ތެދުވިއެވެ.

"ޔާ ދައްތާ! ހޭލެވިއްޖޭ... ހޭލައޭ މިހުރީ... މި ތެދުވީ އެއްނު..." ކޮޓަރީގެ ދޮރުހުޅުވާލާފައި ނިދިބަރުކަން އެކުލެވިފައިވާ އަޑަކުން ޒޭން ވާހަކަދެއްކިއެވެ. އޭރު ވެސް އޭނާގެ ދެލޯ ރަނގަޅަށް ނުހުޅުވެއެވެ. ދެފަހަރަކު އާފުރިލިއެވެ.

"ތި ހޭލީ ދޯ... ދަރިފުޅު ދެން ނޯށޮންނައްޗޭ އިނގޭ، އަވަހަށް ދޭ ފެންވަރަން... އޭރުން ޖަމީލާއެކު ހުކުރަށް ދެވޭނީ. ތިހެން ނުހުރެ ދެން ދޭ އަވަސްކުރަން" ހުސްނާ ދެއްކި ވާހަކައާ އެއްބަސްވުމުގެ ގޮތުން ޒޭން ބޯޖަހާލާފައި ކޮޓަރިތެރެއަށް ވަދެގެންދިޔައެވެ. ނަމަވެސް ހުސްނާ އެނބުރި ހިނގައިގަތީ ޒޭން ނުކުންނާނެ ކަމާއިމެދު އެއްވެސް ޔަގީންކަމެއް ނެތިއެވެ.

ހުކުރަށް ދާން ތައްޔާރުވެގެން ބޮޑުކޮޓަރީގެ ސޯފާގައި ޖަމީލު މަޑުކޮށްލައިގެން އިނީ ޒޭންގެ އިންތިޒާރުގައެވެ. އެހެން އިންދާ ޒޭން ސިޑިން ފައިބާތަން ޖަމީލުގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ޖަމީލު އަވަސްވެލީ ހުސްނާ ހުރި ހިސާބެއް ބެލުމަށެވެ. އެހިނދު ކާގޭ އަޑުއިވޭ ހިސާބުގައި ހުސްނާ ހުއްޓާ ފެނުނެވެ.

"ހުސްނާ! ނިކަން އަވަހަށް އާދެބަލަ. މަ ބުނީމެއްނު އެ ސޮރު އަންނާނެއޭ... ބަލާލަބަލަ!..." ޖަމީލު ހިނިއައިސްފައި ބުނެލިއެވެ. އޭނާއަށް އޭރު ސޯފާއިން ތެދުވެވިއްޖެއެވެ.

ބޮޑުކޮޓަރިއަށް އައި ހުސްނާ ސިޑިއާ ދިމާއަށް ބަލާލިއެވެ. މަޑު ކްރީމް ކުލައިގެ އަތްދިގު ގަމީހާއި އަނދިރި ކުލައެއްގެ ފަޓުލޫނުގައި ފިރިހެންވަންތަ ހިނގުމެއްގައި ސިޑިން ފައިބައިގެން ޒޭން ހުރެ އާދެއެވެ. އޮޅާލެވިފައިވާ ގަމީހުގެ އަތްކުރިއާއި ހަށިގަނޑުގެ ތެދުކަމާއި ތަފާތެއްނެތް ސޫރައިން ޒޭންއެކޭ ހައިކަލްއެކޭ އެއްވެސް ތަފާތެއް ނެތެވެ. މިދުވަސް ދުށުމަށް ޓަކައި ހައިކަލް ގަދަވެ ސަލާމަތުން ހުރިނަމައޭ ހުސްނާގެ ހިތަށް އެވަގުތު އެރިއެވެ.

"ހައިކަލް މިއަދު ދަރިފުޅާ ދޭތެރޭ ވަރަށް ފަޙުރުވެރިވާނެ. ރަނގަޅު ބަސްއަހާ ދަރިއަކަށް ވީތީ" ޒޭން އައިސް ޖަމީލު ގާތުގައި ހުއްޓިލުމާއެކު ހިނިއައިސްފައި ހުރި ހުސްނާ ބުންޏެވެ. އެހިނދު ޒޭންގެ މޫނުމަތިން ފެނުނީ ފަނޑު ހިނިތުންވުމެކެވެ. ހައިކަލް އެމީހުންނާއެކު ނެތްކަމުގެ ހުސްކަން ފޫނުބެއްދޭނެއޭ ޒޭންގެ މޫނުމަތީން ފާޅުވި އަސަރުތަކުން ބުނާ ކަހަލައެވެ. އޭނާ މަޑުމަޑުން ޖަމީލާއެކު ހުކުރަށް ދިއުމަށް ޓަކައި ގެއިން ނުކުތެވެ. އެ މަންޒަރު ބަލާން ލުއި ހިނިތުންވުމަކާއެކު ހުސްނާ ހުއްޓެވެ.

ހުކުރުން ފައިބައިގެން ޒޭނާއި ޖަމީލު އަންނާންވާއިރަށް ކާގޭގެ ސުފުރާމަތި ހުސްނާ ތައްޔާރުކޮށްލިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލުމަށްފަހު ހުސްނާ ހިނިތުންވެލީ ދެން ގިނައިރެއްނުވެ ޒޭނާއި ޖަމީލު އަތުވެދާނޭކަން އެނގިގެންވެ. ކާމޭޒު ދޮށުގައި މަޑުކޮށްލައިގެން އިންދާ ފެނުނީ ޖަމީލާއެކު ޒޭން އެތަނަށް ވަން ތަނެވެ. އެމީހުންނަށް ވެސް ގެއަށް ވަދެވުމާއެކު ހުސްނާގެ ކުޅަދާނަ ކެއްކުންގަނޑުގެ ހިތްގައިމު ވަސް ނޭފަތުގައި ހަރުލައިގެން ދިޔައެވެ. ޒޭންގެ ބަނޑުން އަޑު ކިޔާލިއެވެ. ސުފުރާމަތީން އަރަމުންދިޔަ މީރު ވަހުން އިތުރަށް ބަނޑުގައި ކޮށްލި ކަހަލައެވެ. ޒޭން ކާމޭޒު ދޮށުގައި އިށީނެވެ. އޭރު އޭނާއާއެކު ގެއަށް ވަން ޖަމީލު ގޮސް ގެއްލުނީ ކޮންތާކަށްކަމެއް ޒޭންއަކަށް ނޭގުނެވެ. ގައިމުވެސް ކާކޮޓަރިއާއި ދިމާއަށް އޭނައެއް ނާދެއެވެ. (ނުނިމޭ)