ކުޅިވަރު

މެސީ 350 ގޯލް ހަމަކޮށްފި، އެތުލެޓިކޯއަށް ބޮޑު މޮޅެއް

Aug 27, 2017

ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކާމިޔާބު ކުރި ދެ ލަނޑާއެކު، ސްޕެނިޝް ލަލީގާގާގައި 350 ލަނޑު ހަމަ ކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ބާސެލޯނާގެ ލިއޮނަލް މެސީ ހޯދައިފި އެވެ. ރޭގެ މެޗު ބާސާ މޮޅުވީ ވެސް މެސީ ކާމިޔާބު ކުރި ދެ ލަނޑާއެކު އެވެ.

އެ ދެ ލަނޑާއެކު، ސްޕެނިޝް ލީގްގައި މެސީ ކާމިޔާބު ކުރި ލަނޑުގެ އަދަދު ވަނީ 351 އަށް އަރާފަ އެވެ. މެސީ ބާސާއާއެކު ކެރިއާ ފެށީ 2004 ވަނަ އަހަރު އެވެ. ލަލީގާގެ ލަނޑު ލިސްޓްގެ ދެ ވަނައިގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ ވަނީ 285 ލަނޑު ޖަހާފަ އެވެ. ރެއާލް މެޑްރިޑާއެކު ލަލީގާގައި އޭނާ ކުޅެން ފެށީ 2009 ވަނަ އަހަރު އެވެ.

ރޭގެ މެޗުގައި، ބާސާގެ ފޯމޭޝަން އަތުރާލާފައިވާ ގޮތުން، ބާސާގެ ސެންޓަ ފޯވަޑްގެ މަގާމު ހަވާލު ކޮށްފައި ވަނީ މެސީ އަށެވެ. ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ، ބާސާގެ ފޯމޭޝަން ރޭ އަތުރާލާފައި ވަނީ 4-2-3-1 ގެ ފޯމޭޝަނަށެވެ.

މެޗުގައި، މެސީއަށް ވަނީ ޕެނަލްޓީ އެއް ލިބިގެން ގޮސްފަ އެވެ. އެ ޕެނަލްޓީ އަކީ، ބާސާއަށް ލިބުނު ހިލޭ ޖެހުމެއްގައި، މެސީ ނަގައިދިން ބޯޅަ ޖަހަން އުޅުމުގެ ތެރޭގައި، އަލަވޭސް ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ރޮޑްރިގޯ އެލީ، ބާސާގެ ޕީކިޔު ވައްޓާލުމުން ދިން ޕެނަލްޓީ އެކެވެ. ޕެަނލްޓީ މެސީ ފޮނުވާލި ނަމަވެސް، ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ކީޕަރު ފެނާންޑޯ ޕަޗެކޯ ވަނީ ދިފާއު ކޮށްފަ އެވެ.

ޕެނަލްޓީ ނާކާމިޔަބުވި ނމަވެސް، މެޗުގެ 55 ވަނަ މިނެޓްގައި، މެސީ ވަނީ ބާސާއަށް ލިޑް ނަގައިދީފަ އެވެ. ޖޯޑީ އަލްބާ ދިން ބޯޅަ ހޯދުމަށްފަހު އަލަވޭސްގެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި ދިޔަ ބޯޅަ، ގޯލަށް ވަނީ، އަލަވޭސް އެލެކްސިސް ފައިގައި ޖެހިފަ އެވެ. އެލެކްސިސް ފައިގައި ޖެހިފައި ދިއުމުން ޕަޗެކޯއަށްވެސް، އެބޯޅަ މިސްރާބު އޮޅިގެން ދިޔަ އެވެ.

ބާސާގެ ދެވަނަ ލަނޑު މެސީ، ކާމިޔާބު ކުރީ ޕަކޯ އަލްކާސާ ބޮލުން ދިން ބޯޅަ އަކުން ނެވެ. އަލްކާސާއަށް ބޯޅަ ލިބުނީ އެލެކްސިސްއަށް އެ ބޯޅަ ރަނގަޅަށް ދިފާއު ނުކުރެވުމުން ނެވެ. މެޗުގައި، ވަލްވެރުޑޭ ވަނީ، ބާސާއަށް ޓްރާންސްފާގައި ގުޅުނު ޕައުލީނިއޯ ފުރުސަތު ދީފަ އެވެ.

ލަސްޕަލަމްސްއާ ދެކޮޅަށް ކުޅުނު މެޗު އެތުލެޓިކޯ ކާމިޔާބު ކުރީ، 5-1 ން ނެވެ. އެ ޓީމުގެ ކޯކް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. ދެނަ ލަނޑުތައް ކާމިޔަބު ކުރީ އަންހެލް ކޮރެއާ އާއި ޔަނިކް ކަރެސްކޯ އާއި ތޯމަސް ޕާޓޭ އެވެ. ލަސްޕަލަމްސްގެ ލަނޑު ކާމިޔާބު ކުރީ، ޖޮނަތަން ކެލަރީ އެވެ.