ވިޔަފާރި

ބީބީއެމުން ރާއްޖޭގައި ކައްކާއިން ތަމްރީން ކޮށްފި

ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އާއި މޯލްޑިވްސް އެގްޒެބިޝަން އެންޑް ކޮންފަރެންސް ސާވިސް (މެކްސް) ގުޅިގެން ބޭރުގެ މާހިރެއް ގެނެސްގެން، ރާއްޖޭގައި މަސައްކަތް ކުރާ ކައްކާއިން ނަށް ހާއްސަ ތަމްރީން ތަނެއް ދީފި އެވެ.

ހުޅުލެ އައިލެންޑް ހޮޓެލްގައި ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި 60 ރިސޯޓަކުން 145 ކައްކާއިން ބައިވެރިވެފައިވެ އެވެ.

މި ޕްރޮގްރާމުގައި ތަމްރީން ދީފައިވަނީ ތައިލެންޑުގެ ކަލިނަރީ އެކެޑަމީގެ ފައުންޑަރު އަދި ޗެއާމަން ވިލިމެންޓް ލިއޮންގް އެވެ.

މި ތަމްރީންތަކާ ބެހޭ ގޮތުން، ބީބީއެމްގެ ސީއީއޯ މުހައްމަދު މަޒްލޫމް ވިދާޅުވީ އެ ކުންފުނިން އިސްކަން ދެނީ ފުޑް އެންޑް ބެވަރޭޖަސް (އެފްއެންބީ) ދާ ރާއްޖޭގެ މި ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ތަމްރީން ދިނުން ކަމަށެވެ.

ތަމްރީން ޕްރޮގްރާމް ބީބީއެމް އިން ކުރިއަށް ގެން ގޮސްފައި މިވަނީ އަންނަ މަހު 18 އިން 20 ވަނަ އަށް ދަރުބާރުގޭގައި ބާއްވާ ހޮޓެލް އޭޝިއާ އެގްޒެބިޝަން (އެމްއެޗްއީ) ފެއާއާ ދިމާކޮށެވެ. މި ފެއާގައި 600 ކައްކާއިން ބައިވެރިވާއިރު، މުޅި ޖުމުލަ 175 ސްޓޯލް ހުންނާނެ އެވެ.