ކުޅިވަރު

ބަދަލު ކުޅުންތެރިން ޓީމު މޮޅުކޮށްދީ، މޮރީނިއޯއަށް ހިތްހަމަޖެހުން

Aug 27, 2017

ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ކުޅުންތެރިން، ރޭ މެންޗެސްޓާ ޔުނައިޓަޑް މޮޅު ކޮށް ދިނުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ ކަމަށް، އެ ޓީމުގެ ގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ރޭ، ލެސްޓާ ސިޓީއާ ދެކޮޅަށް 2-0 ން ޔުނައިޓަޑަށް ކާމިޔާބު ކޮށްދިނުމުގައި، މެޗުގައި އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ދެ ކުޅުންތެރިން ކަމަށްވާ، މާކޯސް ރަޝްފާޑް އާއި މަރުއާން ފެލޭނީ އެވެ.

ހުއާން މާޓާގެ ބަދަލުގައި، ރަޝްފާޑް ކުޅެން އެރީ މެޗުގެ 67 ވަނަ މިނެޓްގަ އެވެ. އޭގެ ތިން މިނެޓް ފަހުން އޭނާ، ޔުނައިޓަޑަށް ލީޑް ނަގައިދިނީ، ހެންރިކް މިހިތާރިޔަން ނެގި ކޯނަރެއްގައި ތަނަވަސްވި ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ. ބޯޅަ ގޯލަށް ވަނީ ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލްގެ އަތުގައި ޖެހިފަ އެވެ.

އޭގެ ކުރިން، މެޗުގެ 53 ވަނަ މިނެޓްގައި ޔުނައިޓަޑަށް ވަނީ ޕެނަލްޓީ އެއް ލިބިފަ އެވެ. ރޮމެޔޫ ލުކާކޫ ފޮނުވާލި ޕެނަލްޓީ ޝްމައިކަލް ޑައިވް ކޮށް ވަނީ ދިފާއު ކޮށްފަ އެވެ.

"މެޗު ނިމެން 30 މިނެޓަށް ވެފައި ހުއްޓާ ޕެނަލްޓީއެއް މިސްކޮށް ލެވުނީމާ އާންމުކޮށް ޕްރެޝަރަށް ދާނެ،" ލުކާކޫގެ ޕެނަލްޓީއާ ބެހޭގޮތުން މޮރީނިއޯ ބުންޏެވެ. "ނަމަވެސް މިއަދު އަހަރެމެން ދިޔައީ އޭގެ ފަހުންވެސް ރަނގަޅަށް ކުޅެމުން."

މިހިތާރިޔަންގެ ބަދަލުގައި، ފެލޭނީ ކުޅެން އެރީ މެޗުގެ 74 ވަނަ މިނެޓްގަ އެވެ. އޭނާ ލަނޑު ޖެހީވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ޖެސީ ލިންގާޑް ތަނަވަސް ކުރި ފުރުސަތަކުން ނެވެ. ލިންގާޑު ގޯލާ އަމާޒު ކުރި ބޯޅަ، ގޯލް ތެރެއަށް ވަނީ ފެލޭނީ ފައިން އެބޯޅަ ކޮށްޕާ ލުމުން ނެވެ. އެހެނަންމަ އެ ބޯޅަ ދާނީ ގޯލް ހުރަސްކޮށް ބޭރަށެވެ.

ބަދަލުތައް އޭނާ ގެނައި ނަމަވެސް، މޮރީނިއޯ އެކަމުގެ ކްރެޑިޓް ނަގާކަށް ބޭނުމެއް ނުވި އެވެ. އޭނާ ބުނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި ކުޅުންތެރިން ނަތީޖާ ނެރުނީ އެ ކުޅުންތެރިންނަކީވެސް ހުނަރުވެރި ކުޅުންތެރިންނަށް ވުމުން ކަމަށެވެ.

"މިއީ ހަމަ ކުޅުންތެރިންގެ ކޮލިޓީ، ކުޅުންތެރިންނަކީ ވަރަށް ރަނގަޅު ކުޅުންތެރިން ހަމައެކަނި ރަނގަޅީއެއް ނޫން، އެމީހުންތީބީ ދަނޑުމަތީގައި ތިބި އެހެން ކުޅުންތެރިންނަށް އެހީވުމަށް ވަރަށް ބޮޑަށް މޯޓިވޭޓް ވެފަ، އެ ކުޅުންތެރިން ފުރަތަމަ 11 ގައި ނިކުތް ނަމަވެސް ބެންޗުން ނިކުތް ނަމަވެސް ތަފާތެއް ނެތް، އެ ކުޅުންތެރިން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ދެމެދު ރަނގަޅު ގުޅުމެއް އެބައޮތް އަހަރެން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ،" މޮރީނިއޯ ބުންޏެވެ. "ކޯޗުން އަބަދުވެސް ގެންނަނީ އެންމެ ރަނގަޅު ކަމަށް ފެންނަ ބަދަލު ތައް އެކަމަކު ގެނައި ބަދަލާ އެއްގޮތަށް އެކަން މަސައްކަތް ކުރަނީ ބައެއް ފަހަރު، ބައެއް ފަަހަރު އަހަރެމެން ބޭނުންނުވާ ގޮތަށްވެސް ވޭ، ކޮންމެ ގޮތެއްވިޔަ އަހަރެން މިހުރީ އެ ކުޅުންތެރިން މަރުއާން [ފެލޭނީ] ޖެސީ [ލިންގާޑް] މާކޯސް [ރަޝްފާޑް] އާ މެދު ވަރަށް ބޮޑަށް ހިތް ހަމަ ޖެހިފައި."

މޮޅާއެކު، ޔުނައިޓަޑް އޮތީ ނުވަ ޕޮއިންޓާއި ފައިދާ 10 ގޯލާއެކު، ތާވަލުގެ އެއް ވަނައިގަ އެވެ. އެޓީމު ކޮޅަށް އެންމެ ލަނޑެއްވެސް ވަދެފައެއް ނުވެ އެވެ.