މިޔަންމާގެ ބުޑިސްޓު އާއްމުނާއި ސިފައިންގެ އަނިޔާގައި އަަހަރުތަކެއް ހޭދަކޮށްފައިވާ ރޯހިންޔާ ދަރިކޮޅުގެ މީހުންގެ ތެރެއިން އުފެދުނު ހަނގުރާމަވެރިންގެ ބަޔަކު އެ ގައުމުގެ ސިފައިންނަށް ހުކުރު ދުވަހު ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
ދަ ގާޑިއަން ނޫހުން ބުނީ ހަނގުރާމަވެރިން ހުކުރު ދުވަހު ދިން ކުއްލި ހަމަލާތަކެއްގައި މިޔަންމާ ސިފައިންގެ 12 މީހަކު މަރުވި އިރު ހަނގުރާމަވެރިންގެ 80 މީހަކު މަރުވި ކަމަށެވެ. އަދި ބުނީ ދެފަރާތުން މިހާރުވެސް ހަމަލާ ބަދަލު ކުރަމުންދާ ކަމަށެވެ.
ރޯހިންޔާ ދަރިކޮޅުގެ މީހުންގެ އަޣުލަބިއްޔަތު އޮންނަ ރާޚިން ސްޓޭޓްގައިވާ މިޔަންނާ ސިފައިންނާއި ފުލުހުންގެ އަމާޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން ސަރުކާރުން ވަނީ އެސަރައްދުގައި ދިރިއުޅޭ ޣައިރު މުސްލިމުންގެ 4000 އަށް ވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ގެންގޮސް ހިމާޔަތްކޮށްފަ އެވެ. އަދި އެސަަރަހައްދުގައި ދިރިއުޅޭ ރޯހިންޔާ ދަރިކޮޅުގެ މުސްލިމް އާއްމުން ވަނީ ހަމަލާތަކުން ސަލާމާތްވުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކުރަން ފަށާފަ އެވެ. އެގޮތުން މިހައިތަނަށް 2000 އަށް ވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝަށް ގޮސްފަ އެވެ.
ހިޖުރަކުރާ މީހުން އަންނާތީ ބަންގްލަދޭޝް ސިފައިން ވަނީ އެ ސަރަހައްދުގައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފަ އެވެ.
މިޔަންމާގެ ރާޚިން ސްޓޭޓްގައި 2012 ވަނަ އަހަރު އެގައުމުގެ ބުޑިސްޓުިން މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ފަހު، މުސްލިމުންގެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ ވަގުތީ ރެފިއުޖީ ކޭމްޕްތަކުގަ އެވެ. ހަނގުރާމަވެރިން ބަލިކުރަން ކަމަށް ބުނެ މިޔަންމާ ސިފައިން އެ ސަރަހައްދުގައި އޮޕަރޭޝަނެއް ހިންގަން ފެށުމުން ރޯހިންޔާ ދަރިކޮޅުގެ 70000 މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.
އދ. އިން މިދިޔަ މާޗް މަހު ކުރި ސާވޭއަކަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އިއްފަތް ފޭރުމާއި ލާއިންސާނީ އަނިޔާ ދިނުމާއި އާއްމުން މެރުން ފަދަ ޖަރީމާތައް މިޔަންމާ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށެވެ. އަދި އެފަދަ ޖަރީމާތަކުގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ވެސް ވަނީ އާއްމުވެފައެވެ.