ކުޅިވަރު

އޮމާން މެޗަށް ގަތަރުގައި ރާއްޖެއަށް ޓްރެއިނިން މެޗެއް

Aug 27, 2017

އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރު ވުމުގެ ގޮތުން ގަތަރުގެ ވެރިރަށް ދޯހާ ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިން ކޭމްޕްގައި އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ޓްރެއިނިން ކޭމްޕަށް، ގައުމީ ޓީމުގެ ސްކޮޑް މިއަދު ވަނީ ގަތަރަށް ދާން ފުރާފަ އެވެ. މާލެއިން ފުރުމުގެ ކުރިން، ނޫސްވެރިންނާ ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗް އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓް ބުނީ، ގަތަރު ކޭމްޕު ވެގެންދާނީ ޓީމަށް އެކުގައި ފަރިތަކޮށްލައި އެކުގައި ވަގުތު ހޭދައްކޮށްލަން ރަނގަޅު ކެމްޕަކަށް ކަަމަށެވެ.

"އަހަރެމެންނަށް މިރޭ އެކޮޅަށް ދެވޭނީ ލައިޓް ޕްރެކްޓިސްއަކަށް ފަހު ދެން އަހަރެމެން ތައްޔާރު ވަނީ، 31 ގައި [އަންނަ ބުރާސްފަތި ދުވަަހު] އޮންނަ ޓްރެއިނިން މެޗަށް، ރަނގަޅު ޓްރެއިނިން ކޭމްޕަކަށް ވެގެންދާނެ ވަރުގަދަ ކޮށް އަހަރެމެން ޖައްސާނަން އަދި ގަތަރަކީ އޭޝިއާގެ ފުޓްބޯޅައިގައި މިހާރު އެންމެ ރަނގަޅު އެއް ގައުމު." ސްޓްވާޓް ބުންޏެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ ގަތަރުގެ ޓޮޕް ލީގް ކަމަށްވާ، ސްޓާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން އަލް ދުހައިލް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ. ދުހައިލްވަނީ، މިއަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގްގެ ގުރޫޕް 'ބީ' ގެ އެއް ވަނަ ޓީމުގެ ގޮތުގައި، މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ދެ ވަނަ ބުރުގައި، އެޓީމު ބަލިވީ ހަނިގޮތަކަށް، އިރާންގެ ޕްރެސާޕޮލިސް އަތުންނެވެ. ފުރަތަމަ ލެގް މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ދެ ވަނަ ލެގް މެޗު ޕްރެސާ ޕޮލިސް ކާމިޔާބު ކުރީ 1-0 ން ނެވެ.

ގަތަރުގެ ޓްރެއިނިން ކޭމްޕަށް ފަހު، ރާއްޖެއިން އޮމާންއަށް ދާނީ އަންނަ އާދިއްތަ ދުވަހު އެވެ. އޮމާންއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ. ސްޓްވާޓް ބުނީ، އޮމާންއާ ދެކޮޅަށް ރަނގަޅު ފައިޓެއް ދިނުމަކީ އޭނާގެ އަމާޒެއް ކަމަށާއި އެ ޓީމާ ދެކޮޅަށް މެޗު އެއްގޮތަކަށްވެސް ފަސޭހަ ނުވާނެކަން މާ ކުރިންވެސް ވިސްނާފައިވާ ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕް 'ޑީ' ގެ އެއް ވަނައިގައި އޮތީ، ފަލަސްތީނެވެ. އެ ޓީމު ކުޅުނު ދެ މެޗުވެސް ކާމިޔަބު ކޮށް އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާއެކު އެވެ. ރާއްޖެ އާއި އޮމާން އަށް ވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ނަމަވެސް، އޮމާންއަށް ލަނޑުގެ ގޮތުން ބޮޑު ކުރި އެރުމެއް އެބައޮތެވެ. އެ ޓީމަށް ފައިދާ 13 ގޯލް އެބައޮތެވެ.