އަމީތާބު

ޑަބްލިއުއެޗްއޯގެ ބައްދަލުވުމަކަށް އަމީތާބު ރާއްޖެއަށް

ދުނިޔޭގެ ސިއްހައްތު ޖަމިއްޔާއިން ބާއްވާ ކޮމެޓީ ބައްދަލުވުމަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބު ބައްޗަން ރާއްޖެ އައުމަށް ހަމަ ޖެހިއްޖެ އެވެ. އަމީތާބު އަކީ ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ގުޑްވިލް އެމްބަސެޑާ އެކެވެ. އަމީތު ވަނީ މީގެ ކުރިން ވެސް ރާއްޖެ އައިސްފައެވެ.

ޑަބްލިއުއެޗްއޯ ގެ ފަރާތުން މިއަހަރު ރާއްޖޭގައި ބާއްވާ 70 ވަނަ ސައުތް އީސްޓް އޭޝިއާގެ ބައްދަލުވުމުގައި ހެޕްޓައިޓިސް އާއި ބެހޭ ގޮތުން އަމީތާބު ސެޝަންއެއް ދެއްވާނެ އެވެ. ނަމަވެސް އަމީތާބު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ކޮން ދުވަހަކުން ކަމެއް އަދި ސާަފެއް ނުވެ އެވެ. އަންނަ މަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ކޮމެޓީ ބައްދަލުވުން އޮންނާނީ ޕެރެޑައިޒް އައިލޭންޑް ރިސޯޓްގައި އެވެ.

މިއަހަރުގެ ބައްްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ އެކިއެކި ކަންކަމާއި ގުޅޭގޮތުންނެވެ. އަދި އެކަމާއި ގުޅޭގޮތުން ސިއްހީ ގޮތުން އެޅެންހުރި ފިޔަވަޅުތަކުގެ މައްޗަށް ބަލައި ހެލްތް ސިސްޓަމެއް ރޭވުމުގެ މަޝްވަރާ ކުރެވިގެންދާނެ އެވެ. މީގެ އިތުރުން މިހާރު ހުރި ހެލްތް ޕްރިއޯރިޓީސްތަކާއި އަދި ކުރިއަށް އޮތް ތަނުގައި ހެލްޓް ސިސްޓަމް އެކުލަވައިލުމުގައި މުހިންމުކަން ދޭން ޖެހޭ ބައެއް ކަންކަމަށް މަޝްވަރާ ކުރާނެ އެވެ.

މި ބައްދަލުވުމުގައި 11 ގައުމުކުން ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ. އަދި އެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ އިސްބޭފުޅުންނާއި ސައުތް އީސްޓް އޭޝިއާ ރީޖަނަލް އޮފީހުގެ ބައެއް ބޭފުޅުން ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ.