ހަބަރު

އަމީތާބު ރާއްޖޭގެ ދަތުރު ކެންސަލްކޮށްފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ބައްދަލުވުމަށް ބޮލީވުޑްގެ މެގަ ސްޓާރު އަމީތާބު ބަޗަން ރާއްޖެއަށް ކުރަން އޮތް ދަތުރު ކެންސަލްކޮށްފި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އަމީތާބު އަންނަން އޮތީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް އަމީތާބު މިވަގުތު ބަލިވެ އުޅޭތީ ރާއްޖެ އާދެވެން ނެތް ކަމަށް މިހާރު ވަނީ އަންގާފަ އެވެ. އަމީތާބަކީ ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބަސެޑަރެވެ.

ޑަބްލިއުއެޗުއޯގެ ފަރާތުން ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ އެ ޖަމިއްޔާގެ 70 ވަނަ ސައުތް އީސްޓް އޭޝިއާގެ ބައްދަލުވުމުގައި ހެޕްޓައިޓިސް އާއި ބެހޭ ގޮތުން އަމީތާބު ސެޝަންއެއް ދޭން ކުރިން އޮތީ ނިންމާފަ އެވެ.

އަމީތާބު ދަތުރު ކެންސަލްކުރި އިރު ރާއްޖޭގެ ދަތުރު ކެންސަލް ކުރުމަށް އެދި ސޯޝަލް މީޑިޔާގައި ކެމްޕޭނެއް ވެސް ކުރި އަށް ގެންގޮސްފައިވެ އެވެ. އެ ދަތުރު ބޮއިކޮޓް ކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިދިކޮޅު ލީޑަރުން ތިއްބެވީ ޖަލުގައި ކަމަށާއި ރާއްޖޭގައި ގާނޫނު އަސާސީން ލިބިދޭ ހައްގުތަކާއި މިނިވަންކަން ގެއްލުވާލާފައިވާ ކަމަށެވެ.

އަމީތާބު ކުރިން ދެ ފަހަރަކު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ. މިގޮތުން މިދިޔަ އަހަރު އަމީތާބު ވަނީ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކޮށްފަ އެވެ.