ހަބަރު

ދެ ދޯނި އެކްސިޑެންޓްވެ، މީހަކު މަރުވިއިރު ކެޕްޓަން ހުރީ އަމަލުވެފައި

ނ. ވެލިދޫ ބޭރުގައި މަސްވެރިކަމަށް ނުކުމެ އުޅުނު ދެ ދޯނި ޖެހި މިއަދު ހިނގި އެކްސިޑެންޓްގައި އެތަނުން އެއް ދޯނި ދުއްވި މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ހެނދުނު 6:30 އެހާކަން ހާއިރު ނ. ވެލިދޫ ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ، ވިހަފަރު ކައިރީގައި އެންދަމަން ނުކުމެ އުޅެނިކޮށް އެކްސިޑެންޓް ވެފައި ވަނީ “ކިރުދޫނި” ނަމަކަށް ކިޔާ ދޯންޏަކާއި ބޮޑު ކަންނެލި މަސްވެރިކަން ކުރާ "ގުރުވަ" ކިޔާ ދޯންޏެކެވެ. އެ ހާދިސާ ހިނގި ގޮތް އަވަސް އާ މިއަދު ހިއްސާ ކުރި ބައެއް މީހުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ގުރުވަ ދޯނީގައި ކިރުދޫނި ދޯނި ޖެހިގެންނެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ "ކިރުދޫނި" ދޯނީގެ ފަޅުވެރި އެކެވެ. އަދި އެ ދޯނީގެ އެހެން މީހަކަށް އެކި ވަރުގެ އަނިޔާތައްވެފައިވާ އިރު ދޯންޏަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ފުލުހުން ބުނީ ކިރުދޫނި ދޯނި ދުއްވަން ހުރި 66 އަހަރުގެ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވީ އެކަމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ކިރުދޫނި ދޯނީގެ ކެޕްޓަން ހުރީ އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.