ކުޅިވަރު

ސާފްގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އިންޑިއާއަށް

Aug 27, 2017

ފައިނަލުގައި، ނޭޕާލްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދައިފި އެވެ.

ނާޕާލްގައި ބޭއްވި، މުބާރާތުގައި، ނޭޕާލާއި އިންޑިއާއަކީ، ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނުނު ދެ ގައުމެވެ. ގުރޫޕްގެ ފުރަތަމަ މެޗުގައި، އިންޑިއާއިން ވަނީ، ރާއްޖޭގެ މައްޗަށް 9-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެފަ އެވެ.

ފައިނަލު މެޗުގައި، ފުރަތަމަ ލީޑް ނެގީ ނޭޕާލުން ނެވެ. ޕެނަލްޓީއަކުން މެޗުގެ 41 ވަނަ މިނެޓްގައި ނޭޕާލަށް ލީޑް ނަގައިދިނީ، ބިރިޖެޝް ޗައުދަރީ އެވެ.

ނަމަވެސް، ލަލްރޮކިމާ ވަނީ، 51 ވަނަ މިނެޓްގައި، އިންޑިއާ އަށް ލިޑް ނަގައިދީފަ އެވެ. އިންޑިއާ މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ ވިކްރަމް ޕަރަތާޕް ސިންހް އެވެ.

އިއްޔަ ބޫޓާން، ބަލިކޮށް، ބަންގުލަދޭޝް ވަނީ މުބާރާތުގެ ތިން ވަނަ ހޯދާފަ އެވެ. ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީވެސް ބަންގުލަދޭޝް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ، އިންޑިއާގެ ޕްރަތާޕް އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ބަންގުލަދޭޝްގެ ފޮއިސޮލް އެވެ. އޭނާ ވަނީ ހަ ލަނޑު ޖަހާފަ އެވެ.