ހަބަރު

ޕާޓީން އަޅާ ފިޔަވަޅަކުން ގޮނޑި ނުގެއްލޭ ކަމަށް ބުނާ މާއްދާ ބާތިލެއް ނުކުރި

ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އެޅިޔަސް އެ އެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް ބުނެފައިވާ މާއްދާ ބާތިލުކޮށްދިނުމަށް އެޓާނީޖެނެރަލްގެ އޮފީހުން ހުށަހެޅި ހުށަހެޅުމާ މެދު ސުޕްރީމްކޯޓުން ގޮތެއް ކަނޑަ ނާޅައި ދޫކޮށްލައިފި އެވެ.

ސުޕްރީމްކޯޓުން އެގޮތަށް ނިންމިކަން އެނގެނީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާ ގުޅިގެން ސުވާލު އުފެދިގެން އެކަމާ މެދު ފައިސަލާ ކުރުމަށް ސުޕްރީމްކޯޓަށް ހަތަރު މެމްބަރަކު ހުށަހެޅި މައްސަލައިގައި އެ މެންބަރުންގެ ވަކީލުންނަށް މިރޭ ދިން ޖަވާބުންނެވެ.

ޖަވާބުގައި ބުނެފައި ވަނީ އެ މައްސަލައިގައި އެކޯޓުން އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށެވެ. ސުޕްރީމްކޯޓުން އެހެން ބުނެފައި ވާއިރު، ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާ (ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ޕާޓީތަކުން އަޅާ ސުލޫކީ ފިޔަވަޅެއްފެ ސަބަބުން ގޮނޑި ނުގެއްލޭނެ ކަމަށް ބުނާ މާއްދާ) ބާތިލުކުރަން އޭޖީން ހުށަހެޅީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ދެ މެންބަރެއްގެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގަ އެވެ. މިރޭ ދިން ޖަވާބުން އެނގޭ ގޮތުގައި ޝަރީއަތް މިހާރު އެވަނީ ގޮތެއް ކަނޑައަޅަން ނުޖެހޭ ގޮތަށް ނިންމާފަ އެވެ.

އެ ނިންމުމުގައި އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ސުޕްރީމް ކޯޓުން ބުނެފައެއް ނުވެ އެވެ. އޭޖީ އިން އެގޮތަށް އެދުނީ ވެސް ޕާޓީ ބަދަލު ކުރާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ހުކުމާ އެ މާއްދާ ހިލާފުވާ ކަމަށް ބުނެ އެވެ. ސުޕްރީމް ކޯޓްގެ މިރޭގެ ނިންމުމުގައި އެކަމާ މެދު އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކޯޓުގެ ކުރީގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް ފެތޭނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަަމަށެވެ. އަދި އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް އެ ކޯޓު އަމުރުގެ ޒަރިއްޔާއިން އިތުރަށް ކަށަވަރުކޮށްދީފައިވާނެ ކަަމާއި އެހެންވީމާ އެ ގަޒިއްޔާގައި ވާ އަހުކާމުތައް ތަތުބީޤު ވާނީ އެ ތާރީހުގެ ފަހުން މެންބަރުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ.

ސުޕްރީމްކޯޓުން މިރޭ ދިން ޖަވާބުވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މާނަކޮށްފައި ވަނީ ތަފާތު ދެގޮތަކަށެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ގޮނޑިި ނުގެއްލޭ ކަން ޖަވާބުން އެނގޭ ކަމަށެވެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އެ ޖަވާބުން ދޭހަވަނީ ގޮނޑި ގެއްލުނު ކަމަށެވެ.