ކުޅިވަރު

ޗެލްސީއަށް މޮޅެއް، ލިވަޕޫލުން ހައިރާންކަން ގެނެސްފި

Aug 28, 2017

އެވަޓަންއާ ދެކޮޅަށް ސްޕެއިންގެ ދެ ޓްރިއޯ ކަމަށްވާ ސެސް ފެބްރިގާސް އާއި އަލްވާރޯ މޮރާޓާ ކާމިޔާބު ކުރި ލަނޑުތަކުން 2-0 ޗެލްސީ ތާވަލުގެ ފަސް ވަނައާ ހަމަޔަށް ގެންގޮސްދީފި އެވެ. ނަމަވެސް އެންމެންނަށް ހައިރާން ކޮށްލީ އާސެނަލްއާ ދެކޮޅަށް 4-0 ގެ ނަތީޖާ އަކުން މޮޅުވި ލިވަޕޫލެވެ.

އެންފީލްޑްގައި، އާސެނަލްގެ މައްޗަށް ލިވަޕޫލު މޮޅު ކޮށްދިނުމުގައި މުހައްމަދު ސަލާހް އާއި ރޮބާޓޯ ފޭމިނޯ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ލިވަޕޫލް ލީޑް ނެގުމުގެ ކުރިން މެޗުގެ އެންމެ ފުރަތަމަ ފުރުސަތު ލިބުނީ އާސެނަލް އަށެވެ. އެލެކްސިސް ސަންޗޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި، ޑެނީ ވެލްބެކް ޕަނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑި މަތިން ބޭރަށެވެ.

ލިވަޕޫލް ލަނޑުގެ ކުރިން ރޮބާޓޯ ފެމީނޯ ވަނީ ސަލާހް އަށް ރީތި ބޯޅައެއް ތަނަވަސް ކޮށްދީފަ އެވެ. ނަމަވެސް ސަލާހް ވެއްޓިގެން ފައި ގޯލާ އަމާޒުވާ ގޮތަށް ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ޕީޓާ ޗެކް ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.

މެޗުގެ 17 ވަނަ މިނެޓްގައި، ފޭމިނޯ، ލިވަޕޫލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ޖޯޑީ ގޯމޭޒް ދިން ބޯޅަ ބޮލުން ފޮނުވާލައިގެން ނެވެ. ޕެނަލްޓީ އޭރިއާގެ ބޭރުން އަރިމަތިން، ގޯމޭޒް ނެގި ބޯޅަ ފެމީނޯ ބޮލުން ގޯލަށް ކޮށްޕާލިއިރު، އެ ބޯޅަ ގޯލަށް ވަނީ ޗެކްގެ އަތުގައި ޖެހިލާފަ އެވެ.

އޭގެ ފަހުން ފެމީނޯ ވަނީ، ލިވަޕޫލްގެ ކެޕްޓަން ޖޯން ހެންޑަސަންއަށް ރީތި ބޯޅައެއް ދީފައެވެ. ހެންޑަސަން އަށް ލިބުނު ބޯޅަ އަށް ހުރަސް އަޅަން ހުރީ ޗެކް އެކަންޏެވެ. ހެންޑަސަން މަސައްކަތް ކުރީ ޗެކް އަށް ފުރުސަތު ނުދީގޯލްގެ ދުރުކަށް ބޯޅަ ފޮނުވާ ލުމަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސް ކޮށެވެ.

މެޗުގެ 40 ވަނަ މިނެޓްގައި ސަޑިއޯ މާނޭ ޖެހި ގޯލަކީ ތަފާތު މޮޅު ގޯލެކެވެ. އޭރިއާ ބޭރުން ފޭމިނޯ ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ގޯލް ދުރު ކަނަށް އަމާޒުވާ ގޮތަށް ބޯޅަ ފޮނުވާލީ، އާސެނަލްގެ ޑިފެންޑަރު ކައިރިންވެސް ނައްޓާ ލުމަށް ފަހު އެވެ.

ލިވަޕޫލްގެ ތިން ވަނަ ލަނޑު ސަލާހް ކާމިޔާބު ކުރުމުގައި އޭނާގެ ބާރު ސްޕީޑްގެ ފައިދާ ނަގައިގެން ނެވެ. މެޗުގެ 53 ވަނަ މިނެޓްގައި ލިވަޕޫލްގެ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅަ ހިފައިގެން، ބާރު ސްޕީޑްގައި ދުވެފައި ގޮސް، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، އޭނާ ބޯޅަ ފޮނުވާލީ ސީދާ ގޯލްގެ ކަނަށެވެ. ލިވަޕޫލްގެ ހާފުގެ ތެރެއިން އޭނާ އަށް ބޯޅަ ލިބުނު އިރު، އާސެނަލްގެ ކީޕަރު ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ތިބީ ލިވަޕޫލްގެ ހާފުގެ ތެރޭގަ އެވެ.

ލަނޑަށް ފަހު، މާނޭ އަށް ވަނީ އިތުރު ލަނޑެއް ޖަހަން ފުރުސަތު ލިބިފަ އެވެ. ސަލާހް ދިން ފުރުސަތަކުން ލިބުނު ބޯޅާ ހިފައިގެން ގޮސް، ފޮނުވާލި ބޯޅަ ޗެލް އަތުގައި ޖެހިފައި ގޯލް ތެރެއަށް ވަންނާން ދަނިކޮށް، އެ ބޯޅަ ދިފާއު ކުރީ ހެކްޓާ ބެލެރިން އެވެ.

ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު 77 ވަނަ މިނެޓްގައި ޑެނިއަލް ސްޓްރިޖް ކާމިޔާބު ކުރީ ސަލާހް ދިން ބޯޅަ ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ.

މިއީ އާސެނަލް ޖެހިޖެހިގެންވީ ދެ ވަނަ ބައްޔެވެ. މެޗުން މޮޅުވުމުން، ހަތް ޕޮއިންޓާއެކު ލިވަޕޫލް ވަނީ ތާވަލުގެ ދެ ވަނަ އަށް ޖެހިލާފަ އެވެ.

އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗަށް ނިކުތް އިރު، ޗެލްސީ އޮތީ، އެންމެ ތިން ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގަ އެވެ. މެޗުގެ 27 ވަނަ މިނެޓްގައި، ޗެލްސީގެ ފުރަތަމަ ލަނޑު ފެބްރިގާސް ކާމިޔާބު ކުރީ، މޮރާޓާ ތަނަވަސްކޮށްދިން ބޯޅަ އަކުން ނެވެ.

ޗެލްސީގެ ދެ ވަނަ ލަނޑު 40 ވަނަ މިނެޓްގައި މޮރާޓާ ކާމިޔާބު ކުރީ، އެވަޓަންގެ ހާފުގެ މެދެއްހައި ހިސާބުގައި ހުރެފައި، ސެޒާ އަޒްޕްލިކުއޭޓާ ދިން ބޯޅަ ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ. އަޒްޕްލިކުއޭޓާ އާއި މޮރާޓާގެ މި ޕޯސް އަކީ ޗެލްސީގައި ރަނގަޅު ކޮމްބިނޭޝަނަކަށް ވާނެ ކަމަށް ބެލެވެ އެވެ. އެންމެ ފަހުން ވެމްބްލީގައި ޓޯޓެންހަމް ހޮސްޕާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އަޒްޕްލިކުއޭޓާ ވަނީ ހަމަ އެ ކަހަލަ ބޯޅައެއް މޮރާޓާއަށް ތަނަވަސް ކޮށްދީފަ އެވެ. އެ ބޯޅަ މޮރާޓް ބޮލުން ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ޓޮޓެންހަމް އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި، ޑެލީ އަލީ ކާމިޔާބު ކުރި ހަމައެކަނި ލަނޑުން މޮޅުވާން ދަނިކޮށް، މެޗުގެ އެންމެ ފަހު ވަގުތުގައި ބާންލީން އެއްވަރު ކުރީ ކްރިސް ވުޑް ކާމިޔާބު ކުރި ލަނޑުން ނެވެ.