ކުޅިވަރު

ފުރުސަތުތައް ބޭކާރު ކޮށްލުމުން ރެއާލްއަށް ޕޮއިންޓެއް

Aug 28, 2017

ވެލެންސިއާ ދެކޮޅަށް 2-2 ން މެޗު އެއްވަރު ވެފައި ވަނިކޮށް، މެޗުގެ އެންމެ ފަހުތު ކޮޅުގެ ތެރޭގައި، ރެއާލް މެޑްރިޑްގެ ފޯވަޑް ކަރީމް ބެންޒެމާ އަށް ފުލުފުލުގައި ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން ރެއާލް ޕޮއިންޓަކުން ފުއްދާލައިފި އެވެ.

ރޭގެ މެޗުގެ ކުރިން، ރެއާލްއަށް ވަނީ މިދިޔަ ސީޒަންގެ ސްޕެނިޝް ލީގްގެ ޗެމްޕިއަންކަން ހޯދުމުން، ޗެމްޕިއަން ޓްރޮފީ ހަވާލު ކޮށްފަ އެވެ. އަދި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ދެ ވައިސް ކެޕްޓަނުން ކަމަށްވާ، މާސެލޯ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ، މިދިޔަ ސީޒަންގައި، ރެއާލް އަށް ލިބުނު ތަށިތައް ދައްކާލާފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި، ރެއާލްގެ ތަރިއަކަށްވީ، 21 އަހަރުގެ ފޯވަޑް މާކޯ އެސެންސިއޯ އެވެ. ފަސް މެޗަށް ސަސްޕެންޑް ކޮށްފައިވާ ރޮނާލްޑޯ ނެތި، ކުޅުނު ރެއާލުން ޖެހި ދެ ލަނޑުވެސް ކާމިޔާބު ކުރީ އެސެންސިއޯ އެވެ.

ރެއާލްގެ ފުރަތަމަ ލަނޑު އެސެންސިއޯ ކާމިޔާބު ކުރީ މެޗުގެ 10 ވަނަ މިނެޓްގަ އެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެފައި އޭނާ ބޯޅަ ފޮނުވާލި ގޯލް ތެރެއަށް އޮހިގެންދާ ގޮތަށެވެ. ވެލެންސިއާގެ ކީޕަރަށް ހުރީ ބޯޅަ ދިޔަ މިސްރާބު ނޭނގި ހަދާނެ ގޮތް ހުސްވެފަ އެވެ.

ނަމަވެސް އޭގެ އަށް މިނެޓް ފަހުން، ޓޯނީ ލަޓޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި، ކާލޯސް ސޮލޭރް ވަނީ ވެލެންސިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުގެ 35 ވަނަ މިނެޓްގައި، ބެންޒެމާ އަށް ވަނީ އަލުން ލީޑް ނަގަން ފުރުސަތެއް ލިބިފަ އެވެ. ރެއާލްގެ ކީޕަރު ކޭލޯ ނާވަސް ސައްޕުޖަހައި ކުރިއަށް ފޮނުވާލަން އުޅުނު ބޯޅަ އޭނާ އަތުން ވެއްޓުމުން، މާސެލޯ ވަނީ ބޯޅަ ހޯދައި ރެއާލްގެ ހާފުގެ މެދެއްހާ ހިސާބުގައި ހުރި، ބެންޒެމާއަށް ދީފަ އެވެ. ބެންޒެމާ އެބޯޅަ ހިފައިގެން ދުވެފައި ވެލެންސިއާގެ ޕެނަލްޓީ އޭރިއާ އާ ހަމަޔަށް ދިޔައިރު، ބޯޅަ ދެވޭ ހިސާބުގައި އެސެންސިއޯ ވެސް ހުއްޓެވެ. ނަމަވެސް ބެންޒެމާ މަސައްކަތް ކުރީ އޭނާ އަމިއްލަ އަށް އެ ބޯޅަ ޖެހުމަށެވެ. އޭނާ ޖެހި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 72 ވަނަ މިނެޓްގައި، ވެލެންސިއާއަށް ލިބުނު ހިލޭ ޖެހުމެއްގައި، ޑެނީ ޕަރޭހޯ ފޮނުވާލި ބޯޅަ ނުރައްކާ ކޮށްދިޔަ ނަމަވެސް، ރެއާލްގެ ކީޕަރު ނާވަސް ވަނީ ޕަންޗު ކޮށްލުމަށްފަހު އެބޯޅަ ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ. ވެލެންސިއާ ވަނީ 77 ވަނަ މިނެޓްގައި ލީޑް ނަގާފަ އެވެ. އެ ޓީމަށް ލީޑް ނަގައިދިނީ ޖޮއޮފްރޭ ކޮނޑައްބިއާ އެވެ.

އޭގެ ހަ މިނެޓްފަހު ލިބުނު ހިލޭ ޖެހުމެއްގައި، އެސެންސިއޯ ވަނީ ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭނާ ޖެހި ހިލޭ ޖެހުން ދިޔައީ އެ ބޯޅައަށް ހުރަސް އަޅަން ފާރެއްހެން އެތުރިގެން ތިބި ވެލެންސިއާގެ ކުޅުންތެރިންގެ އަރިމަތިން ފާރު ފޫއަޅުވާލުމަށްފަހު އެވެ.

އޭޣެ ފަހުން، ފެނިގެން ދިޔައީ ބެންޒެމާއަށް ތަނަވަސް ކޮށްދިން ފުރުސަތު ތަކެވެ. މެޗުގެ 85 ވަނަ މިނެޓްގައި އެސެންސިއޯ ބެންޒެމާއަށް ތަނަވަސް ކޮށްދިން ފުރުސަތުގައި، ބެންޒެމާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ނެވެ. އޭގެ ދެ މިނެޓް ފަހުން އެސެންސިއޯ ފޮނުވާލި ބޯޅައެއް، ވެލެންސިއާގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި އެނބުރިގެން އައި ބޯޅަ ލިބުނީ ބެންޒެމާ އަށެވެ. އޭނާ އަށް ހަމަޖެހިލާފައި އެބޯޅަ ފަސޭހައިން ގޯލަށް ފޮނުވާލެވެން އޮތެވެ. އެ ބޯޅަ ދިޔައީ ތިރިތިރިން ގޮސް ގޯލް ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ 91 ވަނަ މިނެޓްގައި ޑެނި ކަރަވާހަލް ޕެނަލްޓީ އޭރިއާގެ އަރިމަތިގައި ހުރެފައި ގޯލް ކުރި މައްޗަށް ނަގައިދިން ބޯޅަ، ބެންޒެމާ ބޮލުން ފޮނުވާލުމުން، ވެލެންސިއާގެ ކީޕަރު ނެޓޯ ވަނީ ދިފާއު ކޮށް ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

ރެއާޅްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ ފުރުސަތުތައް ލިބި ނުޖެހުނު ނަމަވެސް، ކުޅުންތެރިޔާ ކުށްވެރި ކުރެވެން ނޯންނާނެ ކަމަށާއި ބެންޒެމާ ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ.

"އަހަރެން އޭނާ [ބެންޒެމާ] އަށް މަރުހަބާ ކިޔާނީ ހިނިތުން ވުމާއެކު،" ފުރުސަތުތައް ބޭކާރު ކޮށްލުމުން ބެންޒެމާއާ ޑީލް ކުރާނީ ކިހިނެއްތޯ ސުވާލު ކުރުމުން ޒިދާން ބުންޏެވެ. "އަހަރެން އޭނާ ގާތު ބުނާނީ މަސައްކަތް އެ ގޮތުގައި ދަމަހައްޓާށޭ، އެންމެ އުނދަގޫ ކަމަކީ ލިބޭ ފުރުސަތުތަް ގޯލަކަށް ހެދުން، އޭނާ ގޯލެއް ނުޖަހާ، ނަމަވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރި އެފުރުސަތުތައް ގޯލަކަށް ހަދަން، ފުރުސަތުތައް މިސް ކޮށްލިޔަސް ކުޅުންތެރިޔާ ކުށްވެރި ކުރެވެން ނޯންނާނެ."

މެޗުން ލިބުނު ޕޮއިންޓާ އެކު ރެއާލް އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގަ އެވެ. ރޭ ސެވިއްޔާ ވަނީ ގަޓޭފޭ އަތުން 1-0 މޮޅުވެފައެވެ. އެތުލެޓިކް ބިލްބާއޯވެސް ވަނީ، އެއީބާ އަތުން 1-0 މޮޅުވެފަ އެވެ.