ކުޅިވަރު

ސަރަހައްދީ ފުޓްބޯޅައިގައި ރާއްޖޭގެ މަގާމު ނޭޕާލުން އަތުލަނީ

Aug 28, 2017
7

ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓްބޮޅައިގައި އެންމެ ވަރުގަދަ ދެ ބަރަކީ އިންޑިއާ އާއި ދިވެހިރާއްޖެ ކަމަށް، ސަރަހައްދުގެ ފުޓްބޯޅައިގެ އެނަލިސްޓުން ނާއި ނޫސްވެރިންނާއި ފުޓްބޯޅައިގެ ފަންނީ މާހިރުންވެސް އެއްބަސް ވެއެވެ. ރާއްޖެ އައި އިންޑިއާއިން ސަރަހައްދުގެ އެންމެ ވާދަވެރި ދެ ގައުމުގެ ގޮތުގައި އޮތް އޮތުމުން ރާއްޖެ މަޑުން އެކަހެރި ވަމުންދާ މަންޒަރު ދަނީ ފެންނަމުން ނެވެ. ރާއްޖެ ބާކީ ވަމުން އައިސް ރާއްޖެ އޮތް މާގާމާ ފައި ހަމަ ކުރަމުން އަންނަނީ ނޭޕާލެވެ.

އޭގެ އެންމެ ބޮޑު ހެއްކަކީ، އިއްޔަ، ނޭޕާލްގައި ނިމިގެން ދިޔަ، ސާފް ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ މުބަރާތެވެ. ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ނިކުތީ ނޭޕާލެވެ. އެ ދެ ގައުމާ އެއް ގުރޫޕެއްގައި ލައްވާލި ކަމުން ރާއްޖެ އަށް، ރާއްޖޭގެ އަމާޒު އޮތީ ކަނޑައަޅަންވެސް ނޭންގިފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައިވެސް، ރާއްޖެއަށް ވީ ހަމަ އެއްކަހަލަ ގޮތެކެވެ. ހަމަ އެ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައިވެސް ރާއްޖެ އަށް ހުރަސް އެޅީ ނޭޕާލާއި އިންޑިއާ އެވެ.

މިދިޔަ އަހަރު، އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގެ ސެމީ ފައިނަލުގައި ރާއްޖެއަށް ހުރަސް އެޅީ ނޭޕާލެވެ. އޭގެ ކުރިން، މިދިޔަ އަހަރުގެ އެންމެ ކުރީ ކޮޅު ބަންގުލަދޭޝްގައި ބޭއްވި ބަންގުބަންދު ގޯލްޑް ކަޕްގައި، ރާއްޖޭގެ ޓީމަށް ސެމީ ފައިނަލުގައި ހުރަސް އެޅީވެސް ނޭޕާލުން ނެވެ.

މިއީ އުމުރު ފުރާތަކުގެ ލެވަލްގައި ރާއްޖޭގެ ފުޓްބޯޅައިގެ ބުރަދެނެވެ. އުމުރު ފުރާތަކުގެ ކުޅުންތެރިންނަކީ، މާދަމާ ސީނިއާ ގައުމީ ޓީމަށް އަރަން ތިބި ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ ޑިވްލަޕްމެންޓަށް ކުރަން އޮތް މަސައްކަތުގައި، ރާއްޖެއަށް އޮވެވުނީ މާ ފަހަތުގަ އެވެ. އެހެން ވާން ޖެހުނީވެސް، މިދިޔަ ތިން އަހަރު ރާއްޖޭގެ ފުޓްބޯޅަ އިދާރާ ތެރޭގައި އޮތް ކޯޅުމާއި އަރާރުމާ ހެދި، އެހެން ކަމެއް ކުރާނެ ވަގުތު، ދިވެހިންނަށް ނުވުމުން ނެވެ. އެދިޔަ ތިނެއް ނުވަތަ ހަތަރު އަހަރަކީ ނޭޕާލް ފަދަ ގައުމު ތަކުން ފުޓްބޯޅައިގެ ތަސަވަރު ކުރަހައި ތަންފީޒީ މަރުހަލާތައް ފެށި ދުވަސްވަރެވެ. ރާއްޖޭގެ އެފްއޭއަށް އޮންނަން ޖެހުނީ އިންތިހާބީ މައްސަލަތަކުން އަރައި ނުގެނެވިގެންނެވެ. ފީފާގެ ސަސްޕެންޝަނެއް ކުރިމަތި ވެދާނެ ކަމުގެ ބިރުވެރި ކަމާއެކު ރާއްޖެއަށް އޮންނަން ޖެހުނީ ފުޓްބޯޅައިގެ ވިޝަނަކާ ތަސަވުރެއް ނެތި، ދެކޮޅަށް ހިނގަހިނގާ އޮތް ފެންގަނޑެއްހެން ނެވެ.

އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ، ރާއްޖޭގެ އުމުރު ފުރާތަކުގެ ފުޓްބޯޅަ ހަރުދަނާ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަަމަށް ވިދާޅުވި އެވެ. އުމުރު ފުރާތަކުގެ ގައުމީ ޓީމުތަކަށްވެސް ހާއްސަ އިސްކަމެއް ދެއްވަނެ ކަމަށް ވިދާޅުވި އެވެ. އެފްއޭއެމުން ވަނީ އުމުރު ފުރާތަކުގެ ގައުމީ ޓީމުތައް ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅެއް އަޅާފަ އެވެ. އެގޮތުން ފުރަތަމަ ޑިވިޝަންގެ ޓީމުތަކަށް ކޯޗް ކޮށްދީފައިވާ ކޯޗުން، އުމުރު ފުރަތަކުގެ ގައުމީ ޓީމުތަކަށް ހަމަޖެއްސުމަކީ އެފްއޭއެމުން ގެނައި ފާހަގަ ކުރަން ޖެހޭ ބަދަލެކެވެ. އެގޮތުން ފަނަރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗްކަން ހަވާލު ކޮށްފައި ވަނީ، ބީޖީ ސްޕޯޓްސް އާއި ވިކްޓަރީގެ ކުރީގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. ނަވާރަ، އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗްކަން ހަވާލު ކޮށްފައި ވަނީ، އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) އަށެވެ.

މިއީ ރަނގަޅު ބަދަލެއްގެ ފެށުމެވެ. މި ފެށުމާއެކު ހަރުދަނާ ކުރަން ޖެހޭ އެހެން ކަމެއް ވެސް އެބައޮތެވެ. އުމުރު ފުރާތަކުގެ ގައުމީ ޓީމުތަކުގެ ޑިވްލަޕްމެންޓަށް ޕްލޭނެއް އެކުލަވާލައި މަސައްކަތް ކުރަން އެބަ ޖެހެއެވެ. މެޗުތަކެއް ކުޅެގެން ތަޖުރިބާއެއް ލިބިދާނެ އެވެ. ނަަމަވެސް ޕްލޭނެއް ނެތި ކުރިއެރުން ހޯދަން އުނދަގޫ ވާނެ އެވެ. ޕްލޭން އެކުލަވާލުމުގައި، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ފުޓްބޯޅައިގެ އެކްސްޕާޓުންގެ ހިޔާލާއި މަޝްވަރާ ހޯދަން ޖެހެއެވެ.

ދެހާސް ބާރަ ވަނަ އަހަރު ޒުވާން ގައުމީ ޓީމު ވަނީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސާ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އެ މުބާރާތުގެ ކާމިޔާބަށް ފަހު އެ ޓީމާމެދު ގިނަ ބަޔަކު ފޮނި އުންމިދުތަކެއް ކުރިއެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތުގައި މަސައްކަތް ނުކުރެވުމުގެ ނަތީޖާއަކީ އެޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިންނަށް ސީޒނިއާ ޓީމުންވެސް ޖާގަ ނުލިބުމެވެ.

ޒުވާން ޓީމުތަކާ މެދު ދެ ވަނަ ފަހަރަށް މިފަދަ ގޮތެއް ވާކަށް ފުޓްބޯޅައިގެ އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. އިންޑިއާ އާއި ނޭޕާލުން އެގައުމުގެ މާދަމާގެ ފުޓްބޯޅައިގެ ތަސްވީރު ކުރަހައި ކުލަ ޖައްސަމުން ދަނީ އެވެ. ރާއްޖެއަށް އަދި މިއުޅެނީ މަންޒަރުވެސް ސިފަ ނުވެގެންނެވެ. ދިވެހިން ހޭލަން އެބަޖެހެ އެވެ.