ހަބަރު

ރިޝްވަތު ދައުވާގެ ލިޔުންތައް ފާރިސްއާ ހަވާލުކޮށްފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް ފެށުމަށް ލިޔެކިޔުންތައް މިއަދު ހަވާލުކޮށްފި އެވެ.

ލިޔެކިޔުންތައް ހަވާލުކުރުމަށް އިއްޔެ ވެސް ފާރިސް ކުރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. ނަމަވެސް ވަކީލުންނާ ނުލާ ހާޒިރުކުރުމުން އިއްޔެ ފާރިސް ވަނީ ލިޔެކިޔުންތަކާ ހަވާލުވުމަށް އިންކާރުކޮށްފަ އެވެ. މިއަދު ފާރިސް ލިޔެކިޔުންތަކާ ހަވާލުވީ، ވަކީލުންގެ ހާޒިރުގަ އެވެ.

ފާރިސް މިހާރު ހުންނެވީ ރިޝްވަތު ދިނުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ރިޝްވަތު ދިނުމުގެ ތުހުމަތު ފާރިސްއަށް ފުލުހުން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާއިދު ހޯދަން މަޖިލީހުގެ އެހެން މެންބަރުންނަށް ރިޝްވަތު ހުށަހެޅުމަށް އިސްވެ އުޅުނު ކަމަށް ބުނެ އެވެ.

މި މައްސަލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކޮށް މިހާރު ވަނީ ހުކުމް ވެސް ކޮށްފަ އެވެ. ގާސިމްގެ މައްޗަށް ކޮށްފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އެ ދައުވާ އޭނާއަށް ކުރަނީ ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ އެވެ.