ރާއްޖެ ކުޅިވަރު

ލީގުގައި ފެށުން ރަނގަޅުކުރުން ވަރަށް މުހިންމު: ނިއު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިރޭ ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު، މި މެޗުން މޮޅުވެ ލީގުގައި ފެށުން ރަނގަޅުކުރުން ވަރަށް މުހިންމު ކަމަށް ނިއު ރޭޑިއަންޓް އިން ބުނެފި އެވެ.

ފާއިތުވި ތިން އަހަރުގެ ލީގު ޗެމްޕިއަން ނިއު ލީގުގެ ފުރަތަމަ މެޗަށް ނުކުންނައިރު، މި ސީޒަންގައި މިހާތަނަށް ނިއު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެކަަަމަކު މިރޭ ވިކްޓަރީއާ ދެކޮޅަށް ނުކުންނާނީ މި ސީޒަންގައި މީގެ ކުރިން ދިމާވި ކަންތައްތައް ހަނދާން ނައްތާލައި، އާ ފެށުމަކަށް ކަމަށް ނިއުގެ އެސިސްޓަންޓް ކޯޗު ހަސަން ހަމީދު (ޑަކޭ) ވަނީ އިއްޔެ ބުނެފަ އެވެ.

"މި އަހަރު ކުރިން ދިމާވި ކަންތައްތައް ހަނދާން ނައްތާލައި، ނިއު އިން ކުރިއަށް ދެން ވިސްނާނީ،" މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑަކޭ ބުންޏެވެ. "އަޅުގަނޑުމެން މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި އޮތީ. މި މެޗުން މޮޅުވެ، ލީގުގެ ފެށުން ރަނގަޅުކުރުން ވަރަށް މުހިންމު."

އޭއެފްސީ ކަޕްގައި ނިއު އެންމެ ފަހުން ކުޅުނު މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑާ ރަށުން ބޭރުގައި ކުޅުނު މެޗު ވަނީ އެއްވަރުވެފަ އެވެ. ހަތަރު މަސް ދުވަހު ކުުޅުމާ ދުރުގައި ހުރުމަށް ފަހު، ނިއުގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) ވަނީ އެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފަ އެވެ.

ޑަކޭ ބުނީ ސެންޓޭ އެނބުރި އައުމަކީ ނިއު އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި މިރޭގެ މެޗުގައި ވެސް ސެންޓޭ ފެންނާނެ ކަމަށެވެ.

އެކަމަކު ނިއު އަށް ކުޅުނު އިންގްލެންޑްގެ ފޯވަޑް ޑޭވިޑް މޯލީ ދެން އެ ޓީމުން ނުފެންނާނެ ކަމަށް ޑާކޭ ބުންޏެވެ. މޯލީ އާއި ނައިޖީރިއާގެ މިޑްފީލްޑަރު ޕެޓްރިކް ނިއު އިްނ ވަނީ ދޫކޮށްލައިފަ އެވެ. ނިއުގައި ބިދޭސީ ކުޅުންތެރިންނަށް މިހާރު ތިބީ ސްލޮވާކިއާގެ މިޑްފީލްޑަރު ވިލިއަމް މައްކޯ އާއި އުޒްބެކިސްތާންގެ ގޯލްކީޕަރެވެ.

"ނިއު އިން ދެން އިތުރު ބިދޭސީ ކުޅުންތެރިންނަށް ވިސްނާނީ ޖޫންގެ ޓްރާންސްފާގައި،" ޑަކޭ ބުންޏެވެ.

ވިކްޓަރީ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މި މެޗަކީ "ހެންވޭރާއި ގަލޮޅުގެ ކުރިމަތިލުމެއް" ކަމަށެވެ. އަދި ވިކްޓަރީން މެޗަށް ނުކުންނާނީ ނިއުގެ ފެންވަރު ވަރަށް ރަނގަޅަށް އެނގިގެން ކަަމަށެވެ.

"ނިއު އަކީ ކޮންމެ ގޮތެއް ވިޔަސް ވިކްޓަރީ އަށްވުރެ ވަރުގަދަ ޓީމެއް. އެހެންވީމަ ވިކްޓަރީ ކުޅެންޖެހޭނީ ޑިފެންސިވްކޮށް، ކައުންޓާ އެޓޭކްގައި ފުރުސަތު ތަނަވަސްކުރަން. އެޓޭކްކުރަން އުޅޭފިއްޔާ ނިއު އިން ލަނޑުތަކެއް ޖަހާނެ،" ނާދު ބުންޏެވެ.

ނާދު ބުނީ ރަނގަޅު ނަތީޖާތަކަށް ވިކްޓަރީން އުންމީޑު ކުރާ ކަމަށެވެ. އެކަމަކު ވާދަވެރި މެޗެއް ނުކުޅެ އޮތުމުން އެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ.

"ނިއު އިން ވާދަވެރި މެޗުތަކެއް ކުޅެފި. ވިކްޓަރީން ޕްރެކްޓިސް ވެސް ފެށީ ވަރަށް ފަހުން. އެކަމަކަު ވެސް ރަނގަޅު ނަތީޖާއެއް ނެރެން މަސައްކަތްކުރާނީ،" ނާދު ބުންޏެވެ.

ލީގުގެ ފުރަތަމަ މެޗުގެ ކުރިން މިރޭ ލީގު ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތެއް އޮންނާނެ އެވެ. ގަލޮޅު ދަނޑުގައި ހުޅުވުމުގެ ރަސްމިއްޔާތު ފަށާނީ 20:00ގަ އެވެ. މެޗު ފަށާނީ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު އެވެ. މިރޭ ދަނޑަށް ވަނުން އޮތީ ހިލޭ އެވެ.