ހަބަރު

ރައީސް ޔާމީންގެ ގެކޮޅު ޝީޓްޕައިލް ކުރަން ފަށައިފި

Aug 29, 2017
22

މިދިޔަ އަހަރު އޮގަސްޓު މަަހުގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައްލަވައިގެންފައިވާ ހ. ނޫފަރު ގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ނޫފަރަކީ މާލޭ އިރުމަތީ ފަރާތުގެ ބޮޑުތަކުރުފާނުމަގައި ހުންނަ 2،900 އަކަފޫޓުގެ ގެއެކެވެ. ނޫފަރު ގެއާ ޖެހިގެން އޮންނަ 40 އަކަފޫޓުގެ ކުޑަ ބިމެއް ވެސް ރައީސް ޔާމީން ވަނީ ބައްލަވައިގެންފަ އެވެ. އެއީ އެ މަނިކުފާނު ކުރިން ދިރިއުޅުއްވި އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ކަމަށްވާ ގ. ދޫވެހިއާ ބަދަލުކޮށްގެންނެވެ. އެ މުއާމަލާތް ސައްހަ ކަމަށް ކޯޓުން ވަނީ ނިންމައި، ނޫފަރު ގޭގެ މިލްކުވެރިއަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅައިފަ އެވެ.

ނޫފަރުގޭގެ ނަން ދޫވެއްސަށް ބަދަލުކޮށް، ދޫވެހީގޭގެ ނަން މިހާރު ވަނީ ނޫފަރަށް ވެސް ބަދަލުކޮށްފަ އެވެ.

މާލޭގައި އަޅާ އިމާރާތްތައް ޝީޓް ޕައިލް ކުރުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ. އެގޮތުން ވަރަށް ބޮޑެތި އިމާރާތްތައް ފިޔަވާ އެ މަސަައްކަތްކޮށް ނޫޅެ އެވެ. ނަމަވެސް ރައީސް ޔާމީންގެ ގެކޮޅު ނަގަނީ ކިތައް ބުރިޔަށް ކަމެއް ސާފެއް ނުވެ އެވެ. އާންމު ގޮތެއްގައި ޝީޓްޕައިލް ކުރާ އިރު އެ ސަރަހައްދުގެ ގެތަކަށް ވަރަށް ބޮޑަށް ލޮޅުން އަރަ އެވެ. ބައެއް ފަހަރު ގެއްލުންވެސް ލިބިފައި އެބަހުއްޓެވެ. ނަމަވެސް މި މަސް ތެރޭގައި ރައީސް ޔާމީންގެ ގެކޮޅު ޝީޓް ޕައިލް ކުރަން ފަށާފައިވާ އިރު، އަދި މިހާތަނަކަށް އެފަދަ ޝަކުވާއެއް ލިބިފައެއް ނުވެ އެވެ.

ވެރިކަމާ ހަވާލުވި ފަހުން ރައީސް ޔާމީން ދޫވެހީގައި ދިރިއުޅުއްވި ނަމަވެސް އެމަނިކުފާނުގެ އާއިލާއާ އެކު މިހާރު ދިރިއުޅުއްވަނީ އާންމު ގޮތެއްގައި ނައިބު ރައީސުންނަށް ހާއްސަކޮށްފައިވާ ހިލާލީގޭގަ އެވެ.