ރާއްޖެ ކުޅިވަރު

ދިވެހި ޕްރިމިއާ ލީގު ހުޅުވުމުގެ ގޮތުން ހަވާ އަރުވަނީ، ދަނޑަށް ވަނުން ހިލޭ

އުރީދޫ ދިވެހި ޕްރިމިއާ ލީގު ހުޅުވުމުގެ ގޮތުން މިރޭ ގަލޮޅު ދަނޑުގައި ކުލަގަދަ ރަސްމިއްޔާތެއްގައި ބާއްވާ، ހުޅުވުމުގެ ރަސްމިއްޔާތާއި ނިއު ރޭޑިއަންޓާއި ވިކްޓަރީ ބައްދަލުކުރާ ލީގުގެ ފުރަތަމަ މެޗު ބެލުމަށް ދަނޑަށް ހިލޭ ވަދެވޭ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިފަ އެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން މިރޭ ބާއްވާ ރަސްމިއްޔާތުގައި ހަވާ އަރުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށް އެފްއޭއެމް އިން ބުނެ އެވެ.

"މިއީ ލީގު ހުޅުވުމުގެ ގޮތުން މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ ރަސްމިއްޔާތަށް ވެގެންދާނެ،" އެފްއޭއެމްގެ އޮފިޝަލެއް ވިދާޅުވި އެވެ.

އަދި 2013 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޮވުމާއި އެ ދެ ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އަށް އެވޯޑް ދިނުން މިރޭގެ ރަސްމިއްޔާތުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ. އަދި އެފްއޭއެމް އިން ދޭ ރެކޮގްނިޝަން އެވޯޑްތަކެއް ވެސް މިރޭގެ ރަސްމިއްޔާތުގައި ދޭނެ އެވެ.

ދިވެހި ޕްރިމިއާ ލީގަކީ ކުރިން ކުޅެމުންދިޔަ ދިވެހި ލީގު ރީބްރޭންޑްކޮށް، ބަދަލުތަކާއެކު އަލަށް ތައާރަފްކުރި ލީގެކެވެ. ކުރިން ދިވެހި ލީގުގެ ޗެމްޕިއަން ޓީމަށް 100،000 ދިން ނަމަވެސް، މި އަހަރުން ފެށިގެން ލީގު ޗެމްޕިއަން ޓީމަށް އެއް މިލިއަން ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ އެވެ. އަދި ލީގުގެ އެހެން މަގާމުަކަށް ވެސް ދޭ ފައިސާގެ އިނާމު ވަނީ ބޮޑުކޮށްފަ އެވެ. ކުރިން ތިން ބުރަކަށް ބަހާލައިގެން ލީގު ކުޅުނު ނަމަވެސް، މި އަހަރުން ފެށިގެން ކުޅޭނީ ދެ ބުރެވެ.