ކުޅިވަރު

ޔާމަލެންކޯ ޑޯޓްމަންޑަށް ބަދަލުވެއްޖެ

ބާސެލޯނާއަށް ބަދަލުވި ފްރާންސްގެ ގައުމީ ޓީމުގެ ފޯވާޑް އޮސްމާން ޑެމްބެލޭ ނެތްތަން ފޫބެއްދުމަށް ޔޫކްރެއިންގެ ތަރި އަންދްރޭ ޔާމަލެންކޯ ޖަރުމަންގެ ބޮރޫސިޔާ ޑޯޓްމަންޑްއަށް ގެނެސްފި އެވެ. އޭނާ ޑޯޓްމަންޑްއަށް ބަދަލުވެފައި މިވަނީ ޔޫކްރެއިންގެ ގަދަބާރު ޑީނަމޯ ކިޔޭވް އިންނެވެ. ރިޕޯޓްތަށް ބުނާގޮތުގައި ޑޯޓްމަންޑްއިން ވަނީ ޑީނަމޯ ކިޔޭވްއަށް 25 މިލިޔަން ޔޫރޯގެ ފީއެއް ދައްކާފަ އެވެ.

27 އަހަރުގެ ޔާމަލެންކޯ ޑޯޓްމަންޑަށް ގުޅިފައިމިވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ކެރިޔަރުގެ 10 އަހަރު ޑީނަމޯ ކިޔޭވްގައި ހޭދަކުރި ޔާމަލެންކޯ ވަނީ އެޓީމަށް 228 މެޗު ކުޅެ 99 ގޯލް ކާމިޔާބުކޮށދީފައެވެ. ޔޫކްރެއިންގެ ގައުމީ ޓީމަށް 68 މެޗުން 29 ގޯލް ކާމިޔާބުކޮށްދީފައިވާ ޔާމަލެންކޯ އަކީ ޔުންރެއިންގެ ގައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އެވެ.

ގައުމީ ޓީމާއި ކްލަބަށް މޮޅު ކުޅުމެއް ދައްކަމުން އައިސްފައިވާ ޔާމަލެންކޯ އަކީ އިންގްލެންޑްގެ ގިނަ ކްލަބްތަކެއްގެ މެދުގައި މަގްބޫލު ކުޅުންތެރިޔެކެވެ. ވޭތުވެދިޔަ އަހަރު ތަކުގައި އިނގިރޭސި ގިނަ ކްލަބްތަކަކުން އޭނާގެ ސޮއި ހޯދަން މަސައްކަތް ކުރިނަމަވެސް ޔާމަލެންކޯ ވަނީ ޕްރިމިޔާ ލީގަށް ނޫނެކޭ ބުނެފަ އެވެ.

ޔޫކްރެއިންގެ އެންމު މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ޔާމަލެންކޯ އަކީ މިދިޔަ އަހަރުގެ ޔޫކްރެއިން ލީގުގެ އެންމެ ގިނަ ގޯލް ކާމިޔާބު ކުރި ކުޅުންތެރިޔާވެސް މެއެވެ.