ލައިފްސްޓައިލް

ބަނޑުބޮޑު ދުވަސްވަރު ކެއުން ބަހައްޓާނީ ކިހިނެއް؟

Sep 2, 2017

ބަނޑުބޮޑުކަން އެނގޭ ހިސާބުން ހުރިހާ އެންމެން ވެސް ބުނާނީ ދެންވާނީ ދެމީހުންގެ ކެއުން ކާށެވެ. އެއީ މީހާގެ ބަރުދަނާ އެކަށީގެންވާ ވަރު ނުވި ނަމަވެސް ދެ މީހުންގެ ކެއުން ކާން އާންމުކޮށް ދިވެހިންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ބާރު އަޅަ އެވެ. ނަމަވެސް މި ގަބޫލު ކުރުންތައް ދޫކޮށްލަން ޖެހެ އެވެ. އަދި ދެމީހުންނަށް ބަލައިގެން ގިނައިން ކެއުމުގެ އާދަ ދޫކޮށްލަން ޖެހެ އެވެ. ނަމަވެސް ކާއިރު ކާން ވާނީ ދަރިފުޅަށް ވެސް ބޭނުންވާ ވަރަށް ބަލައިގެންނެވެ.

އެންމެ ފުރަތަމަ ކަމަކަށް ވިސްނަންވީ ފުރަތަމަ ޓްރިމިސްޓާގައި ބަނޑުގައި އޮންނަ ދަރިފުޅު އަދި ވާނީ ކުޑަކުޑަ އޮށެއް ވަރެވެ. އަދި އެވަރުގައި އޮންނައިރު ބޭނުންވާނީ 100 ކެލޮރީސް އެވެ. އަދި 300 ކެލޮރީސް ބޭނުންވާނީ ތިންނަ ވަނަ ޓްރިމިސްޓާގަ އެވެ.

އެންމެ އާންމުކޮށް ބަނޑުބޮޑު ދުވަސްވަރު ދިމާވާނެ އެއް މައްސަލައަކީ ލޭ މައްޗަށް ދިއުމާއި ހަކުރު މައްޗަށް ދިއުމުގެ އިތުރުން ހަށިގަނޑު ގޭސް ވުމުގެ މައްސަލަ އެވެ. ހާއްސަކޮށް މިއީ ބަނޑު ބޮޑު ވުމުގެ ކުރިން ނުވަތަ ބަނޑު ބޮޑު ވުމަށްފަހު އާދަޔާ ޚިލާފަށް ބަރުދަން އިތުރުވާ މައިންނަށް އާންމުކޮށް ދިމާވާ މައްސަލަ ތަކެވެ. މި ސަބަބާހެދި ދެމީހުންގެ ކެއުން ކާ އުސޫލު ބަދަލުކޮށް ފައިދާ ހުރި ކާނާއަށް ކެއުމަށް އިސްކަން ދޭންޖެހެ އެވެ.

ހާއްސަކޮށް ބަރުދަން އިތުރު އަންހެނުން ބަނޑު ބޮޑު ވުމުގެ ކުރިން ބަރުދަން ކޮންޓްރޯލުކުރަން އިސްކަން ދޭންޖެހެ އެވެ.
ބަނޑުބޮޑު ދުވަސްވަރު އެންމެ އިސްކަމެއް ދޭންވާނީ މައިމީހާއާ ދަރިފުޅުގެ ސިއްހަތަށެވެ. އެގޮތުން ގަވައިދުން ޑޮކްޓަރަށް ދައްކާ ބަރުދަން ކޮންޓްރޯލު ކުރަންޖެހެ އެވެ. އަދި ކެއުން ވެސް ކޮންޓުރޯލު ކޮށްގެން ވަކި ހައްދެއްގެ ތެރޭގައި ގެންގުޅެން ޖެހެ އެވެ.