ކުޅިވަރު

ގްރީން ސްޓްރީޓްގެ ފަރުހާދާއި އޮފިޝަލަކަށް އަދަބުދީފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް އަތުން 0-1 ބަލިވި މެޗުގައި ކުޅިވަރުގެ ރޫހާ ހިލާފު އަމަލު ހިންގި ގްރީންގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) އާއި އެޓީމުގެ އޮފިޝަލް އާތިފް ރަޝީދައަށް އެފްއޭއެމުން އަދަބުދީފި އެވެ.

އާތިފް ރަޝީދް ހަތަރު މެޗަށް ސަސްޕެންޑުކޮށް 6000 ރުފިޔާއި ޖުރިމާނާކޮށްފައިވާއިރު އެޓީމުގެ ކެޕްޓަން ފަރޭ ވަނީ ތިންމެޗަށް ސަސްޕެންޑްކޮށް 3000 ރުފިޔާއިން ޖޫރިމާނާކޮށްފައެވެ.

އެފްއޭއެމްއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މެޗުގެ 23 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ އެސިސްޓަންޓް މެނޭޖަރު ކުޅުންތެރިއަކު ބަދަލުކުރުމަށް ފޯތު އޮފިޝަލް ކައިރިއަށް އައިސް ހުއްޓާ ނިއުގެ ކޯޗު، ގްރީންގެ ކުޅުންތެރިން ލަސްކުރާ ކަމަށް ބުނެ ޝަކުވާކުރުމުން އެކަމާ ހިތްހަމަނުޖެހިގެން ނިއުގެ ކޯޗަށް ނިސްބަތްކޮށް އަމަލާއި ބަހުން ކުޅިވަރުގެ ރޫހާ ހިލާފުވެފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އޭނާ ބެންޗުން ފޮނުވާލުމުން ދެ ވަނަ ފަހަރަށް ނިއުގެ ކޯޗަށް ނިސްބަތްކޮށް ކުޅިވަރުގެ ރޫހާ ހިލާފުވާފަދަ ބަހުރުވަ ބޭނުންކޮށް އެފަދަ އިޝާރާތެއްކޮށް އަދި ދުވެފައި ގޮސް ނިއުގެ ކޯޗުގެ ހައްޓަށް ހަމަލާދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ފަރުހާދު ބަދަލުކުރުމުން އޭނާ ސަޕޯޓަރުންގެ ތެރޭގައި އިނދެ ކުޅިވަރުގެ ރޫހާ ހިލާފުވާފަދަ ބަހުރުވަޔަކުން ރެފްރީއަށް ނިސްބަތްކޮށް ހަޅޭއްލަވަފައިވެ އެވެ. އަދި އޭނާ އަކީ ކްލަބުގެ ކެޕްޓަނަނަށްވެ ހުރެ ސަޕޯޓަރުންގެ ތެރޭގައި އިނދެ އެފަދަ ބަހުރުވަޔަކުން ވާހަކަ ދެއްކުމަކީ މާހައުލު އިތުރަށް ހޫނުވެ މިކަމަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށާއި މިއީ މިފަދަ މަގާމެއްގައި ހުރި ފުޓްބޯޅަ ކުޅުންތެރިއެއްގެ ފަރާތުން ފެނުނު ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.