ކުޅިވަރު

އާސެނަލް ދޫކޮށް ގިބްސް ވެސްޓް ބްރޮމްއަށް

އާސެނަލްގެ ލެފްޓް ބެކް ކެއިރެން ގިބްސް 7 މިލިޔަން ޕައުންޑުގެ އަގަކަށް ވެސްޓް ބްރޮމްއަށް ބަދަލު ވެއްޖެއެވެ. އޭނާ ވަނީ ވެސްޓް ބްރޮމް އާއެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އިންގިރޭސި ގައުމީ ޓީމަށް 10 މެޗު ގިބްސް ވަނީ ކުޅެދީފައެވެ. އުމުރުން 14 އަހަރުން ފެށިގެން އާސެނަލްގެ އެކި އުމުރު ފުރާތަކަށް ކުޅެމުންއައިސް އޭނާވަނީ އާސެނަލްއަށް 230 މެޗު ކުޅެދިފައެވެ.

ގިބްސް ވަނީ އާސެނަލްގެ ކޯޗު އާސެން ވެންގާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި ވެސްޓް ބްރޮމްގައި އާ ޗެލެންޖަކާ ކުރިމަތިލާން ތައްޔާރުކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހޯދާފައިވާ ވެސްޓް ބްރޮމްއިންވަނީ އެޓީމު ވަރުގަދަ ކުރުމަށް ކުޅުންތެރިންތަކެއް ގެނެސްފައެވެ. މިދިޔަ ސީޒަނުގައި ޖަރުމަންގެ ކްލަބް ރެޑްބުލް ލެއިޕްޒިގްއަށް ކުޅުނު ސްކޮޓްލެންޑްގެ ޒުވާން ކުޅުންތެރިޔާ އޮލިވާ ބްރޫކް ވެސް ވަނީ ވެސްޓް ބްރޮމްއަށް ގެނެސްފައެވެ. އޭނާގެ ސޮއި ހޯދުމަށް ވެސްޓް ބްރޮމްއިންވަނީ 15 މިލިޔަން ޕައިންޑް ހޭދަކޮށްފައެވެ.

މީގެ އިތުރުން އެޓީމުންވަނީ ސައުތުހެމްޓަންއަށް ކުޅުނު ފޯވާޑް ޖޭ ރޮޑްރިގޭޒް 12 މިލިޔަން ޕައުންޑަށް އެޓީމަށް ގެނެސްފައެވެ. އޭނާވަނީ ސައުތުހެމްޓަންއަށް 104 މެޗު ކުޅެ 26 ގޯލު ކާމިޔާބުކޮށްދީފައެވެ.